މަންޓާގެ ފުރަތަމަ ސީޕްލޭން ގެނެސްފި، ދަތުރުތައް ނޮވެމްބަރުގައި ފަށަނީ

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭޭން ރާއްޖެ އައުން - ސަން ފޮޓޯ// ފަރީހާ އަބްދުﷲ

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.

އެ އެއާލައިނުން ސީޕްލޭން ދަތުރުތައް ފެށުމަށް ބޭނުންކުރާނެ 10 ފްލައިޓު ގެންނަން ނިންމާފައިވާއިރު މިއަހަރު ހަތް ފްލައިޓް ގެންނާނެ އެވެ. މަންޓާ އިން ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރުމަހު ސީޕްލޭން ދަތުރުތައް ފެށުމަށެވެ.

އެ އެއާލައިނުގެ ފުރަތަމަ ސީޕްލޭނަށް މަރުހަބާ ކިޔުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ފްލައިޓު ރަންވޭގައި ޖެއްސުމާއެކު ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފަ އެވެ.

މިއަދު ގެނައި ފްލައިޓަނީ ދެ ޕައިލޮޓުންނާއެކު 15 މީހުންގެ ޖާގައިގެ ފްލައިޓެކެވެ. މިއީ އެންމެ ފަހުގެ ޓެކްނޮލަޖީ، ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާއެކު ވެދާ ރާޑަރެއް ހިމެނޭ ފްލައިޓެކެވެ. މި ފްލައިޓުތަކަކީ އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށްވުރެ ލުއި، ފަސިންޖަރުންނަށް ފަސޭހަވާނެ ފްލައިޓުތަކެއް ކަމަށް މަންޓާ އިން ބުންޏެވެ.

މަންޓާގެ ދެވަނަ ސީޕްލޭން މާދަމާ ރާއްޖެ އަންނާނެ އެވެ.

މަންޓާ އިން ބުނީ އެ އެއާލައިނުގެ ސީޕްލޭން ހިދުމަތާއެކު ކަސްޓަމަރުންނަށް "މަންޓާ" ސްޓޭންޑާޑުގެ ހިދުމަތް ދޭނެ ކަމަށެވެ. ފްލައިޓު ޝެޑިއުލް ދުރާލާ އާންމުކޮށް ފަސިންޖަރުންނަށް ސީޓް ބުކް ކުރެވޭނެ ކަމަށް މަންޓާ އިން ބުންޏެވެ.

އެ އެއާލައިނުގެެ ސީއޯއޯ އެޑްވާޑް ވިދާޅުވީ މަންޓާ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ހިތްހަމަ ޖެހޭނެފަދަ ހިދުމަތެއް ދިނުމަށް ކަމަށެވެ. މަންޓާއިން ޑޮމެސްޓިކް ދަތުރުތައް ފެށައި، އެ ސެކްޓާޢަށް އިންގިލާބ ބަދަލުތަކެއް ގެނެސްފައިވާކަން އެޑްވާޑް ފާހަގަ ކުރެއްވި އެވެ.

މަންޓާގެ ސީއެމްއޯ އަހުމަދު މައުމޫނު ވިދާޅުވީ އެ އެއާލައިނުގެ ސީޕްލޭން ދަތުރުތައް ފުރަތަނަ ފަށާނީ މަންޓާއިން ދަތުރުކުރާ އެއާޕޯޓުތަކާ ކައިރީ އޮންނަ ރިސޯޓުތަކަށް ކަމަށެވެ. ފަތުރުވެރިންނަށާއި ދިވެހިންނަށް ވެސް މަންޓާގެ ސީޕްލޭންތަކުން ފުރިހަމަ ހިދުމަތެއް ދޭނެކަން މައުމޫނު ފާހަގަ ކުރެއްވި އެވެ.

މަންޓާ އެއާއިން ރާއްޖޭގައި ވައިގެ ދަތުރުގެ ހިދުމަތް ދޭންފެށިތާ ހަތް މަސްވެފައިވާއިރު ދ. ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓަށާއި ބ. ދަރަވަންދޫ އެއާޕޯޓަށް އެ އެއާލައިނުގެ ދަތުރުތައް ކުރެ އެވެ.

comment ކޮމެންޓް