ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ސުލޫކީ މައްސަލަ ބެލުމަށް އެ ކޮމިޝަނުން މިއަދު ނިންމި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ.
މިކަމާ ގުޅޭގޮތުން ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް" ގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އެ ކޮމިޝަނުން މިއަދު ނިންމި ކަމަށެވެ.
ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމި މައްސަލަތައް
- ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މައްދާގެ (ބ) އުވާލައި، އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ އަށް ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން
- ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާ ކުރުން - އިސްތިއުނާފު ކުރުމުގެ މުއްދަތު ކުޑަކޮށް އެ މުއްދަތާ ގުޅޭގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލު ކުރުން
- ދަށު ކޯޓުތަކުގެ ގާޒީން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައި، ގާނޫނުގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ދީފައިވާ ބާރު ނެގުން
ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރި ކުރުން
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަދި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުން
އެޗްއާރުސީއެމްގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުން އިސް ނަގައިގެން އެ ކޮމިޝަނުގެ މައްޗަށް ސުމޯޓޯ ހިންގުން އަދި އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ކަނޑައެޅުން - ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރުން
ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅުން - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީއިން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކުރުމުން މެމްބަރު ކަމުން ވަކިވާނޭ ކަމަށް ކަނޑައެޅުން
- މަޖިލީހުން ނިންމާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ސައްހަވާނީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން ކަމުގައި ކަނޑައެޅުން
އެކެއް ފެބުރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެ ކޯޓުން ބާތިލު ކުރުން - ސުޕްރީމް ކޯޓުން ސާކިއުލަތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު ގާނޫނު ހެދުން
"ސަން" އަށް އެނގިފައިވާގޮތުގައި ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ނިންމުމުން އެ ނިންމުމަށް ގޮންޖައްސަވައި އެކަމާ ދެކޮޅަށް އަބްދުﷲ ދީދީ ހުށަހެޅުއްވި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމި މައްސަލަ ވެސް ހިމެނެއެވެ.
އޭގެއިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ދަށުން ވަކިކޮށް ސުޕްރީމް ކޯޓުގެ ދަށަށް މީގެކުރިން ގެނައީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ޖޭއެސްސީން ކަނޑައަޅާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖައްސަވައި، ގާނޫނީ ވަކީލަކު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާތީ އެކަން ވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން މިއަދު ވަނީ ނިންމާފައެވެ.