ތޯމަސް ކުކްގެ 555 ޓްރެވެލް އޭޖެންސީ ވާދަވެރި ކުންފުންޏަކުން ގަންނަނީ

މިދިޔަ މަހު ތޯމަސް ކުކް ވަނީ ބަނގުރޫޓުވެފަ -- ފޮޓޯ: ގެޓީ

ލަންޑަން (އޮކްޓޯބަރު 9): އިނގިރޭސިވިލާތުގައި ހުންނަ ތޯމަސް ކުކްގެ ހުރިހާ ޓްރެވެލް އޭޖެންސީއެއް ވާދަވެރި ކުންފުންޏަކުން ގަންނަން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ ހޭސް ޓްރެވެލް ކުންފުނިން ތޯމަސް ކުކްގެ 555 ޓްރެވެލް އޭޖެންސީ ގަތުމުން 2،500 މީހުންގެ ވަޒީފާ ސަލާމަތް ކުރެވޭނެ އެވެ. އަދި އެކުންފުނިން ވަނީ ތޯމަސް ކުކްގެ 600 މުވައްޒަފުންނަށް ވަޒީފާދީ، އިތުރު މީހުންނަށް އަދި ވަޒީފާ ދޭނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ހުންނަނީ ހޭސް ކުންފުނީގެ 190 އޭޖެންސީއެއް ކަމުން އެއީ އެކުންފުންޏަށް އަންނަ ވަރަށް ބޮޑު ބަދަލެއް ކަމަށް ވެރިޔާ ޖޯން ހޭސް ބުންޏެވެ. މީގެ 40 އަހަރު ކުރިން އުފެއްދި ހޭސް ކުންފުނީގެ ސޭލްސް މިދިޔަ އަހަރު 379 މިލިއަން ޕައުންޑަށް އެރި އިރު އެކުންފުނިން ވަނީ 10 މިލިއަން ޕައުންޑު (12 މިލިއަން ޑޮލަރު)ގެ ފައިދާއެއް ލިބުނު ކަމަށް ރިޕޯޓުކޮށްފަ އެވެ.

ހޭސްއިން ވަނީ އެކުންފުނިން ގަތް ޓްރެވެލް އޭޖެންސީތައް ހުޅުވުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށް ބުނެފަ އެވެ.

ދެ ބިލިއަން ޑޮލަރުން ދަރަނިވެރިވެފައިވާ ތޯމަސް ކުކް ބަނގުރޫޓުވީ އެކުންފުނި ސަލާމަތް ކުރުމަށްޓަކައި ޝެއާހޯލްޑަރުންގެ ފަރާތުން 250 މިލިއަން ޑޮލަރު އެއްކުރަން މަސައްކަތްކުރަމުން ދަނިކޮށް މިދިޔަ މަހުގަ އެވެ. އޭގެ ސަބަބުން އެކުންފުނީގެ ވިޔަފާރިތަކާއި ހަތަރު އެއާލައިންގެ މަސައްކަތްތައް ހުއްޓާލި އެވެ. އަދި 16 ގައުމެއްގައި ތިބި އެކުންފުނީގެ 21،000 މުވައްޒަފުންގެ ވަޒީފާ ގެއްލުނެވެ.

އެހެންކަމުން، ގައުމުން ބޭރުގައި ޗުއްޓީ ހޭދަ ކުރަން ގޮސްތިބި ތޯމަސް ކުކްގެ ކަސްޓަމަރުން އަނބުރާ އިނގިރޭސިވިލާތަށް ގެންދިޔައީ އެގައުމުގެ ސަރުކާރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގުޅިގެންނެވެ.

އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ގުޅުން ހުރި މައްސަލަތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރިކަން އިތުރުވުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ތެރޭ ތޯމަސް ކުކްއަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެކުންފުނި އުފެއްދީ 1841 ގައެވެ.

comment ކޮމެންޓް