ދިގު އަޑުއެހުމަކަށް ފަހު ޔާމީންގެ ޝަރީއަތް ނިމިއްޖެ، ހުކުމް އަންނަ މަހު 5 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ދުވަސްވަރު ކެމްޕޭން ހަފްލާއެއްގައި: އެމަނިކުފާނުގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައި -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަަލައިގައި ހުކުމް އިއްވުމުގެ މަޖިލިސް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުންނާއި ރައީސް ޔާމީންްގެ ފަރާތުން ހުލާސާ ބަޔާން އިއްވައިފަ އެވެ. ހުލާސާ ބަޔާނަކީ މައްސަލައެއްގެ ޝަރީއަތުގައި ވާހަކަ ދެކެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ދެ ފަރާތުން ދެކޭ ގޮތް ހުލާސާކޮށް ބުނެދިނުމަށް ދޭ ބަޔާނެކެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގެ އޮންނާނީ މައްސަލައިގައި ހުކުމް ކުރުން ކަމަށެވެ. އަދި އެ އަޑުއެހުން އޮންނާނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 1:00 ގައި ކަމަށެވެ.

ދައުލަތުގެ ހުލާސާ ބަޔާން

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކެވެ. ދައުލަތުގެ ހުލާސާ ބަޔާނުގައި ބުނެފައި ވަނީ އެ ކުށްތައް އެމަނިކުފާނު ކުރިކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ.

(ހ)ގެ އެއްވަނަ ނަމްބަރު: ވަކި މުދަލަކީ ޣައިރު ގާނޫނީ އަމަލަކުން ހޯދާފައިވާ މުދަލެއްކަން ސިއްރު ކުރުމުގެ ނުވަތަ އޮޅުވާލުމުގެ މަގުސަދުގައި، ނުވަތަ މަނީ ލޯންޑަރިންގެ ކުށަކާ ގުޅިފައިވާ ކުށެއް ކުރުމުގައި ބައިވެރިވި ފަރާތްތަކަށް ހައްގުވާ އަދަަބުން އެ ފަރާތެއް މިންޖުކޮށްދިނުމަށްޓަކައި، އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައި ހުރި މުދަލެއްކަން އެނގި ހުރެ، ނުވަަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި އެއްވެސް ފަރާތަކުން އެ މުދަލެއް ބަދަލު ކުުރުން ނުވަތަ އެ މުދަލަށް ބަދަލެއް ގެނައުން...

މި މާއްދާގައި ބުނާ ކުށްތައް ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިވެރިން ކަމަށްވާ މުއައްވިޒު ރަޝީދާއި، އަބްދުﷲ ޒިޔަތާއި، އަހުމަދު އަދީބުގެ ހެކިބަހުންނާއި ހުށަހެޅި ކިތާބީ ހެކިތަކުން އެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި ބުންޏެވެ. ދައުލަތުން ހުލާސާ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ވަތް ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އުފެދެނީ، އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށް އޭސީސީއިން ރައީސް ޔާމީނަށް މައުލޫމާތު ދީފައި ވުމުންނެވެ.

އެގޮތުން، އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުކޮށް ހެދީ، އެކައުންޓަށް ވަތް ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައިކަން ހެކިންގެ ހެކިބަހުސް ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެފަދަ ހާލަތެއްގައި އެ ފައިސާއިން މުއާމަލާތް ކުރިކަން ޒިޔަތާއި އަދީބުގެ ހެކިބަހުން އެނގޭ ކަމަށް ބުނެފައިވެ އެވެ.

(ހ)ގެ ދެވަނަ ނަމްބަރު: ވަކި މުދަލަކީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލުގެ އަސްލު، ނުވަތަ އެ މުދަލެއް ލިބުނު ގޮތް ނުވަތަ އެ މުދަލެއް ހުރިތަން، ނުވަތަ އެ މުދަލެއް ބަދަލުކުރެވޭ ފަރާތެއް، ނުވަތަ އެ މުދަލެއް ގެންދެވޭ ތަނެއް، ނުވަތަ އެ މުދަލެއްގެ ވެރިފަރާތް، ނުވަތަ އެ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާާތަކަށް ލިބިދޭ ހައްގެއް ސިއްރު ކުރަން ނުވަތަ އޮޅުވާލުމަށް، ނުވަތަ

(ހ)ގެ ތިން ވަނަ ނަމްބަރު: ވަކި މުދަލަކީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި،އެއްވެސް ފަރާތަކުން އެ މުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަަތަ ބޭނުންކުރުން

ދައުލަތުން ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ވަތް ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވިފައި ވަނިކޮށް، އެ ފައިސާ ނޫން އެހެން ފައިސާއެއް އެމަނިކުފާނުގެ ބީއެމްއެލްގެ އެސްކްރޯ އެކައުންޓަށް ޖަމާ ކުރުމުން މަނީ ލޯންޑަރިންގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދެވަނަ ނަމްބަރުގައި ބުނާ ކުށް ސާބިތުވާ ކަމަށެވެ. އަދި މުހައްމަދު ވަސީމް އިސްމާއިލް އާއި، މޫސާ ޒަމީރުގެ ހެކިބަހުންނާއި ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުން އެކަން ސާބިތުވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ފައިސާ އަމިއްލަ އެކައުންޓުގައި ބެހެއްޓުމުން އެ މާއްދާގެ (ހ)ގެ ތިންވަނަ ނަމްބަރުގައި ބުނާ ކުށް ފުރިހަމަވާ ކަމަށް ވެސް ހުލާސާ ބަޔާނުގައިވެ އެވެ.

ދައުލަތުގެ ހުލާސާ ބަޔާނުގައި ބުނެފައި ވަނީ އެސްއޯއެފްއަށް ޖަމާވާ ހުރިހާ ފައިސާ އަކީ ކުށްގެން ހޯދާފައިވާ ފައިސާތަކެއްކަން ދައުލަތުން ސާބިތު ކުރަން ޖެހޭ ކަމަށް ދިފާއުން ބުނާ ނަމަވެސް، އެކަން ސާބިތު ކުރުން މުހިންމު ނޫން ކަމަށެވެ. އެއީ ދައުވާގައި ބުނާ ކުށް ކޮށްގެން ހޯދާ ފައިސާ އަކީ ކަނޑައެޅިގެން ކުށަކުން ލިބިފައިވާ ފައިސާކަން ދައުވާ ލިބޭ ފަރާތަކަށް އެނގުން، މަނީ ލޯންޑަރިންގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން މުހިންމު ނޫން ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ.

އޭގެ އިތުރުން، އެ އެއް މިލިއަން ޑޮލަރަކީ ކެމްޕޭން ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވާ އިރު، އެ ފައިސާ އަކީ ކެމްޕޭން ފައިސާ ނަމަ އަމިއްލަ ފައިދާ ލިބޭ ގޮތަށް އެ ފައިސާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރުމުގެ މާނައެއް ނޯންނާނެ ކަމަށް ދެކޭ ކަމަށްވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ޒިޔަތާއި އަދީބަކީ ކުށް ސާބިތުވެފައިވާ ބައެއް ކަމުން އެ މީހުންގެ ހެކިބަސް ނުނެގޭނެ ކަމަށް ދިފާއުން ބުނާ ނަމަވެސް، އެ މީހުންގެ ހެކިބަހަށް ބާރު ލިބޭ އެހެން ކިތާބީ ހެކިތައް ހުށަހަޅާފައިވުމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ދެކޭ ކަމަށް ދައުލަތުން ބުންޏެވެ.

އެސްއޯފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމުގެ ކުރިން އެ އެކައުންޓުގައި އެހެން ފައިސާ ހުރުމާއި، އިތުރު މުއާމަލާތްތަކެއްކޮށްފައިވާ ކަމަށް ދިފާއުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނީ، އެސްއޯއެފްގެ އެކައުންޓުން އެހެން މުއާމަލާތްތަކެއް ކޮށްފައި ހުރުން އެއީ ދައުވާ ލިބޭ ފަރާތުގެ އެކައުންޓަށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ޖަމާ ނުވާ ކަމަށް ދައްކައިދޭ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ވޮޑެމުލާގެ ކުއްޔަށް ދިނުމުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

"ދައުވާ ކުރާ ފަރާތުގެ އެނގުމާއި ދަތުމުގެ ތެރެއިން އެ ފަރާތުގެ އެކައުންޓުން އެސްއޯއެފްއިން ޖަމާ ކޮށްފައި ވަނީ ދައުލަތުގެ ފައިސާ ކަމާއި، އެ ފައިސާ އަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދިން ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ކަމާއި، ދައުވާ ލިބޭ ފަރާތުން ހޯދުމަށް މަސައްކަތް ކޮށްފައި ވަނީވެސް މި ދެންނެވި ފައިސާ ކަަމަށް ވާތީއާއި، އެ މުއްދަތުގެ ތެރޭގައި އެސްއޯއެފްއިން އެހެން ފަރާތްތަކަށާއި، އަދި ހަމަ އެހެންމެ އެސްއޯއެފްއިން އެހެން ފަރާތްތަކަށް ފައިސާ ޖަމާކޮށްފައިވާކަން އެ ކުންފުނީގެ އެކައުންޓް ސްޓޭމަންޓުން އެނގެން އޮތް ނަމަވެސް، ފައިސާ ލިބޭ ފަރާތުން ދައުވާ ލިބޭ ފަރާތަށްވެސް އަދި ހަމައެއާއެކު ފައިސާ ހަވާލު ކުރާ ފަރާތެއްގެ ހައިސިއްޔަތުން އެސްއޯއެފްއަށްވެސް ދައުވާ ލިބޭ ފަރާތުގެ އެކައުންޓަށް ޖަމާ ކުރި ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން އެނގޭ އިރު އެ ދެމެދުގައި އެސްއޯއެފްގެ އެކައުންޓުން އެހެން މުއާމަލާތްތަކެއް ކޮށްފައި ހުރުން އެއީ ދައުވާ ލިބޭ ފަރާތުގެ އެކައުންޓަށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ޖަމާ ނުވާ ކަމަށް ދަލާލަތު ކުރާ ކަމެއް ނޫން ކަމަށްވެސް ދައުލަތުން ދެކެން،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދިފާއުގެ ހުލާސާ ބަޔާން

ރައީސް ޔާމީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރި ނުކުތާކަކަށް ބަލާ އިރު، މަނީ ލޯންޑަރިން ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތައް ރައީސް ޔާމީން ކުރި ކަމަށް ސާބިތު ނުވާ ކަމަށް ދެކޭ ކަމަށް ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ބުނެފައިވެ އެވެ. އަދި އެ މާއްދާގައި ބުނާ ކުށްތަކާއި ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ނުގުޅޭ ކަމަށް ހުލާސާ ބަޔާނުގައި ބުނެފައިވެ އެވެ.

ދިފާއުން އެންމެ ބޮޑަށް ބާރު އެޅީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން އަހުމަދު އަދީބާއި، އަބްދުﷲ ޒިޔަތާއި، މުއައްވިޒު ރަޝީދުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެގޮތުން ޒިޔަތާއި އަދީބަކީ ކުށް ސާބިތުވެފައިވާ މީހުން ކަމުން އެ މީހުންގެ ހެކިބަހަކީ އަދުލުވެރި ހެކިބަސް ކަމުގައި ނުބެލެވޭނެ ކަމަށް ބުންޏެވެ. އަދި އެ ދެ މީހުން ހެކިބަސް ދިނީ ވަކި ކަންތައްތަކެއް ކޮށްދޭން ޝަރުތުކޮށްގެން ކަމަށް ބުންޏެވެ. އަދި މުއައްވިޒުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އޭނާގެ ހެކިބަސްވެސް ގަބޫލު ނުކުރެވޭނެ ކަމަށް ދިފާއުގެ ހުލާސާ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ދައުވާ ސާބިތު ކުރުމަށް، ކުށުގެ ނިޔަތާއި އަމަލު ސާބިތުކޮށްދޭން ޖެހޭކަން ފާހަގަކޮށް، މަނީ ލޯންޑަރިންގެ އަމަލެއްގެ ގޮތުގައި ރައީސް ޔާމީން ކުރެއްވީ ކޮން އަމަލެއް ކަމެއް ދައުލަތަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާކަމަށާއި، ކުށް ކުރުމުގެ ނިޔަތުގައި ކުރީ ކޮން ކަމެއްކަންވެސް ދައުލަތަށް ގާއިމް ނުކުރެވޭ ކަމަށް ދިފާއުގެ ހުލާސާ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ވަތް ފައިސާއަކީ ޣައިރުގާނޫނީ އަަމަލަކުން ހޯދާފައިވާ ފައިސާއެއްކަން، އަދި އެކަން އެނގިހުރެ އެ ފައިސާ ސިއްރު ކުރިކަން، ނުވަތަ އޮޅުވާލުުމުގެ މަގުސަދެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދޭން ޖެހޭ އިރު ދައުލަތަށް އެކަންތައް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުލާސާ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީއިން އެސްއޯއެފްއާ އެކު ސައްހަ މުއާމަލާތްތަކެއް ކޮށްފައިވާކަން ދެއްކުމަށް ދިފާއުން ވަނީ ސިވިލް ކޯޓުގެ ހުކުމެއް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެސްއޯއެފްއަށް 10 މިލިއަން ޑޮލަރު ދޭން އެމްއެމްޕީއާރްސީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަކާ ހަވާލާދެއްވައި ހުލާސާ ބަޔާނުގައި ބުނީ އެ ނިންމުމުން އެނގެނީ އެސްއޯއެފްއާއި އެމްއެމްޕީއާރްސީއާ ދެމެދު ސައްހަ މުއާމަލާތްތައް ކުރެވިފައިވާ ކަމަށެވެ. އަަދި އެސްއޯއެފްއަށް ވަން ހުރިހާ ފައިސާ އަކީ ޣައިރު ގާނޫނީ ފައިސާކަން ދައުލަތުގެ މުއައްސަސާއަކުން ކަނޑައަޅާފައިވާ ނުވާ ކަމަށާއި، އެ ކުންފުނީގެ ހުރިހާ ފައިސާ އަކީ ކުށުގެ ފައިސާކަން ދައުލަތަށް ސާބިތު ނުކުރެވޭ ކަމަށް ދިފާއުން ފާހަގަ ކުރި އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރުކަމަށް ދައުލަތުން ބުނާ އިރު، އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުގެ ކުރިންވެސް އެސްއޯއެފްގެ އެކަންޓުގައި އިތުރު ފައިސާތަކެއް ހުރިކަން، ހުލާސާ ބަޔާނުގައި ފާހަގަ ކުރި އެވެ. އެހެންކަމުން، ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ކޮން ފައިސާއެއްކަން އެނގޭނެ ގޮތެއް ނެތްކަންވެސް ހުލާސާ ބަޔާނުގައި ފާހަގަކޮށްފައިވެ އެެވެ.

މިފަދަ ކުށްތަކުގެ ތަހުގީގު ހިންގަން ޖެހޭނީ އޭސީސީއާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނަކުން ނަމަވެސް، މައްސަލަ ތަހުގީގުކޮށްފައި ވަނީ ހަމައެކަނި ފުލުހުން ކަަމަށް ދިފާއުގެ ހުލާސާ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، އެ ތަހުގީގަކީ ބާތިލު ތަހުގީގެއް ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.

ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް މިއަޑުއެހުން ކުރިއަށް ދިޔަ އިރު ކްރިމިނަލް ކޯޓުގެ ބޭރުގައި ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އެމަނިކުފާނުގެ ސަޕޯޓަރުން ބުނާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ސިޔާސީ ބޭނުމަށެވެ.

comment ކޮމެންޓް