ސަރުކާރުން ބޭނުންވާ ބިލްތައް މަޖިލީހަށް ފޮނުވާނީ ސަރުކާރުން: ހޫދު

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

މަޖިލީހުގެ މިދައުރަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލުތަކުގެ ޑްރާފްޓް މަޖިލީހަށް ފޮނުވާނީ ސަރުކާރުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މި ދައުރުގައި 34 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމައި، ބަންޑާރަ ނައިބު އޮފީހުން ވަނީ އެއީ ކޮން ބިލުތަކެއްކަން ވެސް އާންމުކޮށް އިއުލާނުކޮށްފަ އެވެ. އަދި އެކަން މަޖިލީހަށްވެސް ވަނީ އަންގާފަ އެވެ.

އެގޮތަށް އަންގާފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން އިއްޔެ ވަނީ އޭގެ ތެރެއިން ބައެއް ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލުތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށެވެ. އަދި އެކަން ކުރިއަށް ދާ ކަމަށް ހޫދު ވިދާޅުވި އެވެ.

މިދައުރު ހުށަހަޅަން ސަރުކާރުން ނިންމާފައިވާ މުހިންމު ބިލުތަކުގެ ތެރޭގައި އިންކަމް ޓެކްސް ބިލާއި، މިނިމަމް ވޭޖް ބިލާއި، ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމުގެ ބިލު ފަދަ މުހިންމު ބިލުތައް ހިމެނެ އެވެ.

ސަރުކާރުން އެ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުންވެސް ދަނީ ހަމަ އެބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުން މަޖިލީހުގެ ކޮމިޓީތަކުން ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެޖެންޑާ 19އިގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގެންފައިވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމުން ރައީސް ހުށަހަޅަން ބޭނުންވާ ބިލުތައް ހުށަހަޅަން ޖެހޭނީ އެމްޑީޕީގެ ނަމުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މަޖިލީހުން ކުރުމުގައި ހުރަހެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުން ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

comment ކޮމެންޓް