ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް: ރެޖިސްޓާޑް ކުލަބުތައް ރަށްރަށުގައި ނެތް، ވަގުތު ބޭނުންވޭ

ފޯކައިދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ "ޖަޒީރާ ފުޓުބޯޅަ ޗެލެންޖް" ގެ ކޮލިފިކޭޝަން މުބާރާތް ކޮންމެ ރަށެއްގައި ވެސް ބާއްވާ ގޮތަށް ހަމަޖެއްސި އިރު މުބާރާތާއި ގުޅޭ ގިނަ ޝަކުވާތަކެއް ރަށްރަށުން ކުރަން ފަށައިފިއެވެ.

ކުރީ ސަރުކާރުން ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރިބްރޭންޑުކޮށް ބޮޑެތި ބަދަލުތަކާއެކު ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ނަމުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ބޮޑު ލީގެއް ފެށުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމް އާއި ޔޫތު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން ކުރީ މުބާރާތާއި ހިލާފަށް މިފަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތް ބާއްވާނީ ރަށު ފެންވަރުގައި މުބާރާތެއް ކުޅުމަށްފަހު އެ މުބާރާތް ކާމިޔާބުކުރާ ޓީމު އަސްލު މުބާރާތަށް ކޮލިފައިވާ ގޮތަށެވެ. އެހެން ކަމުން އަންނަ އަހަރު އޮންނަ ބޮޑު މުބާރާތުގައި ބައިވެރިވާނީ ރަށްރަށަށް ނިސްބަތްވާ ކުލަބު ޖަމިއްޔާތެކެވެ.

http://sun.mv/125492

މީގެ ކުރިން ރަށްރަށުގައި ފުޓުބޯޅަ މުބާރާތްތައް ކުޅެމުން ދިޔައީ ރަޖިސްޓާޑް ކުލަބުތަކުގެ ނަންމަތީގައެއް ނޫނެވެ. ރަށްރަށުގައި އުފެދިފައި ހުރި ގުރޫޕްތަކާއި ވަކިވަކި ހިސާބުތަކުގެ މެދުގައި އުފެދިފައި އޮތް ވާދަވެރިކަން ފުޓުބޯޅައިގެ ތެރެއިން ކުޅުންތެރިން ދައްކަމުން ދިޔަ ނަމަވެސް ކުއްލި ގޮތަކަށް ރެޖިސްޓާރޑް ކުލަބެއް ނުވަތަ ޖަމިއްޔާ ޖަމާއަތެއްގެ ނަމުގައި ނޫނީ މުބާރާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ބަދަލުކުރުމަކީ މުބާރާތުގެ ފޯރިއާއި ވާދަވެރިކަން ކުޑަވާނެ ކަމެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެފްއޭއެމުން ބާއްވާ ކޮލިފިކޭޝަން މުބާރާތުގެ އިއުލާން މި މަހުގެ ހަވަނަ ދުވަހު ގެޒެޓު ކުރެވުނު އިރު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުލަބު ޖަމިއްޔާތަކުން އެ ރަށެއްގެ ކައުންސިލަށް މި މަހުގެ 15 ގެ ކުރިން ފޯމުލާން ވަނީ އަންގާފައެވެ. ހަތް ދުވަހުގެ މުއްދަތެއްގެ ތެރޭގައި މިގޮތަށް ޓީމުތައް ބައިވެރިވާން އެނގި އިރު ރަށްރަށުގައި ވާދަވެރި ގިނަ ކުޅުންތެރިން ކުޅޭ ޓީމުތައް ތިބީ ރަޖިސްޓާޑް ކުލަބުތަކެއްގެ ގޮތުގައެއް ނޫނެވެ.

"އަޅުގަނޑުމެން މިހާ ދުވަސް ރަށުގައި ކުޅުނުއިރުވެސް ރަޖިސްޓްރީ ކުލަބުތަކަކަށް ނޫން ކުޅެނީ، އެންމެ ހަތް ދުވަސް ތެރޭ މުބާރާތް ކުޅެން ރަޖިސްޓްރީ ވާނީ ކިހިނެތް؟ ޔޫތް މިނިސްޓްރީން އެބަ ބުނޭ އެންމެ މަދުވެގެން 22 ދުވަސް ނަގާނެއޭ ކުލަބެއް ރަޖިސްޓްރީ ކުރަން،" ރަށެއްގައި ފުޓުބޯޅަ ކުޅެމުން އަންނަ ޒުވާނަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އޭނާ ބުނީ، މިކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަގުތީ ހައްލެއް ހޯދައިދޭން ޖެހޭ ކަމަށާއި ކުއްލިޔަކަށް ކުލަބު ރަޖިސްޓްރީކުރަން އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން މިކަހަލަ ބޮޑު މުބާރާތެއް ބޭއްވުމުގެ ކުރިން ރަޖިސްޓްރީވާން ވަގުތު ދޭންޖެހޭކަން އޭނާ ފާހަގަކުރިއެވެ.

ރަށްރަށުގެ ކައުންސިލުތަކުންވެސް ބުނީ އެ ރަށްރަށުގައި ރަޖިސްޓްރީވެފައި ތިބި ޖަމާއަތްތަކަކީ ފުޓުބޯޅައަށް ހާއްސަ ޖަމާއަތްތައް ނޫން ކަމަށެވެ. އެހެން ކަމުން މިފަދަ ބޮޑު މުބާރާތެއް ކުޅުމަށް ރަށުގެ ހުރިހާ ޒުވާނުން ވެސް ބޭނުންވާ އިރު އެމީހުން ބޭނުންވަނީ އެމީހުން ނިސްބަތްވާ ހިސާބުތަކަށް ނުވަތަ ގުރޫޕްތަކަށް ކުޅުމަށެވެ.

"ރަށުގައި މިވަގުތު ތިބި ޖަމިއްޔާތަކަކީ ކުޅިވަރާއި ގުޅުން ހުރި ޖަމިއްޔާތަކެއް ނޫން. ހުރިހާ ޒުވާނުން ވެސް ތިބީ މުބާރާތް ކުޅޭ ހިތުން، އެކަމަކު އެކުދިން ބޭނުންވަނީ އެ ކުދިން އެއުޅޭ ހިސާބަކުން ނުކުންނަ ޓީމަކަށް ކުޅެން. މިކަމަށް ޔޫތު މިނިސްޓްރީން ގޮތެެއް ހައްދަވައިދެއްވުން އެދެން. ރަށުގެ މުބާރާތުގެ ފޯރި އަންނާނީ އޭރަށް." ރާއްޖެތެރޭ ރަށެއްގެ ކައުންސިލަރަކު ނަން ހާމަނުކޮށް "ސަން" އަށް ބުންޏެވެ.

ރަށުގައި ބާއްވާ މުބާރާތުން މޮޅުވާ ޓީމެއް އަންނަ އަހަރުގައި އޮންނަ ބޮޑު މުބާރާތަށް ކޮލިފައިވާ އިރު އެ މުބާރާތަށް ދާ ޓީމުތަކަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ވާނެ ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް