1އެމްޑީބީ މައްސަލާގައި ނަޖީބުގެ ކޮއްކޮ އާއި ކުރީގެ މިނިސްޓަރުން ޖޫރިމަނާކޮށްފި

މެލޭޝިއާއިން 1އެމްޑީބީއާ ގުޅުން ހުރި އެތައް މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުން -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (އޮކްޓޯބަރު 7): މެލޭޝިއާގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލާގައި އެގައުމުން ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮއްކޮ އާއި އިތުރު ބަޔަކު ޖޫރިމަނާކޮށްފި އެވެ.

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)ގައި އިސްކޮށް ހުންނަވާ ލަތީފާ ކޮޔާ ވިދާޅުވި ގޮތުގައި އެކޮމިޝަނުން ދަނީ ނަޖީބު ރައްޒާގާ ގުޅުން ހުރި އެކައުންޓުތަކުން ލޯންޑާކޮށްފައިވާ ފައިސާއިން ފައިދާ ލިބުނު މީހުންނާއި ކުންފުނިތަކުން 420 މިލިއަން ރިންގިޓް (100 މިލިއަން ޑޮލަރު) ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އަދި އެ ފައިސާ ހޯދި ފަރާތްތަކުގެ ތެރޭގައި މީގެ ކުރިން މެލޭޝިއާގައި އޮތް ބަރިސަން ނެޝަނަލް ކޯލިޝަނާއި ނަޖީބު ރައީސްކަން ކުރެއްވި ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އާއި މެލޭޝިއަން ޗައިނީސް އެސޯސިއޭޝަނާއި މެލޭޝިއަން އިންޑިއަން ކޮންގްރެސްއާ ގުޅުން ހުރި މީހުންނާއި ކުންފުނިތަކާއި ޕާޓީތަކާއި ޖަމްއިއްޔާތައް ހިމެނެ އެވެ.

އެގޮތުން އެމްއޭސީސީން ޖޫރިމަނާ ކޮށްފައިވާ 80 ފަރާތްތަކުގެ ތެރޭގައި ހިމެނޭ ނަޖީބުގެ ކޮއްކޮ ނަޒީރު ރައްޒާގަކީ މިދިޔަ އަހަރުގެ ފަހުކޮޅާ ޖެހެންދެން މެލޭޝިއާގެ ދެވަނައަށް އެންމެ ބޮޑު ބޭންކު ކަމަށްވާ ސީއައިއެމްބީގެ ޗެއާމަނެވެ.

އަދި އެކޮމިޝަނުން ވަނީ މެލޭޝިއާގެ ކުރީގެ ޓްރޭޑް މިނިސްޓަރާއި ޑެޕިއުޓީ ޓްރޭޑް މިނިސްޓަރު ވެސް ޖޫރިމަނާކޮށްފަ އެވެ. އެޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު އެމްއޭސީސީ އިން ފިޔަވަޅު އަޅާނެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ވޯލް ސްޓްރީޓް ޖާނަލްއިން ވަނީ 2013 ވަނަ އަހަރުގެ އާއްމު އިންތިހާބު ބޭއްވުމުގެ ކުރިން ނަޒީރުއަށް ނަޖީބު ހަތް މިލިއަން ޑޮލަރު ދެއްވި ކަމަށާއި އޭނާ އެފައިސާ އެހެނިހެން ސިޔާސީ ފަރާތްތަކަށް ބެހި ކަމަށް ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް އެރިޕޯޓާ ގުޅުން ހުރި މިނިވަން ތަހުގީގަކުން ދެއްކި ގޮތުގައި ނަޒީރު އޭނާގެ މަގާމުގެ ނުފޫޒާއި ސީއައިއެމްބީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައި ނުވެ އެވެ.

ލަތީފާ ވިދާޅުވި ގޮތުގައި ނަޖީބާ ގުޅުން ހުރި އެކައުންޓުތަކުން ނަޒީރަށް 25.7 މިލިއަން ރިންގިޓް ފޮނުވާފައިވެ އެވެ. ނަމަވެސް އެއީ އޭނާއަށް ކޮން އިރަކު ފޮނުވި ފައިސާއެއް ކަމެއް ހާމަ ނުކުރައްވަ އެވެ.

ވަންއެމްޑީބީއަކީ 2009 ވަނަ އަހަރު ނަޖީބު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށް އުފެއްދި އިންވެސްޓްމެންޓް ފަންޑެކެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ވަނީ އަގުބޮޑު ޕްރައިވެޓް ޖެޓާއި ގެތަކާއި ޔޮޓެއް ގަތުމަށެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީން ނަޖީބުގެ އެކައުންޓަށް ފޮނުވި ޖުމްލަ ފައިސާގެ އަދަދު 681 މިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ބެލި ކޯޓަކުން ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން އޭނާއަށް އެރުވި ހަދިޔާއެއް ކަމަށް ނިންމާފައި އެވެ.

އެމައްސަލާގައި ނަޖީބު ކުށްވެރި ނުވާ ކަމަށް އޭރު ކޯޓުން ނިންމި ނަމަވެސް މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު ވަނީ އެ މައްސަލައިގެ ތަހުގީގު އަލުން ފައްޓަން އަމުރު ކުރައްވައިފަ އެވެ.

ނަޖީބުގެ މައްޗަށް ވަނީ މިހާތަނަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ 42 ދައުވާއެއް ކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.

comment ކޮމެންޓް