ކޮލަމް ފޮޅުވަތް: އެމްޑީއެންގެ ރިޕޯޓް މިއަދު މައްސަލައަކަށް، ކީއްވެ؟

ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ކުރި ނަމަވެސް، އިސްލާމް ދީނަށް ހަޖޫޖަހައި ރަސޫލާއަށް ފުރައްސާރަކޮށް ދީނުގެ އަސްލުތަކާ މެދު ސުވާލު އުފެއްދުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިއީ ދެރަވަރުގެ ކޮޅެއް ވެސް ނެތް އަމަލެކެވެ. ފިޔަވަޅު އަޅައި ހުއްޓުވަން ވެސް ޖެހޭ ކަމެކެވެ. އެކަމަކާ މެދު ސުވާލެއް ވެސް ނެތެވެ. ސުވާލު އުފައްދަން މި އުޅެނީ އެކަމަކާ އެއް ނޫނެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރާ ގުޅޭ ގޮތުން، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން ނެރެފައިވާ، "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓަކީ މިދެންނެވި ޒާތުގެ ކަމެކެވެ. އެ ރިޕޯޓްގައި ރަސޫލާ ކުރެއްވި ބައެއް ކަންކަމަށް ފާޅުގައި ސުވާލު އުފެއްދައި ކުޑައިމީސް ކުރި އެވެ. ސީދާ ގުރުއާނުގެ ނައްސުން އައިސްފައިވާ، ކަންކަމާ މެދު ހަޖޫޖެހި އެވެ. އެމްޑީއެން އިން 2015 ވަނަ އަހަރު ނެރެ، ދުނިޔޭގެ އެކި ޖަމްއިއްޔާތަކަށް ކޮޕީ ޖަހާފައި އޮތް މި ރިޕޯޓަކީ، އެއްވެސް ގޮތަކަށް ރާއްޖެއިން އެންޓަޓެއިން ކުރާ ފެންވަރަކަށް އޮތް އެއްޗެއް ނޫނެވެ. އެކަމަކާ ދެބަސް ވާކަށް ނުވެސް ޖެހެ އެވެ.

އެކަމަކު މި ރިޕޯޓެއްގެ ފެންމަތިވެ، އެންމެ ހޫނު މައުލޫއަށް ވެގެން މިއުޅެނީ އެ ރިޕޯޓް ޝާއިއު ކޮށްފައި އޮންނަތާ ހަތަރު ވަރަކަށް އަހަރު ފަހުން މިދިޔަ ދެތިން ދުވަހެއްގަ އެވެ. އެ ރިޕޯޓްގެ ތަންތަންކޮޅު ނަގައި ސްކްރީންޝޮޓް ހަދާފައި ފޮޓޯޝޮޕް ކޮށް، ބަޔަކު ސޯޝަލް މީޑިއާޔަށް ލުމާ އެކު ހުރިހާ ޝޭހުންނާއި ސިޔާސީ މީހުން ކެކި އަރައިގަތެވެ. ގިނަ މީހުންނަށް ހީވެފައި އޮތީ، އެމްޑީއެން އިން އެ ރިޕޯޓެއް ނެރެ އާންމު ކުރީ މިދާކަށް ދުވަހު ކަމަށެވެ. މި ހަގީގަތް ގަބޫލު ކުރެވި، މި ސަރުކާރަށް އެއްޗިހި ގޮވި މީހުން ގިނަވި އެވެ. މި ސަރުކާރުން އެ ރިޕޯޓްގެ މައްސަލަ ނުބަލާ ކަމަށް ބުނެ، ސަރުކާރުގެ ވެރިން ކުށްވެރި ކުރަން ފެށި އެވެ. އެ އޮޔެވަރުގައި ޖެހި މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީއަށް ވެސް އެ ރިޕޯޓް ކުއްލިއަކަށް ފެނި މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް އަވަސް ސިޓީއެއް ފޮނުވި އެވެ.

ސުވާލު ފެންމަތި ވަނީ މި ހިސާބުން އެވެ؛ މީގެ ކުރިން، 2015ގައި ނެރެ އާންމު ވެސް ކޮށްފައި އޮތް ރިޕޯޓެއް ކުއްލިއަކަށް މިއަދު މައްސަލައަކަށް މިވީ ކީއްވެ ހެއްޔެވެ؟ އޭގެ ކުރިން އެ ރިޕޯޓް އޮތްކަން ނޭނގުނީ ހެއްޔެވެ؟ އެ ރިޕޯޓްގެ ބައިތަކެއް ކުއްލިއަކަށް ނެރެ އާންމުކޮށް ބޮޑު މައްސަލައަކަށް މިއަދު ހަދާލީ ކީއްވެ ހެއްޔެވެ؟

އިސްލާމް ދީނަށް ހަޖޫޖަހައި އެއްޗިހި ކިޔާ ނަމަ ދިވެހިންގެ ލޭ ކެކޭނެ އެވެ. އެއީ ނިކަން އެހެން ކަހަލަ ޖަޒުބާތީ އޮޔެވަރެއް އުފެދޭ ކަމެކެވެ. ރާއްޖޭގެ ސިޔާސީ ވެރިން މިނެކިރިރުމުގައި ގެންގުޅޭ މިންގަނޑަކީ ވެސް "ލާދިނީ" މިންގަނޑެކެވެ. "ލާދިނީ" ލޭބަލް ޖަހައިގެން ސިޔާސީ މީހެއްގެ އޮފްކަން އެކީ ދުއްވައި ވެސް ލެވިދާނެ އެވެ. މިއީ ރާއްޖޭގެ މުޖުތަމައު ކަންކަން ތަރުތީބު ވެފައި އޮތް ގޮތެވެ. ދީނުގެ ދިފާއުގައި ކަމަށް ބުނެ، ކުރާ ކޮންމެ ކަމަކުން ނިކަން ރަނގަޅު ސިޔާސީ ގޭސްގަނޑެއް އަނބުރާލެވިދާނެ އެވެ.

އެމްޑީއެން އިން މި ރިޕޯޓް ނެރެ އާންމުކުރި އިރުވެސް ރާއްޖޭގައި ގާނޫނީ ސަރުކާރެއް އޮތެވެ. ރައްޔިތުންގެ ވޯޓުން 2013ގައި އިންތިހާބު ކޮށްފައި ހުންނެވި، ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވައި ގެއަށް ވަޑައިގަތީ އަދި އިހަކަށް ދުވަހަކު އެވެ. ހުރިހާ ބާރެއް އަތްމަތި ކުރައްވައިގެން ނިކަން ވަރުގަދަ ވެރިކަމެއް ކުރެއްވި ރައީސް ޔާމީންގެ ސަރުކާރުން އެ ރިޕޯޓާ މެދު ފިޔަވަޅެއް ނޭޅީ ކީއްވެ ހެއްޔެވެ؟ އެ މަނިކުފާނަށް އެއީ މައްސަލައެއް ކަމަށް ފެނިވަޑައި ނުގަތީ ހެއްޔެވެ؟

އެމަނިކުފާނުގެ ސަރުކާރުގައި މައްސަލައަކަށް ވާ ކަންކަމުގައި ހަރުކަށި ފިޔަވަޅު އެޅުއްވި އެވެ. ބައެއް ޖަމްއިއްޔާ ޖަމާއަތްތައް ރަޖިސްޓްރީ ނުކޮށްދީ އެކި ބަހަނާތައް ދައްކުވައި ހިފެހެއްޓި އެވެ. މަދަނީ ޖަމްއިއްޔާތަކުގެ އަޑު އެކީހެން ކަނޑުވާލި އެވެ. ބޭރުގެ ޖަމްއިއްޔާތަކާއި ގައުމުތަކާ އެކީހެން ފެޔަށް ޖެހިވަޑަގަތެވެ. އެކަމަކު އެމްޑީއެންއަށް އެމަނިކުފާނުގެ ސަރުކާރުގެ، ހަރުކަށި ދިގު އަތް ފޯރުރުވާފައެއް ނުވެ އެވެ.

މި ރިޕޯޓެއްގެ މައްސަލަ މި ސަރުކާރުގައި ބޮޑުވި އިރު، އެމަނިކުފާނު ހުންނެވީ ކެމްޕޭން ދަތުރުފުޅެއްގައި ތުލުސްދޫގަ އެވެ. ޕޯޑިއަމްތަކަށް އަރައި ވަޑައިގަތް މި ސަރުކާރަށް ޗެލެންޖް ކުރައްވައި ވިދާޅުވީ؛ "ރިޕޯޓުގެ މައްސަލަ ބަލައި ފިޔަވަޅު އަަޅަން މި ސަރުކާރަށް ނުކެރޭނެ" ކަމަށެވެ. ސަބަބަކަށް ވިދާޅުވީ، އެމްޑީއެންއަކީ އެމްޑީޕީގެ ފިކުރުކަމަށެވެ. ސަރުކާރު ކޯލިޝަންގެ މާއި ޕާޓީ އެމްޑީޕީގެ އަސްލަކީ ލާދީނީ ފިކުރު ކަމަށް ވިދާޅުވެ އެވާހަކަތައް ރައްޔިތުންނަށް ވިއްކަވަން ފައްޓަވައިފި އެވެ. އެ ރިޕޯޓް ނެރުނު އިރު އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމުގެ ބޮޑު ޒިންމާ ނަންގަވައިގެން ހުންނެވި ޝޭހް ޝަހީމްއަށް ވެސް މިއަދު ކުއްލިއަކަށް އެ ރިޕޯޓް ފެނިވަޑައިގަތް އެ ޝޮކުގައި ވާހަކަތައް ދައްކަވަން ފައްޓަވައިފި އެވެ.

މައްސަލަ ހޫނުވެ، މަދަނީ ޖަމްއިއްޔާއަކުން ރައީސް ޔާމީންގެ ސަރުކާރުގައި ނެރެފައި އޮތް ރިޕޯޓެއްގެ މައްސަލަ ބަލަން މިޖެހުނީ މި ސަރުކާރަށެވެ. އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅަން ޖެހުނީ ވެސް، މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީއިން އެވެ. އެންމެ ފަހުން އެ ރިޕޯޓް އަނބުރާ ގެންދަން އެމްޑީއެންއަށް މަޖުބޫރުވީ ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މައްސަލަ ފުލުހަށް ހުށަހެޅުމާ އެކު އެވެ. ރައީސް ޔާމީން ވެރިއަކަަށް ހުންނަވަނިކޮށް ހިނގައި ދިޔަ މިކަންތައް، އެ ޖަމްއިއްޔާއިން މާފަށް ވެސް އެދެން ޖެހިއްޖެ އެވެ. ރިޕޯޓް ވެސް ހަތަރު އަހަރުފަހުން ޖަމްއިއްޔާގެ ވެބްސައިޓުން ވެސް ފޮހެލައިފި އެވެ.

އެކަމަކު އެވަރުން ހިތްހަމަ ނުޖެހިގެން ޝޭހުންގެ ވަށް މޭޒު ބައްދަލުވުންތައް ފެށިއްޖެ އެވެ. ސަރުކާރަށް ހަމަލާތައް އަމާޒު ކުރައްވަން ފައްޓަވައިފި އެވެ. ސަރުކާރުގައި ތިއްބެވި އެމްޑީއެންގެ ހުރިހާ ބޭފުޅުން ބޭރުކުރަން ވެސް ގޮވަން ފަށައިފި އެވެ. މަގުމައްޗަށް ނުކުމެ އިހުތިޖާޖު ވެސް ކުރަން ޖެހިއްޖެ އެވެ ދީނުގެ ދިފާއުގައި ކަމަށް ބުނެ، މާ ކުރީ ޒަމާނެއްގެ ރިޕޯޓްގެ ކަންކަން ރަނގަޅަށް ވެސް ސިޔާސީ ބޮމަކަށް ބަދަލުކޮށްލައިފި އެވެ. އެ ޖަޒުބާތުގައި ޖެހި ހުރިހާ ހަގީގަތެއް ޝޭހުންގެ ހަނދާނުން ވެސް ފިލައިފި ކަހަލަ އެވެ.

އެ ރިޕޯޓް އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. އެ ރިޕޯޓްގެ ކަންކަން ހަނދާން ނެތިގޮސް، އެމްޑީއެންއަށް ފިޔަވަޅު ނޭޅި އޮތް އޮތުން މާބޮޑަށް ވެސް ދިގުލައިގެން ގޮސްފި އެވެ. އެކަމަކު އެ ޒިންމާ ނަގަން ޖެހެނީ މި ސަރުކާރުން ހެއްޔެވެ؟ ނޫނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސް ޔާމީންގެ ސަރުކާރުން އެ ޒިންމާ ނަގަން ނުޖެހޭ ހެއްޔެވެ؟

އެ މައްސަލައިގެ ވަށައިގެން އެނބުރޭ ސަބަބުތަކާއި ކަންކަމަށް ބަލާއިރު، އެ ރިޕޯޓްގެ މައްސަލަ މިއަދު ބޮޑުކޮށްލައި ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅެލީ، ރަނގަޅު ބޭނުމެއްގައި ނޫން ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. ޔަގީނަށް ވެސް އެއީ، ދީން ހިމާޔަތް ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހީލަތްތެރި ނިޔަތެއްގައި ސަރުކާރުގެ ބޮލަށް މަހާލި ރަނގަޅު މަޅިއެއް ނޫން ހެއްޔެވެ؟ އެ ރިޕޯޓް މިއަދު ކުށްވެރި ކުރާ މީހުންނެކޭ "ލާދީނީ" އެމްޑީއެންއެކޭ އަޅުގަނޑަކަށް ހަމަ އެއްވެސް ތަފާތެއް ނެތެވެ.

comment ކޮމެންޓް