އެކްސިޑެންޓް ހިނގާތީ ބުރިޖުގެ ބަމްޕަރުތައް ނަގައިފި

ބުރިޖުމަތިން ކާރުތަކެއް ދަނީ -- ފައިލް ފޮޓޯ

ސިނަމާލެ ބްރިޖުގައި ހިނގާ ކުދި އެކްސިޑެންޓުތައް މަދުކުރުމަށް ބުރިޖުގެ ބަމްޕަރުތައް ނަގައިފި އެވެ.

ފުލުހުން ބުނީ ބްރިޖުގެ ބަމްޕަރުތައް ނަގާފައި ވަނީ ބަމްޕަރުތައް ބަހައްޓާފައި ހުރި ގޮތުން، ބައެއް ކުދި އެކްސިޑެންޓުތައް ހިނގާތީ އެކަން މަދުކުރުމަށް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިންއާ އެކު މަޝްވަރާ ކުރުމަށް ފަހު ބްރިޖުގެ ބަމްޕަރުތައް ނެގީ ވަގުތީ ގޮތުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަލުން ބަމްޕަރު ހަރުކުރާނެ ދުވަހެއް، ނުވަތަ ދެން ބަމްޕަރު ހަރުކުރާ އިރު ގެންނާނެ ބަދަލުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ބްރިޖުގައި ކައިރި ކައިރީ ބަމްޕަރުތައް ހުރުމަކީ ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ކަމެކެވެ.

ބުރިޖް ހުޅުވުމަށް ފަހު މިހާތަނަށް ބްރިޖްމަތީ 100 އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ފަހަކަށް އައިސް ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓުތައް ވަނީ މަދުވެފަ އެވެ.

comment ކޮމެންޓް