އެއްބަސްވުމަށް ބަދަލު ގެނެސް، ފިނޭންސްގެ އިމާރާތް އަޅަން މަޝްވަރާ ކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހި ---

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތް އަޅަން މެލޭޝިއާގެ "ޑަބްލިއުޒެޑްއާރް ޕްރޮޕަޓީ" ގްރޫޕާއެކު ހެދި އެއްބަސްވުމަށް ބަދަލު ގެނެސް އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދަން މަޝަވަރާ ފަށައިފިއެވެ.

ފިނޭންސްގެ އިމާރާތް އެންމެ ފުރަތަމަ އަޅަން ނިންމީ ފިނޭންސް މިިނިސްޓްރީ މިހާރު ހުރިތަނާ އިންވެގެން އޮންނަ ހުސްބިމުގައެވެ. އެކަމަށްޓަކައި ބިން ސާފުކޮށް އިމާރާތް އަޅަން ތައްޔާރުވުމަށް ފަހު، އެ އިމާރާތް މާލޭގައި ނާޅައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ގޮތަށް 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމިއެވެ. އަދި އެ މަޝްރޫއުގެ ޒިންމާ އެޗްޑީސީއާ ހަވާލުކުރިއެވެ.

އެއްބަސްވުމާ އެއްގޮތަށް ފައިސާ ދީފައި ނުވާތީ، ކުރި މަސައްކަތުގެ އަގު ކަމަށް ކޮންޓްރެކްޓަރު ބުނާ 30 މިލިއަން ޑޮލަރު ހޯދުމަށް ކޮންޓްރެކްޓަރު ވަނީ އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލަ ހުށަހަޅައިފައެވެ.

އެޗްޑީސީއިން އެ މައްސަލައިގައި އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މަޝްރޫއު ބަދަލުކުރުމުން މަޝްރޫއުގެ އަގު 122 މިލިއަން ޑޮލަރުން 155 މިލިއަން ޑޮލަރަށް ބޮޑުވެފައިވާ ކަމަށެވެ. އެޗްޑީސީއިން ބުނީ، އެ މަޝްރޫއު ކުއްލި ގޮތަކަށް އެ ކުންފުންޏާ ހަވާލު ކުރުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި އެ މަޝްރޫއަށް މިއަދާ ހަމައަށް ފައިސާ ހަމަޖެހިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީއަށް ލޯނެއްގެ ދަށުން މަޝްރޫއަށް ހަރަދު ކުރެވޭނީވެސް، 2000 އަކަފޫޓުގެ 200 އޮފީސް ސްޕޭސް، އަކަފޫޓެއް މަދުވެގެން 60 ރުފިޔާގެ މަގުން ކަނޑައެޅިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި، އެއީ ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓަށް ބަލާ އިރު ފީސިބަލް ރޭޓެއް ނޫނެވެ.

ފިނޭންސްގެ 25 ބުރީގެ އޮފީސް އިމާރާތުގެ މޮޑެލްއެއް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެެހެންކަމުން، އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުން ދެކޮޅު ޖެހޭނެ ގޮތަކަށް ބަދަލުކޮށް، މަޝްރޫއު ކުރިއަށް ގެންދަން ކޮންޓްރެކްޓަރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިވަގުތު ކޮންޓްރެކްޓަރާ އިތުރަށް މަޝްވަރާ ކުރެވެމުން ދަނީ ނޮވޭޝަން އެގްރީމަންޓަށް ރިއާޔަތްކޮށް، އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން އެޗްޑީސީ ސަލާމަތްކޮށް މި މަޝްރޫއު ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އޭގެ ތެރޭގައި މަޝްރޫއު ދެކޮޅުޖެހޭނެ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރަށް، ސަރުކާރާއި އެޗްޑީސީއަށް ގެއްލުން ނުވާނެފަދަ އެކަށީގެންވާ ފައިނޭންޝަލް ޓާމްސްއާ އެކު މަޝްރޫއަށް ބޭނުންވާ 100 އިންސައްތަ ފައިސާ ހަމަޖެއްސުން ހިމެނެއެވެ." އެޗްޑީސީއިން ބުންޏެވެ.

އިމާރާތުގެ މައްސަަލަ އާބިޓްރޭޝަނުގައި ކުރިއަށްދާ އިރު، އެ މައްސަލައިގައި މެލޭޝިއާގެ ފޮރިން މިނިސްޓަރު ސައިފުއްދީން އަބްދުﷲ ވިދާޅުވެފައިވަނީ ގައުމުތަކުގައި ސަރުކާރު ބަދަލުވުމުގެ ތެރެއިން މިފަދަ މައްސަލަތައް ދިމާވުމަކީ އާންމު ކަމެއް ކަމަށެވެ.

އަދި އެ މައްސަލައިގައި މެލޭޝިއާގެ ކޮންޓްރެކްޓަރަށް އެހީތެރިވާނެކަމަށްވެސް މިނިސްޓަރު ސައިފުއްދީން ވިދާޅުވިއެވެ.

comment ކޮމެންޓް