ޓްރަމްޕް، އެމެރިކާގެ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި

ވޮޝިންޓަން (އޮކްޓޯބަރ 3) : އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވިފައިވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި އޭނާގެ ދަރިކަލުން ހަންޓާ ބައިޑަން އަކީ ކޮރަޕްޓް ދެބޭފުޅުންކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ.

ފިންލަންޑްގެ ރައީސް ސޯލީ ނިނީސްޓޯއާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ އިދިކޮޅު ޑިމޮކްރެޓުން އޭނާ މަގާމުން ދުރުކުރަނީ އޭނާގެ މައްސަލައެއް އޮވެގެންނޫންކަމަށާ އޭނާ މަގާމުން ދުރުކުރެވޭވަރުގެ މައްސަލަތަކެއް ޑިމޮކްރެޓުންނަށް ނުދެއްކޭނެ ކަމުގައެވެ. އަދި ޖޯ ބައިޑެން ގެ ކޮރަޕްޝަންގެ މައްސަލަތަކަށް ޑިމޮކެރެޓުން ބީރުކަންފަތެއް ދީފައިވާކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވާހަކަފުޅުގައިވަނީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރައްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖާސޫސީ ކަންތައްތަކާބެހޭ ސަބްކޮމިޓީގެ މުގައްރިރު އެޑަމް ޝިފްއަށް ވެސް ބަހުގެ ވަރުގަދަ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ޝިފްއަކީ ޚިޔާނާތްތެރިއެއްކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. ޔުކްރޭންގެ ރައީސްއާ ޓްރަމްޕް ކުރެއްވި ފޯން ކޯލް އާ ގުޅިގެން ޓްރަމްޕްގެ މައްޗަށް އިލްޒާމްތައް އަޅުވައި ބަޔާންދިން ފަރާތުގެ ބަޔާން ލިޔެ ތައްޔާރު ކުރުމުގައި ޝިފްގެ ދައުރެއް ވާކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތުކުރައްވާފައެވެ.

ޔުކްރޭންގެ ރައީސާ ޓްރަމްޕް ކުރެއްވި ފޯން ކޯލް ގައި ހިމެނޭ ސިއްރު މައުލޫމާތު އާންމުކުރި ފަރާތް ސިއްރުކޮށްފައިވާއިރު އެފަރާތުން ހިންގާފައިވަނީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިއާއެކު އެ ފަރާތަށް ގާނޫނީ ހިމާޔަތްވެސް ލިބިގެންނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައެވެ. އަދި އެއީ ކާކުކަން ހޯދެން ޖެހޭނެ ކަމަށާ އެމީހަކީ އޭނާއަށް ޖާސޫސުކޮށް ފާރަލަމުންދާ މީހެއްކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތުކުރައްވާފައެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޑިމޮކްރަޓިކް މެންބަރުން އިސްނަންގަވައިގެން ވެރިކަމުން ޓްރަމްޕް ދުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ، ޖޯ ބައިޑަންއާއި އޭނާގެ ދަރިކަލުން ހަންޓާ ބައިޑެން ގެ މައްސަލައެއް ތަހްގީގް ކުރުމަށް ޔުކްރޭންގެ ރައީސާ ގުޅުއްވައިގެން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މިއީ އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ސިޔާސީ ފައިދާ ނެންގެވުމަށްޓަކައި ބޭރު ގައުމެއްގެ ނުފޫޒެއް ބޭނުންކުރުމަށް ޓްރަމްޕް ހިންގެވި އަމަލެއް ކަމަށް އިދިކޮޅު ޑިމޮކްރެޓުން ވަނީ ސިފަކޮށްފައެވެ.

މީގެއިތުރުން ޓްރަމްޕްގެ މައްޗަށްވަނީ އެނޫން ޣައިރު ގާނޫނީ ތުހުމަތުތަކެއްވެސް ކުރެވިފައެވެ. ނަމަވެސް ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ސެނެޓްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ މެންބަރުން ގެ ގިނަބައެއްގެ ތާއީދު ލިބިގެންކަމަށްވާއިރު އޭގެތެރެއިން ގިނަ ބޭފުޅުން ޓްރަމްޕް މަގާމުން ދުރުކުރުމާ ދެކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގައި ސާޅީސް ހަތަރު ރައީސުން މިހާތަނަށް ވެރިކަންކޮށްފައިވާއިރު ވެރިކަމުގައި ހުންނަވަނިކޮށް އަޒުލުކުރުމުގެ ޝަރުތު ހަމަވެފައިވަނީ އެންމެ ދެ ރައީސުންގެ މައްޗަށެވެ. އެއީ ބިލް ކްލިންޓަންއާއި އެންޑްރޫ ޖޯންސަންއެވެ. އެދެބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ސާބިތުވިނަމަވެސް އެކަމުގެ ބާވަތުން ވެރިކަން ހިންގެވުމުގެ ބާރު އެދެ ބޭފުޅުންގެ އަތުން ނެގުމަށް ކޮންގްރެސްގެ ތަހްގީގް ކޮމިޓީން ނިންމާފައެއް ނުވެއެވެ. އަދި އެމެރިކާގެ އެހެން ރައީސެއްކަމަށްވާ ރިޗަޑް ނިކްސަންވަނީ، ކޮންގްރެސްގެ ތަހްގީގް ކޮމިޓީން އޭނާގެ ކުށް ސާބިތުވާކަމަށް ނިންމުމާއެކު މަގާމުން ދުރުކުރުމުގެ ކުރިން އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް