ފަންނާއި ސަގާފަތާއި ތަރިކަ އާލާކުރެވޭނީ ރިސޯޓުތަކާ ގުޅިގެން: ޔުމްނާ

މޯލްޑިވްސް ޓުއަރިޒަމް ކޮންފަރެންސްގައި ޔުމްނާ މައުމޫން ވާހަކަފުޅުދައްކަވަނީ --- ފޮޓޯ : ޓޫރިޒަމް މިނިސްޓްރީ

ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކަ އަދި އާދަކާދަ ނެތިދިމުން ސަލާމަތްކޮށް އާލާ ކުރެވޭނީ ރިސޯޓުތަކާ ގުޅިގެންކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވެފައިވަނީ ކްރޮސްރޯޑްސްގައި މިއަދު ކުރިއަށްދާ މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019 ގައި ވާހަކަދައްކަވަމުންނެވެ.

ޓޫރިޒަމްގެ ކޮންފަރަންސްގައި ފަންނުވެރިންނާ ބެހޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ ރާއްޖޭގެ އެކަށީގެންވާ ބަޖެޓު ނުލިބި ނުވަތަ އެނޫންވެސް ސަބަބުތަކާ ގުޅިގެން ރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ބައެއް ސަގާފީ ކަންތައްތައް ދަނީ ނެތެމުން ކަމަށެވެ. އެހެންނަމަވެސް ޓޫރިޒަމް މެދުވެރިކޮށް އެފަދަ ތަންތަނަށް ފަތުރުވެރީން ގެނެސް ރާއްޖޭގެ ފަންނުވެރިކަމާއި ސަގާފަތް އާންމުކޮށް ދައްކައި ހެދުމުން އެ އާލާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި ރިސޯޓުތަކުން އެގޮތަށް ކަންތައް ކުރާނަމަ ޓޫރިސްޓުންގެ ފަރާތުން ރަށްރަށަށް ފައިސާ ވަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ސަބަބުން ޒުވާނުންގެ މެދުގައި ޝައުގުވެރިކަން އުފެދޭނެ މި ތަންތައް ރައްކާތެރިކުރުމާއި ސަގާފީ ކަންތައްތައް އާލާކުރުމަށް. ސަބަބަކީ އެކަންތައްތަކަށް މާކެޓެއް އޮތްކަން އެނގިއްޖެނަމަ އެ ކަންތައްތައް ރައްކާތެރިކުރުމަށް ޒުވާނުންގެ މެދުގައި ޝައުގުވެރިކަން އުފެދޭނެ،" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ރާއްޖޭގައި މުއްސަނދި ތާރީހެއް އޮތްކަން ފާހަގަކުރައްވަމުން ޔުމްނާ ވިދާޅުވީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީހުގެ ވާހަކަތައް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ނޭނގޭ ކަމަށެވެ.

ރާއްޖޭގެ ތާރީހު އާލާކުރުމަށް ތާރީހާއި ސަގާފަތާ ގުޅޭ ކަންތައްތައް ރިސޯޓުތަކުގައި ފާހަގަކޮށް އާންމުކުރާނަމަ އެކަންތައްތަކަށް މާކެޓެއް އުފެދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ސަގާފީ ކުޅިވަރުތަކާއި ހުނަރުތައް ރިސޯޓުތަކަށް ދައްކާލުމުގެ ފުރުސަތުވެސް އޭގެތެރެއިން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަގާފީ ހުނަރު އާލާކުރާ އާޓިސްޓުންނަށް ރިސޯޓުތަކުގައި ހުނަރު ޕްރޮމޯޓުކުރުމުގެ ފުރުސަތު ލިބުމަކީ އެފަރާތްތަކަށް އާމްދަނީ ލިބިގެންދާނެ މަގެއް ކަމަށެވެ.

comment ކޮމެންޓް