ސައްތާރާއި ނަހުލާގެ ހަފްތާއެއް!

ސޯޝަލް މީޑިއާގައި މި ހަފްތާ ވަރަށް ވެސް "ހެޕަނިން" އެވެ. މިދިޔަ ފަސް ދުވަހެއް ތެރޭ ދިވެހީންގެ ތެރޭގައި ވަރަށް ކަންތައްތައް ހިނގައިފި އެވެ. އަދި ސޯޝަލް މީޑިއާގައި އެކަންތައްތަކާ ދިވެހީން ވަރަށް ބޮޑަށް އަރައިރުން ވެސް ވެއްޖެ އެވެ. އަރާމު ހަފްތާ ބަންދަކަށް ދިޔުމުގެ ކުރިން މި އަރައިރުންތަކަށް ވަދެލަން ހިނގާށެވެ.

މިނިސްޓަރު ނަހުލާ ހެއްދެވީ ސީދާ ތެދު!

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ސަންގު ޓީވީއިން ލީކްކޮށްލުމާ އެކު، ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ހީވެފައި އޮތީ، ރުޅިގަނޑު ބާލާނީ ނަހުލާއަށް ކަމަށެވެ. އެ އޯޑިއޯ ނެރުނު އިރު އޮތީ ވެސް މިނިސްޓަރު ގޯސް ކުރާ ރާގަކަށް މުޅި އޯޑިއޯ އެޑިޓްކޮށްލައިފަ އެވެ.

އެކަމަކު ސޯޝަލް މީޑިއާގައި ތިބި އަޑުގަދަ ދިވެހިން ނުކުތީ، މިނިސްޓަރު ނަހުލާގެ ދިފާއުގަ އެވެ. އެ މީހުން ބުނީ އެ ވާހަަތަކުގައި ދޮގެއް ނެތް ކަމަށާއި އެއީ ހަމަ ސީދާ ތެދު ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި އެ މީހުންގެ ފަރުވާކުޑަކަމާއި ރުންކުރު ކަމަށް އެންމެން އިއްތިފާގުވީ އެވެ.

މިނިސްޓަރުގެ އޯޑިއޯގައި ވިދާޅުވެފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީގައި ގިނައީ، ވަރަށް ދަށް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އެފަދަ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅަން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވަރަށް އަޑަށް ބާރުލާ ވިދާޅުވެ އެވެ.

ދިވެހިން، ފެން ބާލިދީ ޖެހި ސައްތާރު "ކާލައިފި"!

ބިދޭސީއަކު ސައިކަލެއްގެ މަތީގައި އިށީނދެލައިގެން އިންދާ، ދިވެއްސަކު އައިސް އޭނާގެ ގަޔަށް ފެން ބާލިދީއެއް ޖަހާ ވީޑިއޯއެއް މި ހަފްތާ ވަނީ ވައިރަލް ވެފައެވެ.

ސައިކަލް މަތީގައި ބިދޭސީން ތިބޭތީ އެކަމުގެ ނުހޮރުއްޕާން ބޮޑުވެގެން ދިވެހި މީހާ އައިސް ބިދޭސީ މީހާގެ މޫނަށް ބޮޑު ފެން ބާލިދީއެއް އޮއްސާލުމުން ދިވެހީން ހޫނުވެ، ނަރުގަނޑުގައި ޖެހިއްޖެ އެވެ.

ހުރިހާ އެންމެން ބިދޭސީ މީހާއާ އެއްކޮޅަށް އެރީ އެވެ. އަދި އެ ދިވެހި މީހާ ކަންތައް ކުރިގޮތާއި އޭނާގެ އަމަލަކީ މުޑުދާރު އަމަލެއް ކަމަށް ދިވެހީން ގޮވަން ފެށީ އެވެ. އެވަރުން ފަރުޖައްސާނުލައި، އެ ވީޑިއޯއިން ފެންނަ މީހާ ހޯދައި ފޮޓޯއާ އެކު އޭނާގެ ވަނަރުވެސް ނެރެ ފަލީހަތް ކޮށްލީ އެވެ. މިފެން ބާލިދީއެއް ޖެހި ކަމަށްވީ، "ސައްތާރު" އެވެ.

އެއާއެކު ޒުވާނުންގެ މެދުގައި ފެށުނީ ފޯރިގަދަ ކުޅިގަނޑެކެވެ. ފެން ބާލިދީ ޖެހި "ސައްތާރަށް" ހަޖޫ ޖެހުމުގެ އޮޔެވަރެއް ވަނީ ފެށިފަ އެވެ.

ވީޑިއޯއިން މަންޒަރުތަކެއް ނަގައިގެން "ސައްތާރަށް" ހަޖޫ ޖަހައި ފޮޓޯޝޮޕް ކުރަން ފެށިއްޖެ އެވެ. ދިވެހިން މިހާ ވަރަށް ސައްތާރު ލަދު ގަންނަވާލާ ފަލީހަތް ކޮށްލައިފި އެވެ. ދެން އެކަހަލަ ކަމެއް ކުރަން ނުކުރޭ ވަރުކޮށްލައިފި އެވެ.

ބުޅަލެއް މާލޭ ރަޅުގަނޑު ސަރަހައްދުގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބުޅާ މަރަން ނިކުތުން، ތީތި ކަޑައޭ!

"ސައްތާރު" ދެކެ އަރާފައި ތިބި ރުޅި މުޅީން މައިތިރި ނުވެ އުޅެނިކޮށް، ރ. އުނގޫފާރު ކައުންސިލުން ބުޅާ މަރާ މީހުންނަށް ފައިސާގެ އިނާމެއް ދޭން އިއުލާން ކުރުމުން ދިވެހިންގެ ރުޅިގަނޑު ދިޔައީ ފަޅައިގެން އެވެ.

އެއާއެކު މުޅި ސޯޝަލް މީޑިއާ ހީވީ ކެކި އުތުރި އެރިހެންނެވެ. ހުރިހާ އެންމެންވެސް ބުޅާތަކުގެ ހައްގުގައި ތެދުވި އެވެ. އެއްބަޔަކު ބުނަނީ އެއީ ވަރަށް އަނިޔާވެރި އަމަލެއް ކަމަށެވެ.

އަނެއްބަޔަކު ގާނޫނުތައް އަތްމައްޗަށް ނެގި އެވެ. އަދި ޖަނަވާރުންނަށް އަނިޔާކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާ އިރު، އެއީ ގާނޫނީ ކުށެއް ކަމުގައި ފާހަގަކޮށް އެކަން ތިލަކުރި އެވެ.

ކޮންމެއަކަސް އެންމެ ފަހުން އުނގޫފާރު ކައުންސިލަށް ޖެހުނީ އަމާންދީ އެ ނިންމުން ބާތިލުކުރާށެވެ. އިއްޔެ އިރުއޮއްސެން ވީއިރަށް ކައުންސިލުން އެ ނިންމުން ބާތިލްކުރި އެވެ.

comment ކޮމެންޓް