ޓްރަމްޕާ ގުޅުން ހުރި ތުހުމަތުތައް އެމެރިކާ ކޮންގްރެސްއިން ތަހުގީގުކުރަނީ

އެމެރިކާ ޕާލިމެންޓުގެ ތިރީގޭގެ ރައީސް ނޭންސީ ޕެލޯސީ ވަނީ ޔޫކްރެއިން މައްސަލައިގައި ޓްރަމްޕް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ސެޕްޓެމްބަރު 25): އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާއި އޭނާގެ ފިރިހެން ދަރިފުޅާ ގުޅުން ހުރި ތަހުގީގެއް ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސްގެ ގާތުގައި އެދިލެއްވި ކަމަށް ބުނާ ތުހުމަތުތައް ތަހުގީގުކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ.

އެމެރިކާ ގާނޫނު ހަދާ މަޖިލިސް (ކޮންގްރެސް)ގެ ތިރީގެ، ހައުސް އޮފް ރެޕްޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ވިދާޅުވި ގޮތުގައި އެތަހުގީގު ކުރިއަށްގެންދަން ނިންމީ ޓްރަމްޕްގެ އަމަލުތަކަކީ ގައުމީ ސަލާމަތާއި ގާނޫނު އަސާސީއާ ހިލާފު އަމަލުތަކަށް ވާތީއެވެ.

ޕެލޯސީ ވިދާޅުވި ގޮތުގައި ޓްރަމްޕުގެ ތަހުގީގު ކުރިއަށް ގެންދާނީ މިހާރުވެސް ކޮންގްރެސްގައި ޓްރަމްޕާ ގުޅުން ހުރި ތަހުގީގުތައް ކުރިއަށްގެންދާ ހަ ކޮމިޓީއަކުންނެވެ. އަދި އެމައްސަލައިގައި ޓްރަމްޕް މަގާމުން ދުރު ކުރަން ހުށަހަޅަން ޖެހޭތޯ އެކޮމިޓީތަކުން ނިންމާނެއެވެ.

އެމެރިކާގައި ރައީސަކު މަގާމުން ދުރުކުރުމަށްޓަކައި، ކޮންގްރެސްގެ ތިރީގެއިން ފުރަތަމަ ރައީސާ ގުޅުން ހުރި މައްސަލައެއް ބެލުމަށް ފަހު ރައީސްގެ މައްޗަށް "ދައުވާ" ކުރާނީއެވެ. އަދި އެއަށް ފަހު މައްސަލައިގެ "ޝަރީއަތަށް" ކޮންގްރެސްގެ މަތީގެ ކަމަށްވާ ސެނެޓަށް ހުށަހަޅާނީއެވެ. އެ ޝަރީއަތުގައި ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އަދި ރައީސް މަގާމުން ދުރު ކުރެވޭނީ ތިރީގެއިން ހުށަހެޅި ދައުވާތައް ސާބިތުވާ ކަމަށް، 100 މެމްބަރުން ހިމެނޭ ސެނެޓުގެ 67 މެމްބަރުން ވޯޓު ދެއްވުމުންނެވެ.

އެމެރިކާ ޕާލިމެންޓުގެ ތިރީގޭގެ އަޣުލަބިއްޔަތު މިހާރު އޮތީ ޑިމޮކްރެޓިކް ޕާޓީއަށް ކަމުން، ރައީސްގެ މައްޗަށް ދައުވާ ކުރަން ފާސް ކުރެވިދާނެއެވެ. ނަމަވެސް ސެނެޓުގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީއަށް ކަމުން، އެމައްސަލަ ސެނެޓަށް ފޮނުވުމާއެކު ސެނެޓުން އެމައްސަލަ ބޭރުކޮށްލެވިދާނެއެވެ.

ޓްރަމްޕް ވަނީ ބައިޑެންއާއި އޭނާގެ އާއިލާގެ މެމްބަރަކު ތަހުގީގުކުރުމަށް ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ހަބަރުތައް ދޮގުކޮށްފައެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން ޖޯ ބައިޑެން އާއި ހަންޓާ ބައިޑެން ތަހުގީގު ކުރުމަށް ޓްރަމްޕް އެދިލެއްވީ މިދިޔަ ޖުލައި މަހު ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީއާ ފޯނުން ވާހަކަ ދައްކަވަމުންނެވެ.

ހަންޓާ ބައިޑެން ވަނީ މީގެ ކުރިން ޔޫކްރެއިންގެ ގުދުރަތީ ގޭސް އުފައްދާ ކުންފުންޏެއްގެ ބޯޑު މެމްބަރުކަން ކުރައްވާފައެވެ. އަދި އޭރު ޖޯ ބައިޑެން ގެންދެވީ އެމެރިކާއިން ޔޫކްރެއިންއާ ބެހޭ ގޮތުން ގެންގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި އިސްދައުރެއް އަދާ ކުރައްވަމުންނެވެ. އެހެންކަމުން މީގެ ކުރިންވެސް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ ދެ ބޭފުޅުންގެ މަސައްކަތުގައި މަސްލަހަތަށް ފުށުއަރާ ފަދަ މައްސަލަތައް ހުންނަ ކަމަށާއި ކޮރަޕްޝަނުގެ ތުހުމަތުކޮށްފައެވެ.

އަދި ޓްރަމްޕް އެ ދެބަފައިންނާ ގުޅުން ހުރި ތަހުގީގަކަށް އެދިލެއްވުމުގެ މަގުސަދަކީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެމްޕެއިން ކުރައްވާމުންދާ ބައިޑެންއަށް ތާއީދު ކުޑަވާ ފަދަ މައުލޫމާތު ހޯދުން ކަމަށް ޑިމޮކްރެޓުން ބުނެ އެވެ. އަދި އެއީ ބޭރު ގައުމަކާ ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ގޮތުގައި ސިފަކޮށްފައެވެ.

އަދި ބައެއް ނޫސްތަކުގައިވާ ގޮތުން ޓްރަމްޕް ވަނީ ޒެލެންސްކީއާ ގުޅުއްވުމުގެ ކުރިން، އެމެރިކާއިން ޔޫކްރެއިންނަށް ދޭ އަސްކަރީ އެހީ ހުއްޓުވަން އަންގަވާފައެވެ. އެއީ ބައިޑެންގެ ތަހުގީގުކުރުމަށް ޔޫކްރެއިނަށް ޕްރެޝަރު ކުރުމަށްޓަކައެވެ.

ނަމަވެސް ޓްރަމްޕް ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި ޒެލެންސްކީއަށް ފޯނުން ގުޅުއްވި އިރު ބައިޑެންއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ނަމަވެސް، ބައިޑެން ތަހުގީގު ކުރަން އެދިނުލައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް