ވޮލީބޯޅަ ޓީމަކަށް ހެދިގެން ގްރީސްއިން ފުރަން އުޅުނު 10 މީހަކު ހައްޔަރުކޮށްފި

ވޮލީބޯޅަ ޓީމަކަށް ހެދިގެން ގްރީސްއިން ފުރަން މަސައްކަތް ކުރި ސީރިއާގެ 10 މީހުން -- ފޮޓޯ: ގްރީސް ފުލުހުން

އެތެންސް (ސެޕްޓެމްބަރު 23): ވޮލީބޯޅަ ޓީމަކަށް ހެދިގެން ގްރީސްއިން ފުރަން އުޅުނު ސީރިއާގެ 10 މީހަކު އެތެންސް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުން ތިބީ އެއް ވައްތަރެއްގެ ޔުނިފޯމު އަޅައިގެން، އެއް ވައްތަރެއްގެ ދަބަހާއި ދެ ވޮލީބޯޅަ ހިފައިގެންނެވެ. އަދި ސުވިޒަލޭންޑަށް ދާން މަސައްކަތް ކުރި އެ 10 މީހުން ހައްޔަރު ކުރީ އެމީހުންނާ ސުވާލު ކުރުމަށް ފަހު، އެއީ އަސްލު ޓީމަކަށް ނިސްބަތްވާ ބަޔެއް ނޫންކަން އެނގުމުންނެވެ.

އަދި އެމީހުން ގްރީސްއަށް އެތެރެވެފައި ވަނީ ސައްހަ ލިޔެކިޔުންތަކާ ނުލައި ކަމަށާއި އެމީހުންގެ އަތުގައި އޮތީ ޔޫކްރެއިންގައި ގެއްލިގެން ނުވަތަ ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ޕާސްޕޯޓުތައް ކަމަށް ބުނެފަ އެވެ.

ގްރީސްގެ ފުލުހުން ބުނި ގޮތުގައި ސައްހަ ލިޔެކިޔުންތަކާ ނުލައި ގައުމުން ބޭރަށް ދަތުރު ކުރަން އުޅުމުގެ ދައުވާ އެމީހުންގެ މައްޗަށް ކުރާނެ އެވެ.

ސީރިއާ އާއި ޔަމަން ފަދަ ގައުމުތަކުގެ ހަނގުރާމައިން ސަލާމަތްވުމަށް ޔޫރަޕަށް ދާން ބޭނުންވާ ގިނަ އަދަދެއްގެ މީހުން ފުރަތަމަ ދާ ގައުމަކަށް ގްރީސް ވަނީ ވެފަ އެވެ. އެ އަދަދު އެންމެ މަތިވީ 2015އިގަ އެވެ. އޭރު 875،000 މީހުން ގްރީސްއަށް ދިޔަ ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 40،000އަށް ވުރެ މަދުވެފައި ކަމަށް އީޔޫ ބޯޑާ ފޯސް އިން ބުންޏެވެ.

އދ.ގެ ރެފިއުޖީ އޭޖެންސީން ބުނާ ގޮތުގައި ގްރީސްގައި ތިބި ރެފިއުޖީންނާއި ހިޖުރަވެރިންގެ އަދަދު މިހާރު 60،000 އަށް އަރަ އެވެ.

comment ކޮމެންޓް