ޝިކާރަ ކުރަން ގޮސް އުޅެނިކޮށް، އޮޅުމަކުން ދަރިއަކަށް ބައްޕަ މަރާލެވިއްޖެ

އިޓަލީގެ ޕާކެއްގައި ޝިކާރަ ކުރަން އުޅުމުގެ ތެރޭގައި ދަރިއަކަށް ބައްޕަ މަރާލެވުނީ ޝިކާރަ ކުރުން މަނާ ސަރަހައްދެއްގައި ތިއްބާ -- ފޮޓޯ: ގެޓީ

އިޓަލީގެ ދެބަފައިން ޝިކާރަ ކުރަން ގޮސް އުޅެނިކޮށް، ދަރިފުޅަށް އޮޅުމަކުން ބައްޕަގެ ގަޔަށް ބަޑި ޖަހާ މަރާލެވިއްޖެ އެވެ.

އިޓަލީގެ މީޑިއާތަކުގައިވާ ގޮތުން އިއްޔެ އެހާދިސާ ހިނގީ އެގައުމުގެ ސަލެރުނޯ ޕްރޮވިންސުގެ ޕާކެއްގަ އެވެ. އޭރު 55 އަހަރުގެ މާޓީނޯ ގޮޑިއޯސޯ އާއި އޭނާގެ 34 އަހަރުގެ ދަރިފުޅު ދިޔައީ ގަސްތައް ގިނަ ސަރަހައްދެއްގައި ޖަނަވާރެއް ޝިކާރަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އަދި ގޮޑިއޯސޯގެ ދަރިފުޅު އޭނާގެ ގަޔަށް ބަޑި ޖެހީ، ގަސްތަކުގެ ނިވަލުން އަޑެއް އިވިގެން އެއީ ޖަނަވާރެއް ކަމަށް ހީކޮށެވެ. އަދި އެހާދިސާ ހިނގުމާ އެކު ދަރިފުޅު އެހީއަށް އެދި ގުޅައިގެން، ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ގޮޑިއޯސޯ ސަލާމަތެއް ނުކުރެވުނެވެ.

އިޓަލީގެ ފުލުހުން ބުނި ގޮތުގައި އެހާދިސާ ހިނގި ވަގުތު އެދެ މީހުން ތިބީ ޝިކާރަ ކުރުން މަނާ ސަރަހައްދެއްގަ އެވެ. އަދި އެ މައްސަލާގައި ދަރިފުޅުގެ މައްޗަށް ވަނީ މަރުގެ ދައުވާކޮށްފަ އެވެ.

އިޓަލީގެ ތިމާވެށީގެ މިނިސްޓަރު ވަނީ ޝިކާރަ ކުރަން އުޅުމުގެ ތެރޭގައި މީހުން މަރުވާ މައްސަލައާ ބެހޭ ގޮތުން މީގެ ކުރިން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެގައުމުގައި ހިނގި އެފަދަ ހާދިސާއެއްގައި 18 އަހަރުގެ ކުއްޖަކު މަރުވުމާ ގުޅިގެން އެމައްސަލައަށް އިތުރު ސަމާލުކަން ލިބިގެން ދިޔަ އެވެ.

comment ކޮމެންޓް