ރޭ ހެންވޭރު އަބަދަށް ފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގައި މިރޭ ރޯވި އަލިފާން ގަނޑު ނިވާލައިފި އެވެ.
ފުލުހުން ބުނީ މިރޭ އެތަނުން ރޯވި އިމާރާތެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިވާލާފައިވާ ކަމަށެވެ. ނަމަވެސް އެތަނުން ދުން އަރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ. ރޯވެގެން އުޅެނީ ކޮން އިމާރާތެއްގައި ކަމެއް ސާފުވާގޮތް ވަނީ ނުވެފަ އެވެ.
އެމްއެންޑީއެފުން ވެސް މިރޭ ބުނެފައިވަނީ އެތަނުން ރޭވެސް ރޯވި އިމާރާތެއްގައި މިރޭ ރޯވެގެން އެ ފޯސްގެ ފަޔާ ސާވިސްއިން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.
"އަލިފާނުގެ އަސަރު ފެންނަން ހުރެގެން ފަޔަ ޓީމުން ފެން ޖަހަމުން ދަނީ" އެމްއެންޑީއެފުން ބުންޏެވެ.
ރޭ އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު އޮންނަނީ ކޯޑަންކޮށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގައި ގިނަ ގޭގެއިން މީހުން ހުސްކޮށް މުޅި ސަރަހައްދު ބަލަހައްޓަމުން ދަނީ އެމްއެންޑީއެފް އަދި ފުލުހުންނެވެ. ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު އެބަހުއްޓެވެ.
އެމްއެންޑީއެފުން ބުނީ އެ ފޯސްގެ ފަޔާ ޓީމް 24 ގަޑިއިރު ފަޔާ ވެހިކަލާއެކު އެ ސަރަހައްދު މޮނިޓަކުރަމުން ދާ ކަމަށެވެ.
ރޭ ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި 6 ގެއަކާއި ހަތަރު ގުދަނެއްގައި ރޯވެ ގިނަ ބަޔަކު ވަނީ ހާލުގަ ޖެހިފަ އެވެ. އެމީހުން މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. ތިން އިމާރާތެއް އެއްކޮށް އަދައި ބިމާ ހަމަވިއިރު އެކަކު ވަނީ ނިޔާވެފަ އެވެ.