މީހުން ދިރިއުޅޭ ތަންތަނުގައި ކެމިކަލް ގުދަން ހެދުން މަނާކޮށް ކެމިކަލް ގަވައިދު ދެ ދުވަސްތެރޭ ގެޒެޓް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރޭ މާލޭ ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް، މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެއާއެކު ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ، ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ދިރާސާއެއް މިހާރު ހަދާފައިވާ ކަމަށެވެ. އަދި އެ ދިރާސާގެ އަލީގައި ހަތަރު ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއވެެ.
"އެއް ކަމަކީ، މީހުން ދިރިއުޅޭ ސަރައްދުތަކުގައި ކެމިކަލް ގުދަން ކުރުން މަނާ ކުރުން. ދެވަނަ ކަމަކީ، ބޮޑެތި ކެމިކަލްތައް ގުދަންތައް ހެދުމަށް ތިލަފުށި އަދި ގުޅީފަޅުން ބިން ބިން ދިނުމާއެކު އެކަން ކުރެވޭނެ މަގުފަހުކޮށްދިނުން. ތިން ވަނަ ކަމަކަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކެމިކަލް ނައްތާލުމަށްޓަކައި ކެމިކަލް ނައްތާލުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅުގެން ކުރިއަށް ގެންދިޔުން،" މާރިއާ ވިދާޅުވިއެވެ.
"ހަތަރު ވަނަ ކަމަކަށް ކެމިކަލް ގަވައިދު ގެޒެޓް ކުރުން،" މާރިއާ ވިދާޅުވީ، ކެމިކަލް ގަވައިދެއް މިހާތަނަށް އައިރު ރާއްޖޭގައި ހެދިފައި ނެތް ކަމަށާއި ނަމަވެސް މި ސަރުކާރު އައިސް ކެމިކަލް ގަވައިދު އެކުލަވާލުމުގެ މަސައްކަތް ފެށި ކަމަށެވެ.
"މި ގަވައިދުގެ މަގްސަދަކީ ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުން. ނުރައްކާތެރި ކެމިކަލް އެތެރެ ކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ އުސޫލުތައް ކަނޑައަޅާ ބަޔާންކުރުން. ކެމިކަލް ރާއްޖެ އެތެރެކޮށް ބޭނުން ކުރުމުގައި އަމަލުކުރަން ޖެހޭ ގޮތްތަކާއި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާން ކުރުން، [އަދި] ވިއްކާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތްތައް ބަޔާންކުރުން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ގަވައިދު ވުޖޫދުވުމާއެކު ކެމިކަލް ގުދަންތަކާއި އޭގެ ވިޔަފާރި ކުރާ މީހުންނާ މެދު އަމަލުކުރާނެ ގާނޫނީ ހައިސިއްޔަތެއް ލިބިގެންދާނެ ކަމަށެވެ. ކަމާ ބެހޭ ފަރާތްތަކާއެކު ހެދި މަޝަވަރާ ތަކުން މާލޭގައި 126 ކެމިކަލް ގުދަން ހުރި އިރު، 82 ގުދަނަކީ މީހުން ދިރިއުޅޭ ގެތަކުގައި ހުންނަ ގުދަންކަން މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ކަންކަން ހައްލު ކުރުމަށް ވަގުތު ބޭނުން ވާނެ ކަމަށާއި ކުއްލިއަކަށް އެފަދަ ފަރާތްތަކަށް ނިކުންނާށޭ ބުނުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށެވެ. އެފަދަ ފަރާތްތަކަށް ތަނެއް ދެއްކުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.