ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވާން އަންގައިފި

އެމްއެންޑީއެފްގެ ކޯސްޓްގާޑް ކަނޑުމަތީގައި --

މިދުވަސްވަރު މޫސުން ގޯސްވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންގައިފި އެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުން ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށް އިލްތިމާސްކުރަން." އެމްއެންޑީއެފުން ބުންޏެވެ.

އޭގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ އެފަދަ ކުޅިވަރުތައް ނުރޭވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ދަންނަވަން" އެމްއެންޑީއެފުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ މޫސުން

  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ
  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވޭ.
  • ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ
  • އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ.
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ.
  • ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.
comment ކޮމެންޓް