މާލޭގެ މަގުތަކުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޕްރޮޖެކްޓެއް ރާވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ރޭ ދަންވަރު މާލެއަށް ވެހެންފެށި ބޯ ވާރެއާއެކު މުޅި މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ސިޓީ ކައުންސިލުން ބުނާ ގޮތުގައި 111 ގެއަކަށް ވަނީ ފެން ވަދެފައެވެ.
މިއަދު މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ، މާލޭގެ މަގުތަކުގައޮ ފެންބޮޑުވާ މައްސަލަ ހައްލު ކުރަން ސިޓީ ކައުންސިލުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިކަމުން އަރައިގަތުމަށްޓަކައި ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން. މިހާރުވެސް އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތްކުރަމުން އެ ދަނީ ހުއްޓާލުމެއް ނެތި ހަފްތާ ބަންދުގައިވެސް މަސައްކަތް ކުރަމުން މިދަނީ މާލޭގެ މަގުތައް ރަނގަޅުކުރުމަށްޓަކައި ޕްރޮޖެކްޓެއް ތައްޔާރުކުރަމުން،" ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލުން ޕްރޮޖެކްޓުގެ ޕްލޭން އެކުލަވާލައި، އޮކްޓޯބަރު މަހު އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މަގުތަކަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
"މި އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ބޮޑު ބަދަލެއް ގެނެވޭނެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ފެންބޮޑުވާ މައްސަލައަށްވެސް މަގު ކޮންނަ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ،" ޝަމާއު ވިދާޅުވިއެވެ.
މާލޭގައި ފެންބޮޑުވެ 111 ގެއަކަށް ފެން ވަދެފައިވާއިރު ސިޓީ ކައުންސިލުން ބުނަނީ އެއްވެސް ގެއަކަށް ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި ފެން ވަނުން ކޮންޓްރޯލުކުރުމަށް ސިފައިންނާ ގުޅިގެން ގާތްގަނޑަކަށް 5،000 ވެލިބަސްތާ ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެކަމަކު، ފެން ވަދެގެން ގެއްލުންވި ގެތަކުގެ ތެރެއިން އިތުރަށް ބަލަން ޖެހޭ 27 ގެއެއް ބަލަމުންދާކަމަށް ކައުންސިލުން ބުންޏެވެ.
ޝަމާއު ވިދާޅުވީ، ރޭ މާލޭގެ ސްޓޯމްވޯޓާ ޕަމްޕުތައް ކޮންމެ އެއް ގަޑިއިރުން ޗެކްކުރަމުން ދިޔަ ކަމަށެވެ. އަދި ރޭ ދަންވަރު 1:15 ހާއިރުވެސް ޕަމްޕުތައް ދިޔައީ މަސައްކަތް ކުރަމުން ކަމަށާއި، ޕަމްޕުތައް މަސައްކަތް ކުރަމުން ދަނިކޮށް ފެންބޮޑުވާން ދިމާވީ ހުއްޓާނުލާ މާ ގިނައިރު ވާރޭ ވެހެން ފެށުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ ގެއްލުން ލިބި، ބަދަލުދޭންޖެހޭ ތަނެއް ވާނަމަ ބަދަލުވެސް ދޭނެ ކަމަށެވެ.
ވާރޭވެހުމުން މީގެ ކުރިން ފެންބޮޑުނުވާ ބައެއް ސަރަހައްދު ތަކުގައިވެސް މިހާރު ފެންބޮޑުވާކަން ޝަމާއު ފާހަަގަކުރެެއްވިއެވެ. އަދި ބައެއް ގޭގެ ބިމު އަޑިން ފެން އަރާ އިރު ޖަންކްޝަންތައް ފުރިގެންވެސް އަރާ ކަމަށް ވިދާޅުވިއެވެ. ޖަންކްޝަންތައް ފުރިގެން އަރަނީ ދިޔަދޮވި ޖަންކްޝަނާ ގުޅުވާފައި ހުރުމުން ކަމަށް ވިދާޅުވެ އެހެން ނުހެދުމަށް ސިޓީ ކައުންސިލުން އިލްތިމާސް ކުރެއްވިއެވެ.