ރިޔާޟް (ސެޕްޓެމްބަރު 21) : އުތުރު އެފްރިކާއާއި އަރަބި ގައުމެއް ކަމަށްވާ ތޫނިސްގެ ރައީސް ޒައިނުލް އާބިދީން ބިން އަލީ އަވަހާރަވުމުގެ ކުރިން އޭނާ ކުރެއްވި ހަމައެކަނި ވަސިއްޔަތަކީ މައްކާގެ ފަސްގަނޑުގައި އޭނާގެ ޖަނާޒާ ބާއްވައިދިނުން ކަމަށް އޭނާގެ ވަކީލު މުނީރު ބިން ސާލިޙާ ވިދާޅުވެއްޖެ އެވެ.
މުނީރު ވިދާޅުވީ ބިން އަލީ އަވަހާރަވީ އަލާސްކަންފުޅުގައި އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުގައި ކަމަށާއި ބިން އަލީގެ ވަސިއްޔަތާ އެއްގޮތަށް މައްކާގައި އޭނާ ފަސްދާނުލުމުގެ ކަންތައް ސައޫދީ ސަރުކާރުން ހަމަޖައްސަމުން ގެންދާކަމުގަ އެވެ. ޖަނާޒާގެ ކަންތައް ހަރަމްފުޅުގައި ބޭއްވުމަށާއި ފަސްދާނު ލުމަށްޓަކައި ބިން އަލީގެ ހަށިކޮޅު މިއަދުގެ ވަގުތެއްގައި ރިޔާޒް އިން މައްކާއަށް ގެންދާނެ ކަމަށް ވެސް މުނީރު ވިދާޅުވި އެވެ.
ބިން އަލީއަކީ 2011 ވަނަ އަހަރުގެ ޖަނަވަރީ މަހު އަރަބި ބައެއް ގައުމުތަކަށް އައި އަރަބި ރަބީއުގެ އުތުރި އެރުމުގެ ތެރެއިން ރައްޔިތުން މަގުތަކަށް ނުކުމެ ފުރަތަމަ ވެރިކަމުން ވައްޓާލި އަރަބި ރައީސް އެވެ.
ތޫނިސްގެ ރައްޔިތުން ބިން އަލީގެ ވެރިކަމާދެކޮޅަށް 2011 ވަނަ އަހަރުގެ ޖަނަވަރީ މަހު އުތުރި އަރަންފެށުމާ އެކު ވެރިކަން ދޫކޮށްލައްވައި ފިއްލަވައިގެން ބިން އަލީ ވަޑައިގެންނެވީ ސައޫދީ ސަރުކާރުގެ ހިޔާތަށް ސައޫދީ ވެރިރަށް ރިޔާޒް އަށެވެ. ރިޔާޒްގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށް، އުމުރުފުޅުން 83 އަހަރުގައި ބިންއަލީ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުކަން ސައޫދީ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނަވާރަސަތޭކަ އަށްޑިހަ ހަތް ވަނަ އަހަރު އޭރުގެ ތޫނިސްގެ ރައީސް އަލްހަބީބު ބުރްޤީބާ، ލޭ އޮހޮވުމެއްނެތް އިންގިލާބެއްގައި މަގާމުން އެއްފަރާތް ކުރެއްވުމަށް ފަހު ބިން އަލީ ތޫނިސްގެ ވެރިކަމަށް އިސްވެ ވަޑައިގެންނެވިއެވެ. ނަވާރަސަތޭކަ އަށްޑިހަ ހަތް ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ތޫނިސްގެ ވެރިކަމުގައި ހުންނެވި ބިން އަލީ މަޝްހޫރުވެވަޑައިގެންފައި ވަނީ ދީނީ ހަރުކަށިކަމާ އަދި ދީނުގެ ނަމުގައި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް މަސައްކަތްކުރެއްވި ވަރުގަދަ ލީޑަރެއްގެގޮތުގަ އެވެ.
ނަމަވެސް ޚުދު މުޚްތާރު ވެރިކަމެއް ކުރެއްވުމާއި އިދިކޮޅު އެއްކޮށް ނައްތާލުމަށް ބާރުގެ ބޭނުންކުރެއްވުމާއި އިންސާނީ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިކަން ބޮޑުވެގެން ދިޔުމާއި ވެރިކަން ދިގުލައި އިގްތިސާދު ހީނަރުވެގެން ދިޔުމުން ތޫނިސްގެ ރައްޔިތުންގެ މެދުގައި ބިން އަލީގެ މައްޗަށް ރުޅިވެރިކަން އިތުރުވެގެން ދިޔަ އެވެ. މިއީ އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުން މައިގަނޑު ސަބަބުތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)