އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް، ނިއުޔޯކަށް ފުރާ ގަޑި ފަސްކޮށްފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ރޭ ވަޑައިގެން ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް ނޭޝަން ނުވަތަ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ހެނދުނު ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުރާވަޑައިގަންނަވާ ވަގުތު ފަސްކޮށްފި އެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން، ނިއުޔޯކަށް ރައީސް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު އެވެ. އެހެން ނަމަވެސް ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ދަތުރުފުޅު ވަނީ މިއަަދު ހަވީރަށް ލަސް ކުރައްވައިފަ އެވެ.

ރައީސް ސޯލިހުގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދު 'ސަން' އަށް ވިދާޅުވީ، ރައީސްގެ ދަތުރުފުޅުގެ ވަގުތު ލަސްކޮށްފައި ވަނީ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނިންމަން ޖެހޭ ބައެއް ނިންމުންތައް ހުރުމުން ކަމަށާއި އަދި ބައެއް ބައްދަލުވުންތައް ވެސް ހުރުމުން ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރު ކުރި މީހުނަށް އޭޑީކާގައި ފަރުވާ ދެމުން ދިޔައިރު ރައީސް ވަނީ އެ ތަނަށް ވެސް ވަޑައިގެންނެވި --- ފޮޓޯ: ރައީސް އޮފީސް

ރޭ، ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރި އެ ތަންތަނަށް ވަނީ އެކީހެން އަނދައިފަ އެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ހަތަރު ގަޑިއިރެއްހާ އިރު ފަހުންނެވެ. އެ ހާދިސާއާ ގުޅިގެން ރައީސް ވަނީ ރޭ އެ ސަރަހައްދަށް ވަޑައިގަތް އެ ތަން ބައްލަވާލައްވާފަ އެވެ. އަދި އެކި ހާނިއްކަ ލިބިގެން ފަރުވާ ދެމުންދިޔަ މީހުންގެ ހާލު ބައްލަވާ ލެއްވުމަށް އޭޑީކޭގެ އިތުރުން ހާލުގައި ޖެހުނު ފަރާތްތައް ތިއްބެވި ކަލާފާނު ސުކޫލަށް ވެސް ރައީސް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.

comment ކޮމެންޓް