ލައްކަ އަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން މިދާ ވެރިރަށް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި 82 ގުދަން ހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ފެށުނު ފަހުން މާލޭގައި ހުރި ގުދަންތަކުގެ މައުލޫމާތު ހޯދުމަށް އެމްއެންޑީއެފުން މަސައްކަތްތަކެއް ކުރި ކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ، 126 ގުދަނެއް ހުރި އިރު އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށެވެ.
"މާލޭގެ ގުދަންތަކުގައި ކެމިކަލް ހުންނަ ވާހަކަ. ވަރަށް ނުރައްކާތެރި އެހުރިހާ ކަމެއް އަޅުގަނޑުމެން ހަމަ އެކްސެޕްޓް ކުރާ ކަމެއް މީހުން ދިރިއުޅޭ ސަރަހައްދުގައި މިކަހަލަ ކެމިކަލްތައް ބަހައްޓަން ޖެހުން. ކެމިކަލްއޭ ދެންނެވިޔަސް ހުއްދަ ދެނީ ބްލިޗް ކަހަލައް އެއްޗިސްއަށް،" މާރިޔާ ވިދާޅުވި އެވެ.
އެގޮތުން ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނު މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގުދަން ކޮށްފައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި ނަމަވެސް ގުދަންތަކަކީ ހަމަ އެކަނި ހުއްދަ ދޭ އެއްޗެހި ބަހައްޓާ ތަންތަން ގޮތުގައި ނުވާ ކަމަށެވެ. އަދި އާންމުންގެ ފަރާތުން އެ ފަދަ ޝަކުވާ ލިބެމުން ދިޔަ ނަމަވެސް ދުވާލަކު އެއްފަހަރު އެ ގުދަންތައް ޗެކް ކުރުމުގެ ވަސީލަތްތައް ނެތް ކަން މާރިޔާ ވަނީ މާރިޔާ ފާހަގަކުރައްވައިފަ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކެމިކަލް ގުދަންތައް މީހުން ދިރި ނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރުމަށް ޕްލޭނެއް އެކުލަވާލަން ރޭ ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލު ކުރުމަށް ނިންމާފައިވާ އިރު ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހ.ތިލަފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނުގެ އިތުރުން ހަމަ އެސަރަހައްދުގައި ހުރި ތިން ކެމިކަލް ގުދަނެއްގައި ވަނީ ރޯވެފަ އެވެ. އަދި އެކެއްގެ ފުރާނަ ވެސް ވެނީ ގެއްލިފަ އެވެ.