ވޮޝިންޓަން (ސެޕްޓެމްބަރު 21): ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެމެރިކާ އިން އެސަރަހައްދަށް އިތުރު ސިފައިން ފޮނުވާނެ ކަމަށް ޕެންޓަގަންއިން ބުނެފި އެވެ.
އެމެރިކާގެ ޑިފެންސްގެ ޑިޕާޓްމެންޓުން އެފަދައިން ބުނީ ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯގެ ކާރުހާނަތަކަށް އަމާޒުކޮށް މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާތަކާ ގުޅިގެންނެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް މާކް އެސްޕާ ވިދާޅުވި ގޮތުގައި އެގައުމުން ސައުދީ އާއި ޔޫއޭއީއަށް އިތުރު ސިފައިން ފޮނުވަނީ އެ ދެ ގައުމުގެ އެދުމުގެ މަތިންނެވެ. އަދި ސިފައިން ފޮނު ވަނީ ދެ ގައުމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކަމަށާއި އަސްކަރީ ވަސީލަތްތައް ވެސް ފަހުން ފޮނުވާނެ ކަމަށް އެސްޕާ ވިދާޅުވި އެވެ.
ނަމަވެސް ސައުދީއަށް ފޮނުވާ ސިފައިންގެ އަދަދެއް އެސްޕާ ހާމަ ނުކުރައްވަ އެވެ.
ހޮނިހިރު ދުވަހުގެ ފަތިހު ސައުދީގެ ތެޔޮ ކާރުހާނާތަކަށް ދިން ހަމަލާގެ ޒިންމާ ޔަމަނުގެ ހޫޘީން ވަނީ ނަގައިފަ އެވެ. ނަމަވެސް ސައުދީ އާއި އެމެރިކާ އިން ވަނީ އެހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް ބުނެފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު ސައުދީގެ ޑިފެންސް މިނިސްޓްރީން ވަނީ އެގައުމަށް ހަމަލާ ދޭން ބޭނުން ކުރި ޑްރޯނާއި މިސައިލްތަކުގެ ބައިތައް ދައްކާ، އެހަމަލާގައި އީރާނުން ބައިވެރިވިކަން އެބައިތަކުން ދޭހަވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް އީރާނުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ސައުދީއަށް ދިން ހަމަލާތަކަކީ "ޔަމަނުގެ ރައްޔިތުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތައް" ކަމަށް ބުނެފަ އެވެ.
ސައުދީ އަރަބިއާއިން ދަނީ، 2014 ވަނަ އަހަރު ޔަމަނުގެ ސަންއާ ހިފައި އަމިއްލަ ވެރިކަމެއް ގާއިމު ކުރި ހޫޘީންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުންނެވެ. އެ ހަނގުރާމައިގައި ޔަމަނުގެ އެތައް ހާސް މީހުން މަރުވެ، އެތައް މިލިއަން މީހުން ވަނީ ބަނޑަށް ޖެހިފަ އެވެ