ރޭ މާލޭގެ އަބަދަށް ފެހި މަގުގެ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 400 އަށް އަރައި، އެހީތެރިކަން ބޭނުންވާ އެންމެނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ނޭޝަނަލް ޑީޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން ވަނީ ރޭ ހިނގި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކަލާފާނު ސްކޫލުގައި އެމަޖެންސީ ސެންޓަރެއް ވަގުތުން ގާއިމުކޮށްފައެވެ.
އެންޑީއެމްސީގެ ޗީފް އެގްޒެކެޓިވް އޮފިސާ ހިސާން ހަސަން މިއަދު "ސަން" އަށް ވިދާޅުވީ، ހާލުގައި ޖެހިގެން 433 މީހުން އެ ސެންޓަރަށް ރެޖިސްޓްރީވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅިގެން އިތުރު ތަފްސީލު މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރައްވާނެ ކަމަށެވެ.
ހާޅުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ އެންމެނަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެެވެ.
"ބައެއް މީހުން ވަނީ ހޮޓެލްތަކާއި ގާކޮށީގައި ހުރި ހުސް ފްލެޓްތަކުގައި ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައި. އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްފައި،" އޮފިޝަލް ވިދާޅުވިއެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން --- ފޮޓޯ/ މިނިސްޓްރީ
އޭނާ ވިދާޅިވީ، މިކަމަށް އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ރޭގެ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ. ހާދިސާ އަލިފާޏު ރޯވެފައި ވަނީ ހަތަރު ކެމިކަލް ގުދަނަކާއި ފަސް އިމާރާތެއްގައެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުން ވަނީ ބައިވެރިވެފައެވެ. އަދި ހެނދުނު އިރު އެރި އެރުވެސް ބައެއް މިނިސްޓަރުން ވަނީ ކަލާފާނު ސްކޫލުގައި ހަރަކާތްތެރިވެފައެވެ.