50 އަހަރު ތެރޭ އެމެރިކާ އާއި ކެނެޑާގެ ދޫނީގެ އާބާދީ 29 ޕަސެންޓު ދަށަށް

އެމެރިކާ އާއި ކެނެޑާގައި ބައެއް ބާވަތްތަކުގެ ބަކަމޫނުގެ އާބާދީވެސް ވަނީ މަދުވެފަ -- ފޮޓޯ: ގެޓީ

ފާއިތުވި 50 އަހަރު ތެރޭ އެމެރިކާ އާއި ކެނެޑާގައި ދޫނީގެ އާބާދީ 29 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކަން އެސޯސިއޭޝަން ފޯ ދަ އެޑްވާންސްމެންޓް އޮފް ސައިންސްގެ އެކެޑެމިކް ޖާނަލްގައި ޕަބްލިޝްކޮށްފައިވާ އެ ދިރާސާގައިވާ ގޮތުން، 1970ގެ ފަހުން އެމެރިކާ އާއި ކެނެޑާގެ ދޫނީގެ އާބާދީން މިހާރު ވަނީ އެކި ބާވަތުގެ ތިން ބިލިއަން ދޫނި މަދުވެފަ އެވެ.

އެދިރާސާގައި ދޫނީގެ އާބާދީ މަދުވި ސަބަބެއް ހޯދިފައެއް ނުވެ އެވެ. ނަމަވެސް ސައިންސުވެރިން ބުނާ ގޮތުގައި ދޫނީގެ އާބާދީއަށް ބަދަލު އަންނަ މައިގަނޑު ސަބަބަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދޫނި ދިރިއުޅޭ މާހައުލުތައް ނެތިދިޔުމެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދޫނީގެ މާހައުލަށް ލިބޭ ގެއްލުންތަކާއި ބައެއް ދޫނިތައް ކައި އުޅޭ ސޫފިތައް މަދުވުމަކީ ވެސް ދޫނީގެ އާބާދީއަށް އޭގެ އަސަރު ކުރާ ކަމެއް ކަމަށް ސައިންސުވެރިން ބުނެ އެވެ.

އެދިރާސާ ހަދާފައި ވަނީ ފާއިތުވި 50 އަހަރު ތެރޭ އުތުރު އެމެރިކާގައި ހަދާފައިވާ ދޫންޏާ ގުޅުން ހުރި ސާވޭތަކަށް ބިނާކޮށެވެ.

މީގެ އިތުރުން، އެހެން ދިރާސާއަކުން ދެއްކި ގޮތުގައި އިންޑޮނޭޝިއާގެ ޖާވާގައި މީހުން ހިފައިގެން ގެންގުޅޭ ދޫނީގެ އަދަދު މިހާރު 75 މިލިއަނަށް އަރަ އެވެ. އަދި އެއީ އެސަރަހައްދުގައި މިނިވަންކޮށް ދިރިއުޅޭ ދޫނީގެ އަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށް ލަފާ ކުރެވެ އެވެ. އެހެންކަމުން އެއީ ބައެއް ބާވަތްތަކުގެ ދޫނީގެ އާބާދީ އިތުރުވުމަށް އެޅޭ ހުރަހެއް ކަމަށް ސައިންސުވެރިން ބުނެ އެވެ.

comment ކޮމެންޓް