ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރ ޑީ ޖަގަތީސާ ޕާންޑިއަން އާއި ބައްދަލުކުރައްވައިފިއެވެ.
ޝާހިދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕާންޑިއަންއާ ބައްދަލުކުރެއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އޭއައިއައިބީގެ މައި އޮފީހުގައެވެ.
މިއަދު މެންދުރު ބޭއްވި މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ ބެހޭ ގޮތުން އެބޭންކުގެ އިސްވެރިންނަށް މިނިސްޓަރ ޝާހިދު މައުލޫމާތު ދެއްވިއެވެ. އަދި އޭއައިއައިބީއާ ގުޅިގެން އިތުރަށް މަސައްކަތް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
އޭއައިއައިބީގެ ނައިބު ރައީސް ޕާންޑިއަންގެ ވަނީ ދިވެހި ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭންކުގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދުއާއި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ބައިވެރިވެވަޑައިގަތެވެ.
ޝާހިދުގެ ދަތުރުފުޅުގައި ޗައިނާގެ ހާރިޖީ ވަޒީރުގެ އިތުރުން ނައިބު ރައީސް ވަންގް ގީޝާން އާވެސް ބައްދަލުކުރައްވާނެއެވެ. އަދި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ލީ ޑައޮސޮންގްއާ ވެސް ބައްދަލުކުރައްވާނެއެވެ.