ތުރުކީގައި ސައުދީ ކޮންސިއުލޭޓު ހުރި އިމާރާތް ވަނީ ވިއްކާލާފައި: ތުރުކީގެ މީޑިއާ

ސައުދީ ކޮންސިއުލޭޓު މީގެ ކުރިން ހުރި އިމާރާތް ވަނީ ވިއްކާލާފައި -- ފޮޓޯ: އޭޕީ

އަންކާރާ (ސެޕްޓެމްބަރު 18): ސައުދީ އަރަބިއާއިން މީގެ ކުރިން ތުރުކީގައި ކޮންސިއުލޭޓު ހިންގި އިމާރާތް މިހާރު ވިއްކާލާފައިވާ ކަމަށް ތުރުކީގެ ޓީވީ ޗެނަލަކުން ބުނެފި އެވެ.

ތުރުކީގެ މީޑިއާގައިވާ ގޮތުން، މީގެ އަހަރެއް ކުރިން ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން ބޭނުން ކުރި އިމާރާތް ސައުދީން ވިއްކާލީ މަހަކަށް ވުރެ ގިނަ ދުވަސް ކުރިންނެވެ. އަދި އެއިމާރާތް ވިއްކާލީ ކޮން ބަޔަކަށް ކަމެއް ހާމަ ނުކުރާ ކަމަށާއި އިމާރާތް ވިއްކާލީ އޭގެ އަސްލު އަގަށް ވުރެ 30 ޕަސެންޓު ކުޑަ އަގަކަށެވެ.

އަދި އެ އިމާރާތް ވިއްކާލުމުގެ ކުރިން އެކަމަށް ތުރުކީ ފޮރިން މިނިސްޓްރީގެ ހުއްދަ ބޭނުން ވާނެ ކަމަށް ތުރުކީގެ ބްރޯޑްކާސްޓަރު ބުނި ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ އެއިމާރާތް ވިއްކާލިކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެފަ އެވެ.

އެރިޕޯޓުތަކުގައިވާ ގޮތުން ސައުދީން މިހާރު ވަނީ އެގައުމުގެ ކޮންސިއުލޭޓު ހިންގާނެ އާ އިމާރާތެއް ގަނެފަ އެވެ.

ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ފާޑު ކިޔާފައިވާ ހާޝުގްޖީ، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލި މިދިޔަ އަހަރުގެ އޮކްޓޯބަރު ދޭއްގަ އެވެ. ހާޝުގްޖީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކޮށާލި ކަމަށް އެހާދިސާގެ އޯޑިއޯ ރެކޯޑިންއަކުން ދޭހަވެ އެވެ.

ސައުދީން ދަނީ މިހާރު އެމައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަމުންނެވެ. ނަމަވެސް ހާޝުގްޖީގެ ހަށިގަނޑު އަދި ފެނިފައިނުވެ އެވެ.

ތުރުކީގެ ބައެއް މީޑިއާތަކުން ވަނީ ހާޝުގްޖީގެ ހަށިގަނޑު އެސިޑަށް އަޅައިގެން ނައްތާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އަލްޖަޒީރާ އިން ނެރުނު ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން ހާޝުގްޖީގެ ހަށިގަނޑު ނައްތާލީ އަވަނަކަށްލާ އަންދާލައިގެންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވޮޝިންޓަން ޕޯސްޓުން ވަނީ ހާޝުގްޖީ މަރާލަން އެންގެވީ ސައުދީ ވަލީއަހުދު ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ސައުދީން ވަނީ އެރިޕޯޓު ދޮގުކޮށްފަ އެވެ.

comment ކޮމެންޓް