ބިދޭސީންގެ ގެނައުމުގައި އަމަލުކުރާ ގާނޫނީ އޮނިގަނޑަށް ބަދަލު ގެންނަން ނިންމައިފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ ގެނައުމުގައި މިހާރު އޮތް ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގަނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ކަންކަން ހަރުދަނާކުރުމަށާއި، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކަންތައްތަކެއް ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިމް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހަކަށް މިއަދު ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ކެބިނެޓުގައި އެކަންކަމާ މެދު މަޝްވަރާކުރުމަށްފަހު، އެކުލަވާލައިފާ ސިޔާސަތަށް އަމަލުކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ސިޔާސަތުގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ގާނޫނާ ހިލާފަށާއި ގާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅޭ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމުކުރުން ހިމެނޭ ކަމަށެވެ.

އެގޮތުން ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށް ރައީސް މިއަދު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ބިދޭސީން ވަޒީފާ އަދާކުރަން ރާއްޖެ ގެނައުމުގައި މިހާރު އަމަލުކުރާ ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައި އޮތް ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށް ހުށަހެޅުނު ކަމަށާއި، ހުށަހެޅިފައިވާ ގޮތަށް އެ ބަދަލުތައް ގެނައުމަށް ކެބިނެޓުގެ ލަފާގެ މަތިން ރައީސް މިއަދު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބިދޭސީން ރާއްޖެ އައުމަށްފަހު ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރަމުންދާ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމްތައް ހިންގުން އެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނޭ ކަމަށާއި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެފައެވެ.

އެ ޓާސްކުފޯސްގެ މަަސައްކަތްތަކުގެ ތެރޭގައި ގާނޫނާ ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ގާއިމުކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން ހިމެނެއެވެ.

comment ކޮމެންޓް