ފުޓުބޯޅަ އާއި ޑްރާމާ: އާއިލާ ތެރޭގެ ބޮޑު ހަނގުރާމައަކަށް!

އާއިލާއެއް ސިޓިންރޫމުގައި ތިބެގެން ޑްރާމާ ބަލަނީ ---

"އެއޮށްގެން އަށެއް ޖެހީ. ދެން ޓީވީ ގެނޭ. މެޗު ފެށެޔޭ އެބަ!" ފޯރިގަދަ މެޗެއް އޮންނަ ދުވަހެއްގައި މިއީ ގޭތެރެއިން އާންމުކޮށް އަޑުއިވޭނެ ޒުވާބެކެވެ.

މި ޒުވާބުގެ އަޑު ގަދަވަނީ، ގޭގައި ތިބޭ އަންހެން ވެރިންނާއި ފިރިހެން ވެެރިންގެ މެދުގަ އެވެ. ސަބަބަކަށް ވަނީ ގިނަ ފަހަރަށް ފޯރި ގަދަ ޕްރިިމިއާ ލީގް މެޗްތައް ދިމާވަނީ އަންހެން ވެރިން ހިންދީ ޑްރާމާތައް ބަލާ ވަގުތައް ވުމާ އެކު އެ މީހުން ވެސް ޓީވީ ބަލަން ބޭނުން ވުމެވެ. އެކަމަކު ފިރިހެން ވެރިން ބޭނުންވަނީ މެޗް ބަލާށެވެ. އެއްކޮޅަކުން ވެސް ދޫނުދޭތީ މިކަން ވެފައި އޮންނަނީ ގޭތެރޭގެ ބޮޑު ޒުވާބަކަށެވެ.

ދުވަހަކު ނުނިމޭ ޑްރާމާތަކެއް؟

އާނއެކެވެ! އަންހެން ވެރިން މި ބަލާ ޑްރާމާ ތަކަކީ ދުވަހަކު ނިމޭ ޑްރާމާތަކެއް ނޫނެވެ. މީގެ ހައެއްކަ އަށެއްކަ އަހަރު ކުރިން ވެސް ހަމަ އެ ޑްރާމާތައް ދައްކަ އެވެ. ކޮންމެ ރެޔަކު ކޮންމެ ރެޔަކު އެ ނުބެލިއްޔާ ނޫނީ ވާނުވާ ނޭނގޭ ވަރުވެ އެވެ. މިއީ ފިރިހެން ވެރިންގެ ޝަކުވާ އެވެ.

"މުޅި ދުވަހު ދަރިން ބެލުމުގައްޔާއި ކެއްކުމުގައްޔާ ގޭތެރޭގެ ކަންކަމުގައި އުޅެފަ އަހަރުމެން ވެސް ހިތްހަމަ ޖައްސާލަން ވަގުތުއް ލިބެންވާނެ،" ރޭގަނޑު މި އަންނަ އެއްވެސް ޑްރާމާއެއް ވައްޓާ ނުލައި ގަވާއިދުން ބަލާ އަންހެނަކު ބުންޏެވެ.

އޭނާ ބުނީ، ފިރިހެނުންނަށް މެޗް ނުބެލުނަސް ޑްރާމާ ބަލާނެ ކަމަށެވެ. އެއީ ފިރިހެނުން ވެސް ހިތްހަމަ ޖައްސާލަން ދަންވަރު ހޭލާ ތިބެގެން މެޗު ބަލާ، ކަންކަން ކުރާތީ އެެވެ. އެހެން ވީމާ، އޭނާއަށް ވެސް އެ ހައްގު އޮންނާނެ އެވެ.

"އަހަރަމެންނަށް ލިބޭ ވަގުތުކޮޅު އެއީ. ނުތިބެވޭނެ ދަންވަރު ހޭލައިގެން އެއްޗެހި ބަލާކަށް. އެ ވަގުތުކޮޅު އެއީ އަހަރަމެންނަށް ޓީވީ ދޭން ޖެހޭނެ ވަގުތެއް." ޑްރާމާ ބަލާ އިތުރު އަންހެނަކު ބުންޏެވެ.

ރާއްޖޭގެ ގިނަ އަންހެން ވެރިންނަކީ ޒަމާނުއްސުރެން އެކި އެކި ހިންދީ ޑްރާމާ ސީރީސްތައް ބެލުމަށް ދެވިހިފާފައި ތިބި ބައެކެވެ. ރޭގަނޑު 8:00-10:00 އަށް އެއީ، އަންހެން ވެރިންގެ ޓީވީ ގަޑި އެވެ. ޑްރާމާ އަކީ އެތައް ދިވެހި އަންހެނުންގެ ދިރިއުޅުމުގެ ބަޔެކަށް ވަނީ ވެފަ އެވެ. އެދުވަހެއްގެ ޑްރާމާ ނިމޭ ގޮތަކުން އަނެއް ދުވަހުގެ ޑްރާމާގައި ވާނީ ކިހިނެއްތޯ ހިތާ ހިތާ ސުވާލުކޮށްލަ ކޮށްލަ ތިބޭ އަންހެން ވެރިން އެގަޑިއަކަށް ކޮންމެ ތަނެއް ފަޅާފައި ވެސް ސިޓިންގް ރޫމަށް އެއްވެ އެވެ.

މައްސަލަ ޖެހެނީ ފިރިހެނުން މެޗު ބަލާ ގަޑިއާ ޑްރާމާ ބަލާ ގަޑި ފުށުއެރީމަ އެވެ. ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ފުޓުބޯޅަ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގު މެޗުތައް އާއްމު ގޮތެއްގައި ދައްކާނީ އިރު އޮއްސޭ އިރުން ފަށައިގެން ދިހައެއް ޖަހާލަންދެންނެވެ. އެގަޑިއަކީ އަންހެނުން ބަލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ކުމް ކުމް ބަގްޔާ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގެ އިތުރުން "ޔޭހޭ މުހައްބަތައިން" ފަދަ ޑްރާމާ ސީރީސްތައް ވެސް އަންނަ ވަގުތެވެ.

މެޗުގެ އުސްއަލިތައް ޔޫޓިއުބުން ބަލާލަންވީނު؟

ކޮންމެ މެޗަކީ ވެސް އެ މެޗެއް ނިމޭހާ އަވަހަކަށް މެޗުގައި ހިނގި ހުރިހާކަމެއް ވެސް ޔޫޓިއުބުން ފަސޭހަކަމާ އެކު ބަލާލެވެނެ މެޗެކެވެ. އެހެން ކަމުން ކޮންމެހެން އެ ވަގުތު މެޗު ނުބެލިޔަސް ވާނުވާ އިނގޭނެ އެވެ. މިއީ މެޗު އޮންނަ ވަގުތު ރިމޯޓް ހިފަހައްޓާލައިގެން ޑްރާމާ ބަލަން ތިބޭ އަންހެން ވެރިންގެ އެންމެ މަގުބޫލް ބަހަނާ އެވެ.

"ޑްރާމާ އަކީ ލައިވްކޮށް ދައްކާ އެއްޗެއް ނޫން. އޭގެ ރިޕީޓް 24 ގަޑިއިރު ދައްކާލަ ދައްކާލަ ހުރޭ. ދެން ހަމަ އެވަގުތު ކޮޅަށް ޓީވީ ދިނިއްޔާ ކޯޗެއްތަ އުނިވަނީ؟" ފުޓުބޯޅަ ގަވާއިދުން ބަލާ އުޅޭ މީހަކު ބުންޏެވެ.

އޭނާ ބުނީ އަންހެން ވެރިން ދައްކާ ބަހަނާ އަކީ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ލައިވްކޮށް ދައްކާ އެއްޗެއް ނުބަލާ ފަހުން ޔޫޓިއުބުން ބެލުމަށް ވުރެން ނުބެލިއްޔާ ރަނގަޅުވާނެތީ އެވެ.

"ޔޫޓިއުބުން ހުރިހާ މެޗެއް ބެލެންޏާ ކީއްކުރަން މީހުން ދަނޑުތަކަށް މެޗު ބަލަން ދާންވީ؟ ހަމަ ގޭގަ ތިބެގެން ޔޫޓިއުބުން ބަލަން ވީނު. މީގަ މުހިއްމީ ވަގުތުން އަންނަ މެޗު އެ ވަގުތުގައި ބަލާލުން. އޭރަށް ލިބޭ ހިތްހަމަ ޖެހުން ބޮޑު ވާނީ." މެޗުތައް ބަލާ އުޅޭ އިތުރު ފިރިހެނަކު ބުންޏެވެ.

އަންހެންވެރިން އެބުނާ ވާހަކަ އަކީ އެއްކޮށް ގޯސް ވާހަކައެއް ނޫނެވެ. ނަމަވެސް ފިރިހެން ވެރިން އެބުނާހެން ޑްރާމާ އަކީ ލައިވް އެއްޗެއް ވެސް ނޫނެވެ. އެ ވެސް ޔޫޓިއުބުން ފެންނަން ހުރެ އެވެ.

ފިރިހެނުން ގޮތްދޫކޮށް ކެފޭތަކަށް

އެތައް ޒުވާބަކަށްފަހު އެންމެ ފަހުން ގިނަ ފަހަރަށް ގަދަ ހޯދަނީ އަންހެނުންނެވެ. އެއީ ފިރިހެން ވެރިންނަށް ދޭނެ ޖަވާބު ހުސްވީމައެއް ނޫނެވެ. ފިރިހެނުންނަށް އިތުރު ގޮތްތައް ހުރުމުންނެވެ. އެގޮތުން ގޭގައި މެޗު ބެލޭނެ ގޮތެއް ނެތުމުން އަވަސް އަވަހަށް އެންމެ ކައިރީގައި ހުރި ކެފޭއަކަށް ގޮސް ހަމަޖެހިލައިގެން އިނދެގެން މެޗު ބަލާލުމަށް ފިރިހެނުންނަށް ދެވޭނެ އެވެ.

ރާއްޖޭގެ ކެފޭއެއްގައި ޗެމްޕިއަންސް ލީގު މެޗެއް ބަލަނީ

އެއީ މިހާރަކަށް އައިސް ފިރިހެނުން ހަދާ ގޮތްވެސްމެ އެވެ. އަންހެން ވެރިންނަށް ގޭގެ ޓީވީތައް ހަވާލުކޮށްފައި ރައްޓެހިންނާ އެކު މެޗު ބަލަން ގުރޫޕް ހަދާފައި ފިރިހެންވެރިންދެ އެވެ. ރަނގަޅު ފޯރިގަދަ މެޗެއް އަންނަންޏާ ކުރީ ބައިގައި ގޮސް ކެފޭތައް ފުރާލަ އެވެ. އެއީ ކެއުމުގެ ބޭނުމަކު ނޫނެވެ. މެޗު ބަލާށެވެ. އެހެން ކަމުން ބައެއް ކެފޭތަކުން މެޗު އޮންނަ ދުވަސް ދުވަހަށް ހާއްސަކޮށް ކުރީ ބައިގައި މޭޒުތައް ރިޒާވް ކުރުމަށް ހުޅުވާލަ އެވެ. ޕްރޮމޯޝަންތައް ބާއްވަ އެވެ.

"އަހަރަމެން މެޗު ބަލަން އަބަދުވެސް ދަނީ ކެފޭއަކަށް. ގެެއަށްވުރެން މާ ފޯރީގައި މެޗު ބަލާލެވޭ. އެކުވެރިންނާ އެކު މެޗު ބަލާއިރު އޭގެ އަސްލު ޖޯޝް އަންނަނީ." ކެފޭއަކަށް ގޮސް މެޗު ބަަލަން އިން ޒުވާނަކު ބުންޏެވެ.

ހަގީގަތުގައި ފުޓުބޯޅައިގެ ފޯރި ނެގޭނީ ވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން އެވެ. އެހެންވީމާ، ކެފޭ ތަކަށް މެޗުު ބަލަން ދަނީ ވެސް ފުޓުބޯޅައަށް މަރުދޭ ބަޔަކަށް ވާތީ، މެޗު ބަލާ އިރު އަރާ ފޯރި އާއި ވާދަވެރިކަން އިތުރަށް ބޮޑުވެ އެވެ.

މި ފަހަކަށް އައިސް ފުޓުބޯޅައަށް ލޯބި ކުރާ ދިވެހި އަންހެނުންގެ އާބާދީ ވެސް އެބަގިނަވެ އެވެ. ފިރިހެނުންނާ އެކު މެޗު ބަލަން ތިބޭ އަންހެނުން ވެސް އަންނަނީ ދުވަހަކަށް ވުރެ، ދުވަހެއް އިތުރުވަމުންނެވެ. މިހެން ކަންތައް ވަމުން އަންނަ ދުވަސްކޮޅެއްގެ ތެރޭގައި ގޭތެރޭގައި ޑްރާމާގެ ބަދަލުގައި ފުޓުބޯޅަ މަގުބޫލުވުން ވެސް އެކަށީގެންވެ އެވެ.

comment ކޮމެންޓް