ފުޅާ ހަރުވާޅާއި ޖީންސް ޒުވާނުންނަށް މާ ކަމުދޭ!

ފުޅާ ޖީންސްއާއެކު ޒުވާނަކު މަޑުކޮށްލައިގެން --- ސަން ފޮޓޯ : ފަޔާޒް މޫސާ

ޒުވާނަކު ފުޅާ ހަރުވާޅެއް ނުވަތަ ޖީންސެއް ލައިގެން އުޅޭ ތަން ނުފެންނަ ޒަމާނަކާ ދިމަލެއް ނުވެ އެވެ. ކޮންމެ ޒުވާން އަންހެނެއްގެ އަލަމާރީގައި ފުޅާ ހަރުވާޅެއް ނުވަތަ ޖީންސްއެއް އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް 70ގެ ތެރޭގައި މަޝްހޫރު ފުޅާ ހަރުވާޅުތައް އަނެއްކާވެސް ދިވެހީންގެ ތެރޭގައި ވަރަށް ވެސް މަގުބޫލުވާން ފަށައިފި އެވެ.

އުނަގަނޑުގެ މައްޗަށް ނަގާފައި ހުންނަ ދޫ ޖީންސް އަދި ހަރުވާޅުތައް ވަނީ ދިވެހީންގެ ހެދުންއެޅުމުގެ ގޮތްތަކުގެ ތެރެއަށް ވަރަށް ރަނގަޅަށް ވެސް ވަދެފަ އެވެ.

ފުޅާ ހަރުވާޅާއި ޖީންސް މިއީ އާންމު ދިރިއުޅުމުގެ ކޮންމެ ގަޑިއަކަށްވެސް ހަމަ ކަމުދާ އަދި ގުޅޭ ފެޝަން ޓްރެންޑެކެވެ. އަދި ރަސްމީ އެކި ކަހަލަ ވަގުތުތަކުގައި އަދި އޮފީސް އެޓައާއެއްގެ ގޮތުގައި ފުޅާ ފަޓުލޫނު ވެސް ދަނީ މިހާރު ބޭނުންކުރަމުންނެވެ. ފުޅާ ފަޓުލޫނުތައް އޮފީހަށް ލައިގެން ދާ ޒުވާން އަންހެނުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެނެވެ.

ޒުވާނަކު އޮފީހަށް ފުޅާ ފަޓުލޫނެއް ލައިގެން --- ސަން ފޮޓޯ

މި ފެޝަނަކީ ގިނަ ބަޔަކަށް ކަމުދާ ފެޝަނަކަށް ވެފައިވާއިރު، ފުޅާ ހަރުވާޅާއި ޖީންސް އަދި ފަޓުލޫނަށް އެހާބޮޑު ލޯތްބެއް ލިބެމުން މިދަނީ ކީއްވެހެއްޔެވެ؟

ބައެއް ޒުވާނުން ބުނާގޮތުގައި އެއީ ގަޔަށް ދޫވެފައި ލައިގެން އުޅެން ފަސޭހަ އެއްޗަކަށް ވުމުން އެ ޒާތުގެ ހަރުވާޅު ކަމުދަނީ އެވެ.

"އާންމުކޮށް ގިނައިން ފެންނަނީ ސްކިނީ ޖީންސް ލައިގެން އުޅޭތަން ދޯ. އެއީ ބާލާ ހެދުމުގައި ވަރަށް އުނދަގޫ އެއްޗެއް. އެކަމު ފުޅާ އެއްޗެހި ވީމަ އަސްލު ވަރަށް ފަސޭހަ ދޯ ލައި ހެދުމާއި ބާލަން،" އާންމުކޮށް ފުޅާ ހަރުވާޅު ލާ ޒުވާނަކު ސަން އަށް ކިޔައިދިނެވެ.

އިތުރު އަންހެނަކު ބުނިގޮތުގައި އޭނާއަކީ ގަޔަށް ބާރު އެއްޗެހި ލައިގެން އުޅޭ ޒުވާނެއް ނޫނެވެ. އެހެންނަމަވެސް ފެޝަނަށް ލޯބިކޮށް ފެޝަނަށް ހެދުން އަޅަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"މިއީ ފުޅާ އެއްޗެއް ދޯ. އަސްލު ގައިގައި ނުޖެހި ހުންނަނީ. ބާރު އެއްޗެހި ލައިގެން އުޅެން އަޅުގަނޑަށް އެހާ ފަސޭހައެއް ނޫން. އެހެންވީމަ މިއީ ވަރަށް ފަސޭހަ ޓްރެންޑެއް،" އުމުރުން 25 އަހަރުގެ ޒުވާނަކު ބުންޏެވެ.

ފުޅާ ހަރުވާޅަކީ ގަޔަށް ދޫ ލައިގެން އުޅެން ފަސޭހަ އެއްޗެއް ކަމަށް ޒުވާނުން ބުނޭ --- ފޮޓޯ : ކިޔުންތެރިޔެއް

މި ޓްރެންޑް ތާރީހު އިނގެނީ ކިހާވަރަކަށް ހެއްޔެވެ؟ މިފަދަ ހަރުވާޅާ ކިޔާ ހާއްސަ ނަމެއް އޮންނަކަން އެނގޭ ހެއްޔެވެ؟

"ޕްލާޒޯ ޕޭންޓްސް" ނަމަކަށް ކިޔާ މިފަދަ ޖީންސް އެންމެ ފުރަތަމަ މަޝްހޫރުވެފައިވަނީ 1970ގެ ކުރީކޮޅުގަ އެވެ. އެ ދުވަސްވަރު ފިލްމީތަރިންނާއި ސެލަބްރިޓީއިން އެންމެ ދޯޅަ ހެދުމުގެ ލިސްޓްގެ ކުރީގައި ފުޅާ ހަރުވާޅުތަކާއި ޖީންސް ހިމެނޭނެ އެވެ.

ފުޅާ ހަރުވާޅާއި ފަޓުލޫނު އެންމެ ގަދައަށް ވައިގައި ހިފީ 70ގެ އަހަރުތަކުގަ އެވެ. އެ ފެޝަން އުފެދިގެން އައީ 70ގެ އަހަރުތަކުގައި ކަމަށްވެސް ބުނެވެ އެވެ. ނަމަވެސް ޕްލާޒޯ ޕޭންޓްތައް އުފެދިގެން އައީ 1930ގެ ފަހުކޮޅު އެވެ.

ކެތުރީން ހެޕްބާން ފުޅާ ފަޓުލޫނެއް ލައިގެން --- ފޮޓޯ : ޕޮޕް ޝުގާ

އޭރުގެ މަޝްހޫރު ބައެއް ފަންނާނުން ކަމަށްވާ ކެތުރީން ހެޕްބާން އާއި ގްރޭޓާ ގާބޯ އަކީ ޕްލާޒޯ ޕޭންޓް އެންމެ ފުރަތަމަ މަޝްހޫރުކޮށް ފެޝަން ޓްރެންޑަކަށް ހަދައިދިން ފަންނާންނުންނެވެ. އެންމެ ފުރަތަމަ ޕްލާޒޯ ޕޭންޓް ސްކްރީންތަކަށް ގެނެސްދިން ފަންނާނުންނަކީ އެއީ އެވެ. ނަމަވެސް އެ ދުވަސްވަރު ޕްލާޒޯ ޕޭންޓްތަކަކީ "އަވާން ގާޑް" ފެޝަންގެ ގޮތުގައި ބަލައި އުޅުނު އެއްޗެކެވެ. އަވާން ގާޑް ފެޝަނަކީ އެ ވަގުތަކަށް ބަލާއިރު އާދަޔާ ހިލާފު ހެދުން އެޅުމުގެ ގޮތްތަކަށް ދީފައިވާ ނަމެކެވެ.

އެހެން ނަމަވެސް، ޒަމާނާ އެކު މިއީ އާދަޔާ ހިލާފު ފެޝަނެއް ނޫނެވެ. މިއީ އެތައް ޒުވާނުންނެއްގެ ހިތް ދޫވެފައިވާ ސަޅި ފެޝަން އެކެވެ.

comment ކޮމެންޓް