ސީއެމްޑީއޭގެ ސީއީއޯކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސީއެމްޑީއޭގެ ކުރީގެ ދެ ސީއީއޯ ފާތިމަތު ޝަފީގާ (ކ) އަދި ނާދިޔާ ހަސަން (ވ) --- ފޮޓޯ/ ވިމެން އޮން ބޯޑްސް

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެ މަގާމު ހުސްވެފައި މިވަނީ، އެ މަގާމުގައި ހުންނެވި ނާދިޔާ ހަސަން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިވަގުތު ސީއެމްޑީއޭ ހިންގެވުމާ ހަވާލުވެ ހުންނެވީ އެތަނުގެ ޑިރެކްޓާ ޖެނެރަލް، ހެޑް އޮފް މާކެޓް ސެކިއުރިޓީޒް ފާތިމަތު އަބްދުﷲ ކަމާލުއްދީނެވެ.

ސީއެމްޑީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސީއެމްޑީއޭގެ ސީއީއޯކަމަށް ކުރިމަތިލާ ފަރާތަކީ އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އެކައުންޓިން އަދި ބޭންކިން، ނުވަތަ ގުޅުންހުރި ދައިރާއަކުން ބެޗެލާސް ޑިގްރީ، ނުވަތަ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 8 އަށް ފެތޭ ސަނަދެއް އޮތް ފަރާތަކަށް ކަމަށެވެ.

އަދި ގުޅުންހުރި ދާއިރާއަކުން، ސީނިއާ މެނޭޖްމަންޓް ފެންވަރުގެ ނިންމުންތައް ނިންމާ ލެވެލްގައި މަދުވެގެން ހަތް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި އޮންނަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ އޮތޯރިޓީގެ ހިންގުމާއި، ސެކިއުރިޓީޒް މާކެޓު ތަރައްގީކުރުމަށްޓަކައި ކަންކަން ތަންފީޒުކުރުން ހިމެނެއެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގެ އަސާސީ މުސާރައަކީ 25،000-30،000 އާ ދެމެދުގެ އަދަދެކެވެ. އަދި ފިކްސްޑް އެލަވަންސްގެ ގޮތުގައި މަހަކު 12،000 ރުފިޔާ ލިބޭ އިރު ބޯޑް އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭނެއެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 23 ސެޕްޓެމްބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިއެވެ.

ދެހާސް ހަވަނަ އަހަރު ތަސްދީގުކުރި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނުގެ ދަށުން އުފެއްދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފުރަތަމަ ސީއީއޯއަކީ ފާތިމަތު ޝަފީގާއެވެ. ޝަފީގާ، 2006 ގެ މާޗު 8 ވަނަ ދުވަހުން ފެށިގެން 17 ޖެނުއަރީ 2015 ގެ ނިޔަލަށް ސީއެމްޑީއޭގެ ސީއީއޯކަން ކުރެއްވިއެވެ.

comment ކޮމެންޓް