ސައުދީއަށް ދިން ހަމަލާތަކަށް ފަހު ދުނިޔޭގެ ތެލުގެ އަގު އުފުއްލިއްޖެ

އަރަމްކޯގެ ކާރުހާނާއެއްގައި ރޯވެ އަނދަނީ -- ފޮޓޯ: ރޮއިޓާސް

ނިއުޔޯކް (ސެޕްޓެމްބަރު 16): ސައުދީ އަރަބިއާގެ ތެޔޮ ކުންފުނި އަރަމްކޯގެ ކާރުހާނާތަކަށް އަމާޒުކޮށް ހޮނިހިރު ދުވަހު ދިން ހަމަލާއަށް ފަހު ދުނިޔޭގެ ތެލުގެ އަގު ބޮޑުވެއްޖެ އެވެ.

މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ތެޔޮ އެކްސްޕޯޓް ކުރާ ސައުދީއަށް ދިން ހަމަލާތަކާ ގުޅިގެން އެގައުމުން ތެޔޮ އުފައްދާ މިންވަރު 50 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ސައުދީން ބުންޏެވެ.

އޭގެ ސަބަބުން އިއްޔެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމަށް ބެންޗްމާކެއްގެ ގޮތުގައި ބަލާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ފުރަތަމަ 19 ޕަސެންޓަށް އިތުރުވި އެވެ. އެއީ ތެޔޮ ފީފާއެއްގެ އަގު 71.95 ޑޮލަރަށެވެ. އޭގެ ފަހުން ތެލުގެ އަގު ކުޑަކޮށް ވެއްޓި، ފީފާއެއްގެ އަގު 66.29 ޑޮލަރުގައި ވަނީ ހިފެހެއްޓިފަ އެވެ. މީގެ ކުރިން ހުކުރު ދުވަހު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 60.22 ޑޮލަރުގަ އެވެ.

ސައުދީ އަރަބިއާއަކީ ދުނިޔޭގެ ބާޒާރަށް ކޮންމެ ދުވަހަކު ސަޕްލައި ކުރާ ތެލުގެ ތެރެއިން 10 ޕަސެންޓް ތެޔޮ ސަޕްލައި ކުރާ ގައުމެވެ. އަދި އެގައުމުން ތެޔޮ އުފައްދާ މިންވަރު ދަށްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ރިޒާވްގައި ހުރި ތެޔޮ ބޭނުން ކުރަން ހުއްދަ ދެއްވާފަ އެވެ. އެގައުމުގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވްގައި 645 މިލިއަން ފީފާގެ ތެޔޮ ހުރެ އެވެ.

ތެޔޮ އުފައްދާ 15 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުދީން ކޮންމެ ދުވަހަކު 9.8 މިލިއަން ފީފާގެ ތެޔޮ އުފައްދަ އެވެ. ނަމަވެސް އަރަމްކޯގެ ކާރުހާނާއަކަށާއި އޮއިލް ފީލްޑަކަށް ދިން ހަމަލާއާ ގުޅިގެން އޭގެ ތެރެއިން 5.4 މިލިއަން ފީފާ އުފެއްދުމަށް ހުރަސް އެޅިފައިވާ ކަމަށް އިއްޔެ ސައުދީން ބުންޏެވެ.

ސައުދީ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން އެގައުމުން މަސައްކަތް ކުރަނީ ތެޔޮ އުފައްދާ މިންވަރު މިއަދު ހަތް މިލިއަން ފީފާއަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި ތެޔޮ އުފައްދާ މިންވަރު މުޅިން ހަމަޔަކަށް އެޅޭނީ މި ހަފްތާއަށް ފަހުގަ އެވެ.

އަރަމްކޯއަށް ދިން ހަމަލާތަކުގެ ޒިންމާ ޔަމަނުގެ ހޫޘީން ވަނީ ނަގާފަ އެވެ. އަދި ސައުދީން ޔަމަނުގައި ހަމަލާތައް ދެމުންދާނަމަ އެ ޖަމާއަތުންވެސް ސައުދީއަށް އިތުރު ހަމަލާތައް ދޭނެކަމަށް ބުނެފަ އެވެ.

ސައުދީ އަރަބިއާއިން ދަނީ، 2014 ވަނަ އަހަރު ޔަމަނުގެ ސަންއާ ހިފައި އަމިއްލަ ވެރިކަމެއް ގާއިމު ކުރި ހޫޘީންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުންނެވެ. އެ ހަނގުރާމައިގައި ޔަމަނުގެ އެތައް ހާސް މީހުން މަރުވެ، އެތައް މިލިއަން މީހުން ވަނީ ބަނޑަށް ޖެހިފަ އެވެ.

ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އަރަމްކޯއަށް ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެހެން ގައުމުތަކުން އީރާން ކުށްވެރިކުރުމަށް ގޮވާލައްވާފަ އެވެ.

އީރާނުން ވަނީ އެތުހުމަތުތައް ދޮގުކޮށް، އެމެރިކާއިން ހަގީގަތް އޮޅުވާލަމުންދާ ކަމަށް ބުނެފައެވެ.

އަރަމްކޯއަށް އެހަމަލާތައް ދީފައި ވަނީ އެކުންފުނީގެ ހިއްސާ ވިއްކުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް