ނޫސްވެރިކަމުގެ އިނާމާއި ހާއްސަ އިނާމު ދީފި

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ސަން އޮންލައިން ނަޖާހު މަސްއޫދާ މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ހަވާލުކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކާއި، މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނޫސްވެރިންނަށް ދޭ ނޫސްވެރިކަމުގެ އިނާމު ރޭ ދީފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައި ބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެހެނިހެން އިސްވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވި އެވެ.

މިފަހަރުގެ އެވޯޑު ދިނީ ޕްރިންޓް/އޮންލައިން މީޑިއާ އަދި ބްރޯޑްކާސްޓް މީޑިއާ ވަކިންނެވެ.

ރޭގެ ހަފްލާގައި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގެ އެންމެ ގިނަ އެވޯޑު ލިބުނީ "މިހާރު" ނޫހަށެވެ. އެ ނޫހުން ޖުމްލަ ފަސް އެވޯޑެއް ހޯދި އެވެ. އެއީ އިޖުތިމާއީ ދާއިރާއިން އާސިޔަތު މުހައްމަދު ސައީދު، ސިޔާސީ ދާއިރާއިން ފަޒީނާ އަހްމަދު، ކުޅިވަރު އަދި ފީޗާ ލިޔުމުގެ ދާއިރާއިން މުހައްމަދު ހަމްދޫން، އަދި ފޮޓޯގްރަފީގެ ދާއިރާއިން ހުސައިން ވަހީދެވެ.

ކޯޓު ރިޕޯޓިން އަދި ޝަރުއީ ދާއިރާގެ އެވޯޑު އަވަސް އޮންލައިނުގެ ނާޒިމް ހަސަނަށް ލިބުނު އިރު ވިޔަފާރި ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ އެ ނޫހުގެ މުހައްމަދު އަފްރާހުއަށެވެ.

ބްރޯޑްކާސްޓް މީޑިއާގެ ކެޓަގަރީން އިޖުތިމާއީ ދާއިރާގެ އެވޯޑު ލިބުނީ ވީމީޑިއާގެ އައިމިނަތު އަމީނާ ނައީމް (އަނާ)އަށެވެ. އަދި ސިޔާސީ ދާއިރާއިން ރާއްޖެޓީވީގެ މުރުޝިދު އަބްދުލްހަކީމަށް އެވޯޑު ލިބުނު އިރު ފީޗާގެ ދާއިރާއިން އެވޯޑު ލިބުނީ ރާއްޖެޓީވީން ހުސައިން ހަސަނަށެވެ.

https://sun.mv/124405

ބްރޯޑްކާސްޓް ކެޓަގަރީން ވިޔަފާރީގެ ދާއިރާއަށް ހުށަހެޅުމެއް ލިބިފައި ނުވާ އިރު، ކުޅިވަރާއި ކޯޓު/ޝަރުއީ ދާއިރާއަށް ލިބުނު ހުށަހެޅުމަށް އެވޯޑު ދޭ ވަރަށް މާކްސް ނުލިބޭކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

ނޫސްވެރިކަމުގެ އެވޯޑުގައި އެންމެ ހާއްސަ އެވޯޑު ކަމުގައި ބެލެވޭ، އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ލިބުނީ ސަން އޮންލައިންގެ ނޫސްވެރިޔާ ނަޖާހު މަސްއޫދަށެވެ. އޭނާއަށް އެ އެވޯޑު ލިބުނީ ވަގުތު އޮންލައިންގެ ރީއާން ރަޝީދު، ސަންގުޓީވީގެ މާހަތު ހުސައިން ރަޝީދު އަދި އަވަސް އޮންލައިންގެ އަލީ އަފާފް ރަމީޒްއާ ވާދަކޮށްގެންނެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލުން ދޭ ހާއްސަ އިނާމުގެ ގޮތުގައި، ނޫސްވެރިކަމުގެ ރަން ގަލަން 12 ފަރާތަކަށް، ނޫސްވެރިކަމުގެ އަލިމަސް ގަލަން ނުވަ ބޭފުޅަކަށް، އަދި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހަތަރު ބޭފުޅަކަށް ރޭ ވަނީ އަރުވާފައެވެ.

comment ކޮމެންޓް