ޑްރޯން ހަމަލާތަކަށް ފަހު ސައުދީން ތެޔޮ އުފައްދާ މިންވަރު 50 ޕަސެންޓު ދަށަށް

އަރަމްކޯގެ ކާރުހާނާއަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން ރޯވެ އަނދަނީ -- ފޮޓޯ: ރޮއިޓާސް

ރިޔާޒު (ސެޕްޓެމްބަރު 15): ސައުދީ އަރަބިއާގެ ތެޔޮ ކުންފުނި އަރަމްކޯގެ ކާރުހާނާއަކަށާއި އޮއިލް ފީލްޑަކަށް އިއްޔެ ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން އެގައުމުން އުފައްދާ ތެލުގެ މިންވަރު 50 ޕަސެންޓަށް ދަށްވާނެ ކަމަށް އެގައުމުގެ އެނާޖީ މިނިސްޓްރީން ބުނެފި އެވެ.

ތެޔޮ އުފައްދާ 15 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުދީން ކޮންމެ ދުވަހަކު 9.8 މިލިއަން ފީފާގެ ތެޔޮ އުފައްދަ އެވެ.

ނަމަވެސް ސައުދީގެ އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒު ބިން ސަލްމާން ވިދާޅުވި ގޮތުގައި އެގައުމުން ކޮންމެ ދުވަހަކު އުފައްދާ ތެލުގެ ތެރެއިން 5.7 މިލިއަން ފީފާގެ ތެޔޮ އުފެއްދުމަށް މިހާރު ވަނީ ހުރަސްއެޅިފަ އެވެ. އެއީ އެގައުމުން އުފައްދާ ތެލުގެ ގާތްގަނޑަކަށް 50 ޕަސެންޓަށްވުމުގެ އިތުރުން މުޅި ދުނިޔެއިން ދުވާލަކު އުފައްދާ ތެލުގެ ފަސް ޕަސެންޓެވެ.

ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އަރަމްކޯގެ ސީއީއޯ އަމީން ނަސީރު ވިދާޅުވި ގޮތުގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެމަސައްކަތަށް ނަގާނެ މުއްދަތެއް އެކުންފުނިން ހާމަ ނުކުރެއެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނީ އެހަމަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސައުދީގެ ތެޔޮ ހޮޅިތަކަށް މީގެ ކުރިން ހަމަލާދީފައިވާ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ވަނީ އަރަމްކޯގެ ކާރުހާނާތަކަށް ދިން ހަމަލާތަކުގެ ޒިންމާ ނަގާފައެވެ. އަދި ސައުދީން ޔަމަނުގައި ހަމަލާތައް ދެމުންދާނަމަ އެ ޖަމާއަތުން ސައުދީއަށް އިތުރު ހަމަލާތައް ދޭނެކަމަށް ބުންޏެވެ.

ސައުދީ އަރަބިއާއިން ދަނީ 2014 ވަނަ އަހަރު ޔަމަނުގެ ސަންއާ ހިފައި، އަމިއްލަ ވެރިކަމެއް ގާއިމު ކުރި ހޫޘީންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުންނެވެ. އެ ހަނގުރާމައިގައި ޔަމަނުގެ އެތައް ހާސް މީހުން މަރުވެ، އެތައް މިލިއަން މީހުން ވަނީ ބަނޑަށް ޖެހިފައެވެ.

ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އަރަމްކޯއަށް ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެހެން ގައުމުތަކުން އީރާން ކުށްވެރިކުރުމަށް ގޮވާލައްވާފައެވެ.

އީރާނުން ވަނީ އެތުހުމަތުތައް ދޮގުކޮށް، އެމެރިކާއިން ހަގީގަތް އޮޅުވާލަމުންދާ ކަމަށް ބުނެފައެވެ.

އަރަމްކޯއަށް އެހަމަލާތައް ދީފައި ވަނީ އެކުންފުނީގެ ހިއްސާ ވިއްކުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް