އަހަރަކު ދެތިން ވަޒީފާ އެވެ. އެއްވެސް ކަމެއް ޝައުގުވެރިކަމާއި އެކު މާ ގިނަދުވަހަކަށް ނުކުރެވެ އެވެ. އެއްމަހުގައި ފިހާރައިގެ ކޭޝިއަރަކަށް ހުރިއިރު އަނެއް މަހު، ކޮންމެވެސް އޮފީހެއްގަ އެވެ. ދެތިންމަހުން ފެންނަނީ އަނެއްކާވެސް ކޮންމެވެސް އެހެންކަމެއްގަ އެވެ. ގިނަފަހަރަށް ހީވެފައި އޮންނަނީ މިހެން ވަޒީފާ އަވަސް އަވަހަށް ބަަލުކުރަނީވެސް ނިކަން ފަރުވާ ކުޑަ، އަހުލާގެއް ނެތް މީހުން ކަމަށެވެ.
އެހެންނަމަވެސް، ކޮންމެ ކޮންމެ މީހަކު އަދި އަވަސް އަވަަހަށް އެއް ވަޒީފާއަކުން އަނެއް ވަޒީފާއަކަށް އެ ބަދަލުވަނީ އެ މީހެއްގެ ކިބައިގައި ހުންނަ އުނިކަމަކުން ނުވަތަ އަދަބެއް ނެތުމުންނެއް ނޫނެވެ. އިތުރު އެހެން ސަބަބުތަކެއްވެސް ހިމެނިގެނެވެ.
ގިނަ ފަހަރަށް މަސައްކަތުގެ މާހައުލުގެ މައްސަލަތައްވެސް ބައިވަރެވެ. މި ހިމަނާލަނީ މިގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމެވެ.
1. ފުރުސަތުތައް މަދުވުން
ކޮންމެ މީހަކަށްވެސް މަސައްކަތުގައި އެމީހެއްގެ ހުނަރުތަކާއި ދަސްވެފައި ހުރި އެއްޗެއް އަމަލީގޮތުން ބޭނުންކުރެވުމަކީ އަމިއްޔަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ، ކަމެއް ހާސިލްވާ ކަމުގެ އިހުސާސް ކޮށްދޭނޭ ކަމަކެވެ. އަދި މިފަދަ މަސައްކަތްތައް ކުރުމަކީ ލިބޭނޭ އެންމެ ބިޑު ހިތްހަމަޖެހުންވެސް މެއެވެ.
ކަންމިހެން ހުރިއިރު ކޮންމެ މީހެއްވެސް އެމީހެއްގެ ހުނަރުތައް ކުރިއަރުވާ ދަސްކުރަން ބޭނުންވާނެ އެވެ. އެ ވަޒީފާއަކުން އެ ފުރުސަތު ތަނަވަސް ނުވާނަމަ ދެން އެވީ އެފަދަ އެހެން ވަޒީފާއެއް ހޯދާށެވެ.
އެހެންކަމުން މަސައްކަތުގެ މައިދާނުގައި އަބަދުވެސް ކޮންމެ މުވައްޒަފަކަށްވެސް ތަފާތު 'ޗެލެންޖިން' ޓާސްކްތަކެއް ހަވާލުކުރުން ވާނީ އެމީހަކަށް ކުރިއެރުންލިބި، މަސައްކަތުގެ ފެންވަރު ރަނގަޅު ގިނަ ދުވަހު މުވައްޒިފު ހަރުލާނޭ ކަމެކެވެ.
2. ހިންގުމުގެ މައްސަލަ
ދެހާސްފަސްވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން އެނގޭގޮތުގައި މެނޭޖްމަންޓްގެ ހިންގުމުގެ މައްސަލަތަކަކީ އެތަނަކުން މުވައްޒަފުން ވަކިވުމަށް ދިމާވާ އެންމެ ބޮޑު މައްސަލަ އެވެ. މިފަހުގެ ދިރާސާތައް ދައްކާގޮތުން މިއީ އަދިވެސް މިކަން މެދުވެރިވާ އެންމެ އާންމު މައްސަލަތަކުގައި ހިމެނޭ ކަމެކެވެ.
އާންމުކޮށް މިފަަދައިން ދިމާވާ އެންމެ އާންމު ސަބަބަކީ ލީޑާރޝިޕް ނުހުންނަ ނުވަތަ ކިތަންމެ މޮޅު ސެޓްފިކެޓެއް އޮތަސް ހިންގަން ނޭގޭ މެނޭޖަރުން ނުވަތަ އެފަދަ މަގާމްތަކަށް މީހުން އައްޔަނުކުރުމެވެ. ތަނެއް ހިންގަން ތިބޭ މީހުންވާންވާނީ އެންމެނާއިވެސް ވާހަކަދެއްކޭ، މައްސަލަތައް ހައްލު ކުރެވޭ، ތަފާތު ނުކުރާ، އެންމެންގެ އަޑުއަހާނެ ފަދަ މީހަކަށެވެ. އަދި މުޅީންވެސް އަމުރުކުރުމުގެ ބަދަލުގައި މުވައްޒަފުންނާއި އެކު މަސައްކަތްކުރާނޭ އަދި ކުރަން އެހީވާނޭ މީހަކަށެވެ.
ނަމަވެސް އަބަދު ހަޅޭއްލަވާ، އަޑުގަދަކޮށް، އަމުރުކުރާޒާތުގެ ވެރިން ތިބުމަކީ އެއްވެސް މުވައްޒަފަކު އެ އޮފީހެއްގައި އުޅޭ ހިތްވާނެ ކަމެއް ނޫނެވެ.
3. މަސައްކަތަކުގެ މާހައުލުގެ ނެގެޓިވިޓީ
ކޮންމެ އޮފީހެއްގައިވެސް އުޅޭނީ ތަފާތު އެކި މިޒާޖުތަކުގެ މީހުންނެވެ. އެހެންކަމުން ވަރަށް ގާތް ރަހުމަތްތެރިންނާއި އެއްވެސް ވަރަކަށް އެކަކު އަނެކަކުދެކެ ގަޔާނުވާނެ މީހުންވެސް ތިބޭނެއެވެ. މިފަދަ މާހައުލެއްގައި މާބޮޑަށް ނުތަނަވަސްކަން ބޮޑުވެ، ކުދިކުދި މައްސަލަތައް ބޮޑުވެ، އެކަކު އަނެކަކަސް އޮންނަ ވާދަވެރިކަން މާ ބޮޑުވެއްޖެނަމަ ކަންކަން ރަނގަޅެއް ނުވާނެއެވެ.
އެހެންކަމުން މުވައްޒަފުންގެ ގުުން ރަނގަޅުކޮށް، އެއް ޑިޕާޓްމަންޓާއި އަނެއް ޑިޕާޓްމަންޓާއި، އަދި މުވައްޒަފުންނާއި އޮފީސް ލީޑަރޝިޕްގެ ގުޅުން ރަނގަޅުކުރުމަކީ މުހިންމު ކަމެކެވެ.
4. މަސައްކަތް މާ ގިނަވުން ނުވަތަ މާ ލުއިވުން
ގިނަ ފަހަރަށް މަސައްކަތަށް ރަނގަޅު ފަރުވާތެރި މީހުންނަށް އެއްފަހަރާ ދެތިން ހަތަރު މަސައްކަތެއް ޖެއްސެއެވެ. ފަހަރެއްގައި އެއީ އޭނާއަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ނުވަތަ އޭނާ އެކަމެއް ބަރާބަރަށް ކުރާނެކަން އެނގޭތީ ކަމަށްވެދާނެއެވެ.
އެހެންނަމަވެސް އެއްފަަހަރާ މާ ގިނަ މަސައްކަތް ޖެއްސުމަކީ އިތުރު ވަގުތުތަކެއް އެކަމެއްގައު ހޭދަކުރަންޖެހޭނޭ ކަމެކެވެ. އެއާއެކު މަސައްކަތުގެ ލޯޑު މާ ބޮޑުވާނަމަ، އެމީހަކު ފްރަސްޓްރޭޓްވެ، މަސައްކަތްދެކެ އިސާހިތަކު ފޫހިވެދާނެ އެވެ.
އެއާއެކު ހަނދާންކުރަންވީ ކޮންމެ މުވައްޒަފަކަށްވެސް ހަމަހަމައަށް މަސައްކަތްދޭންޖެހޭނޭ ކަމެވެ. އެފަދައިން އެމީހަކަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވޭނަމަ އޭނާއަށް ދަސްކޮށްދޭށެވެ. އޭރަށް ދެން ކުރަން އެނގޭނެއެވެ.
5. ވަޒީފާގެ ކުރިއެރުމާއި މުސާރައާއި އިނާޔަތްތައް
ކޮންމެ މީހެއްވެސް ވަޒީފާއަކަށް މިދަނީ ފައިސާ ހޯދުމަށެވެ. އެމީހެއްގެ މަސައްކަތުގެ ލޯޑު ބޮޑުވެ، ކުރަންޖެހޭ މަސައްކަތްތައް އިތުރުވާނަމަ، މުސާރައިންވެސް އެކަން އެނގެންވާނެއެވެ. އަދި ގިނަ ދުވަސްވަންދެން މަސައްކަތްކުރުމުގައި ފަރުވާތެރިވާ ހިންގުންތެރި މުވައްޒަފުންނަށް އެކަން ފާހަގަކޮށް ވަޒީފާގެ ކުރިއެެރުންދީ މަސައްކަތުގައި ކުރިއަށްދިއުމަށް ހިތްވަރުދޭށެވެ.
ނޫނީ ފެންނާނީ ތެޔޮނާށި ކާޅު ޖަހައިގަންނަހެން އެ ހުނަރާއި ގާބިލްކަން އެހެން މުވައްސަސާއަކުން ނުވަތަ އޮފީހަކުން ހޯދާތަނެވެ.