ޓެރެރިޒަމް ބިލަށް އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުން އެބަހުރި، މަޝްވަރާ ކުރާނަން: އާޒިމް

އެމްޑީޕީ ޕީޖީ ލީޑަރުން: ބިލާ މެދު މެމްބަރުން ކަންބޮޑުވުން އެބަހުރި ކަމަށް އާޒިމް ވިދާޅުވި -- ފައިިލް ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޓެރެރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ ބޮޑެތި ކަންބޮޑުވުން އެބަހުރި ކަމަށާއި ގުޅުންހުރި މުއައްސަސާތަކާ މަޝްވާރާ ކުރާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު، ހުސައިން ޝަމީމް (އަދުން ހުސައިން) ހުށަހެޅުއްވި ބިލުގައި ފުލުހުނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ހިމަނާފައެވެ.

ބިލާ ގުޅޭގޮތުން އަލީ އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ، އެމްޑީން ވޭތުވެދިޔަ ހަތް އަހަރު އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދިޔަ އަސާސީ ހައްގުތަށް ބިލުން ހަނިކޮށްފައިވުން އެއީ ޕާޓީ މަޖިލިސް މެމްބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ހައްގުތަށް ހިފެހެއްޓުމުން ލިބޭ ފައިދާ އަކީ ކޮބައިކަން އެމްޑީޕީ މެމްބަރުންނަށް ބުނެދޭން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަސާސީ ހައްގުތައް އިތުރަށް ހަނިވުމަކީ، އެމްޑީޕީ މެމްބަރުންނަށް އެއްވެސް ވަރަކަށް ގަބޫލު ކުރެވޭ ކަމެއް ނޫން... ހައްގުތައް ހަނިކޮށްގެން ގާނޫނަށް އިސްލާހު ގެންނަން މިއުޅޭނި ކީތް ކުރަން ކަން އެމްޑީޕީ މެމްބަރުންނަށް ބުނެދޭން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ޓެރެރިޒަމް ހުއްޓުވުމަށް ބޭނުންވާ ކަމަށާއި ނަމަވެސް މިހާރު ހުރި ގާނޫނުތައް ހުއްޓައި، އަނެއްކާވެސް ބޮޑެތި އިސްލާހުތައް ގެނެސްގެން މި މައްސަލައެއް ލިބޭނެ ހައްލަކީ، ކޮބާކަން އެންގެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަލަށް މި ގާނޫނަށް އިސްލާހު ގެނެސްގެން ކޮބާތޯ އިތުރަށް އެޗީވް ވާނެ ކަމަކީ. އެއީ ކަންނޭގެ ބިލުގައި ބުނެދޭންޖެހޭ ކަމަކީ. ކޮންކަމެއް އިތުރަށް ވެދޭނެތޯ، ނޫންތޯ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މެމްބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުންނާއި ބަންޑާރަ ނައިބާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ބިލުގައި ފުލުހުންނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި، ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރު ކުރުމާއި ފާސްކުރުމުގެ ބާރު ވަނީ ދީފަ އެވެ. އަދި 48 ގަޑި އިރު ވަންދެން އެ މީހަކު ކޯޓު އަމުރެއް ނެތި ހައްޔަރުކޮށްފައި ބެހެއްޓުމުގެ ބާރުވެސް ފުލުހުންނަށް އޮވެ އެވެ. އަދި އެ ހައްޔަރު ކުރާ މީހަކަށް ލިބިގެންވާ ބައެއް އަސާސީ ހައްގުތައް ވެސް ވަނީ ހިފެހެއްޓުމަށް ބިލުގައި ހިމަނާފައިވެ އެވެ.

comment ކޮމެންޓް