އުމުރުން 16 އަހަރުގައި ބާސެލޯނާގެ ފަޓީ ރެކޯޑްތައް މުގުރަނީ

ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފަޓީ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ޖޯ ރައިޓް

ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އުމުރުން 16 އަހަރު އަންސޫ ފާޓީ ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖަހައި، އެސިސްޓެއްކޮށް ވެލެންސިއާ ގާތުން މޮޅު ކޮށްދީފިއެވެ.

އެންމެ ފަހުން އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހިތްގައިމު ގޯލެއް ޖަހައި ބާސެލޯނާގެ ތާރީހުގައިވެސް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދި ފަޓީ ވަނީ ރޭ ޖެހި ގޯލާއެކުވެސް މުޅި ސްޕެނިޝް ލީގުގެ ރެކޯޑް މުގުރާލައިފައެވެ. އޭނާއަކީ މިހާރު އެ ލީގުގައި އެއް މެޗެއްގެ ތެރޭގައި ގޯލެއް ޖަހައި އެސިސްޓް ކުރި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފަޓީ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ޖޯ ރައިޓް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއާއި އެ ޓީމުގެ ކުރިއަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް އަދި އުސްމާން ޑެމްބެލޭ އަނިޔާގައި ހުރުމުން އާނެސްޓޯ ވަލްވާޑޭ ވަނީ ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ފަޓީއަށް ޖާގަ ދީފައެވެ. އޭނާ ވަނީ މެޗު ފެށިގެން ދެ މިނަޓުގެ ތެރޭގައި ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަސް މިނަޓު ފަހުން ބާސެލޯނާއަށް އިތުރު ގޯލެއް ޖެހުމަށް އެސިސްޓްވެސް ކޮށްދިނެވެ.

އެންމެ 16 އަހަރުގެ ކުޅުންތެރިޔަކާ އަޅާ ބަލާ އިރު ފަޓީ ރޭގެ މެޗުގައި ދެއްކި ކުޅުމަކީ ކުރި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ނަމޫނާ އެކެވެ. އެއްވެސް ޕްރެޝަރެއް ނެތި ފަޓީ ރޭގެ މެޗުގައި ކުޅެލި އިރު އޭނާއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކުހެން ސަޕޯޓަރުންގެ ފޯރި ގަދަ ކޮށްލައެވެ. ފަހުންވެސް އޭނާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލުއިސް ސުއަރޭޒަށް ޖާގަ ދިނުމުގެ ގޮތުން ފަޓީ ދަނޑުމަތިން ފައިބައިގެން ދިޔަ އިރު ބާސެލޯނާގެ ދަނޑަށް އެއްވެފައި ތިބި އެންމެން ކަހަލަ ގޮތަކަށް ވަނީ ކޮޅަށް ތެދުވެ ހޫނު ތަރުހީބެއް ދީފައެވެ. މީގެން ވެސް ހާމަވަނީ އޭނާ އެންމެ މެޗެއްގެ ތެރޭގައި ބާސެލޯނާގެ ލޯބި ހޯދައިފައިވާ މިންވަރެވެ.

އެކެޑެމީން ބޮޑު ޓީމަށް ޒުވާން އުމުރުގައި ދެމިގަތް ފަޓީ ދެއްކި މޮޅު ކުޅުމާއެކު ބާސެލޯނާގެ އޮފިޝަލް ޕޭޖުގައ ވެސް ވަނީ އޭނާއަށް ބޮޑު ތައުރީފެއް ކޮށްފައެވެ.

"އަންސޫ ފަޓީ، މި ނަން ހަނދާން ނައްތާނުލާތި. ރެކޯޑްތައް މުގުރާނެކަން ޔަގީން." ބާސެލޯނާގެ އޮފިޝަލް ސައިޓުގައި ބުނެފައިވެއެވެ.

ރޭގެ މެޗުގައި ދެއްކި މޮޅު ކުޅުމާއެކު ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑާ ބައްދަލުކުރާ މެޗުގައިވެސް ފަޓީ ފެނުމުގެ ފުރުސަތު ބޮޑެވެ.

comment ކޮމެންޓް