ސައުދީ ތެޔޮ ކުންފުންޏަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އަރާމްކޯގެ ޕްލާންޓެއްގައި ރޯވެ އަނދަނީ -- ފޮޓޯ: ރޮއިޓާސް

ސައުދީ އަރަބިއްޔާގެ އަބްގައިގު އަދި ހިޖްރާ ޚުރައިސްގައި ހުންނަ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ޕްލާންޓުތަކަށް ރޭ ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ހަމަލާތަކުގައި ތެޔޮ ޕްލާންޓުތަކުގައި ވަނީ އަލިފާން ރޯވެފަ އެވެ. ނަމަވެސް މިހާރު އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް ސައުދީ މީޑިއާތަކުން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަލާ ދީފައިވަނީ މުހިންމު ބިނާތަކަށް ކަމަށާއި، މިއީ އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ކަމަށެވެ.

އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ސައުދީގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނެ ކަމަށާއި، މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

"މިފަދަ ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލަަން ސުލްހަވެރި ހައްލެއް ހޯދަން ކުރާ މަސައްކަތަށް ހުރަސް އެޅޭ،" ސަރުކާރުގެ ބަޔާނުގައިވެ އެވެ.

ސަރުކާރުން ބުނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ސައުދީ އަރަބިއާ އާއެކު ދިވެހިން ތިބި ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މިއީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާއެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ހޫތީން ވަނީ މިދިޔަ އޯގަސްޓް މަހު ފަހުކޮޅު ވެސް ސައުދީއަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ.

ރޭ ދިން ހަމަލާތަކުގެ ސަބަބުން ސައުދީން ތެޔޮ އުފައްދާ މިންވަރު ދެބައިކުޅަ އެއްބައި ދަށްވެ، ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

comment ކޮމެންޓް