ލިވަޕޫލް ރެކޯޑް ދެމެހެއްޓި އިރު ސިޓީ ބަލިވެއްޖެ

ލިވަޕޫލާއި ނިއުކާސަލް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-3 އިން ކާމިޔާބު ކުރީ ލިވަޕޫލް --- ފޮޓޯ// ޖޯ ރައިޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ވެސް މޮޅުވެ، ލިވަޕޫލުން ހުރިހާ މެޗަކުން މޮޅުވުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް އިތުރުކޮށްފި އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނޯވިޗު ސިޓީގެ އަތުން ބަލިވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ވާދަވެރި ލީގުގެ ގޮތުގައި މަޝްހޫރުވެފައި އޮތް އީޕީއެލްގައި ރެޔަކީ ފޯރިގަދަ ގިނަ މެޗުތަކެއް ކުޅެވިގެން ދިޔަ ރެޔެކެވެ. އެގޮތުން ވޭތުވެ ދިޔަ ސީޒަނުގައި އުފެދުނު ބޮޑު ވާދަވެރިކަމެއްގައި އަދިވެސް ދެމިއޮތް ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ އިތުރުން ޒުވާން ކުޅުންތެރިންނާ އެކު ވިދަމުން އަންނަ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑު އަދި ޓޮޓެންހަމް ވެސް ރޭ ވަނީ ކުޅެފަ އެވެ.

ލިވަޕޫލުން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ނިއުކާސަލް ޔުނައިޓެޑާ އެވެ. އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅާ އެކު އެއް ވަނައިގައި ފަސް ޕޮއިންޓުގެ ފަރަގެއް ލިވަޕޫލުން ވަނީ ނަގައިފަ އެވެ. މި ސީޒަނުގައި 100 ޕަސެންޓު މޮޅު ހޯދަމުން އަންނަ ލިވަޕޫލް ވަނީ މިދިޔަ ސީޒަނުގެ ކުރީ ކޮޅު ވެސް ބޮޑު ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް ލީގު ގެއްލުނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

އިއްޔެގެ މެޗަށް ލިވަޕޫލުން ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. މުހައްމަދު ސަލާހު އާއި ސާޑިއޯ މާނޭ އަދި ރޯބާޓޯ ފިރްމީނިއޯގެ ޓްރިއޯއިން އެ މެޗުގައި ތަފާތު ދެއްކި އިރު މިއީ އެ ޓީމުން ލީގުގައި ޖައްސަ ޖައްސައިގެން މޮޅު ހޯދި 14 ވަނަ މެޗެވެ.

މެޗު ފެށިގެން ކުޑަ ވަގުތުކޮޅެއްގް ތެރޭގައި ނިއުކާސަލްގެ ޖެޓްރޯ ވިލެމް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޭރު ލިވަޕޫލުން މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވި ތިބި ނަމަވެސް ގޯލާ އެކު ހޭލެވި ލިވަޕޫލުން އެމީހުންގެ ރަސްމީ ކުޅުމަށް ވަނެވެ. ލިވަޕޫލުން އެ މީހުންގެ ވަރުގަދަ އެޓޭކް ފޯހުގެ ބޭނުން ހިފައި ގިނަ ހަމަލާތަކެއް އުފައްދަން ފެށުމުން ނިއުކާސަލްގެ ޑިފެންސަށް އިންތިހާއަށް ބާރު ބޮޑުވެ ގޯލު ދޫކުރަން މަޖުބޫރުވި އެވެ.

އޭގެ ފައިދާ ނަގައި ލިވަޕޫލަށް މެޗުގެ 28 ވަނަ މިނަޓުގެ ތެރޭގައި މާނޭ ނަތީޖާ ހަމަހަމަ ކޮށްދިން އިރު އެ ހާފު ނިމެން ދަނިކޮށް އޭނާ ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. ލިވަޕޫލްގެ ފަހު ގޯލު އެ ޓީމަށް ޖަހައިދިނީ ސަލާހު އެވެ. ލިވަޕޫލްގެ މޮޅާ އެކު އެ ޓީމުން އެއްވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ.

ރޭ ކުޅުނު ގިނަ މެޗުތަކުން އެންމެ ބޮޑު ހައިރާން ކަމެއް ގެނުވީ ވަރުގަދަ ސިޓީ ގާތުން ނޯވިޗު ހޯދި މޮޅުންނެވެ. މެޗުގެ ކުރީ ކޮޅު ނޯވިޗުން ޖެހި ދެ ގޯލާ އެކު ސިޓީ ޕްރެޝަރަށް ވެއްޓުމުގެ ސަބަބުން އެ ޓީމުން ކުޅެމުން އަންނަ ގޭމު ޖެއްސޭ ގޮތެއް ނުވި އެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: ރޭ ކުޅުނު މެޗުން ސިޓީ ވަނީ ނޯވިޗް ސިޓީ އަތުން 2-3 އިން ބަލިވެފަ --- ފޮޓޯ// ރަޔާން ބެންސަން

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ސާޖިއޯ އަގުއޭރޯ ގޯލެއް ޖަހައި އުންމީދު އައު ކުރި އިރު ދެވަނަ ހާފު ފެށުނުތަނާހެން ނޯވިޗުން ވަނީ އަނެއްކާވެސް އިތުރު ގޯލެއް ޖަހައި ފަރަގު ބޮޑު ކޮށްފަ އެވެ.

އެ ގޯލާ އެކު ސިޓީން ޓީމު ކުރިއަށް ޖައްސައި ގިނަ ހަމަލާތަކެއް އުފެއްދި އިރު ނޯވިޗުގެ ޑިފެންސުން ވަނީ އެ ބޯޅަތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެން ނަމަވެސް ސިޓީން ވަނީ މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށް ގޯލެއް ޖަހައިފަ އެވެ.

comment ކޮމެންޓް