ވައި ނުސާފުވުމުގެ ސަބަބުން މެލޭޝިއާގެ 300 ސްކޫލު ބަންދުކޮށްފި

މެލޭޝިއާގައި ވައި ނުސާފުވުމުގެ ސަބަބުން ފަތުރުވެރިންތަކެއް މާސްކް އަޅައިގެން -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (ސެޕްޓެމްބަރު 15): ވައި ނުސާފުވުމުގެ ސަބަބުން މެލޭޝިއާގެ ޖޮހޯރު ސްޓޭޓުގެ 300އަށް ވުރެ ގިނަ ސްކޫލު މިއަދު ބަންދުކޮށްފި އެވެ.

އެސްކޫލުތައް ބަންދު ކުރީ ޖޮހޯރު ސްޓޭޓުގެ ތިން ޑިސްޓުރިކްޓެއްގައި ވައި ނުސާފުވެފައިވާ މިންވަރު ނުވަތަ އެއާ ޕޮލިއުޓެންޓް އިންޑެކްސް (އޭޕީއައި) ސިއްހަތަށް ގެއްލުންވާ މިންވަރަށް މަތިވުމުންނެވެ. އަދި އޭގެ ތެރެއިން ދެ ޑިސްޓްރިކްޓެއްގެ ސްކޫލުތަކުގައި މިހާރު ވަނީ 50،000 ފޭސް މާސްކް ބަހާފަ އެވެ.

މެލޭޝިއާއިން ބުނާ ގޮތުގައި މިމަހުގެ ފަހަކުން ފެށިގެން އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ވައި ނުސާފު ވަނީ އަވަށްޓެރި އިންޑޮނޭޝިއާގެ ސުމަތުރާ އާއި ބޯނިއޯ އައިލެންޑްސްގެ ޖަންގަލިތަކުގައި ރޯވުމުގެ ސަބަބުންނެވެ. އަދި އެ އަލިފާންގަނޑުތަކުން އަރާ ދުމުގެ އަސަރު ސިންގަޕޫރަށްވެސްކޮށް، އެގައުމުގެ ބައެއް ސަރަހައްދުތަކުގައިވެސް ވަނީ ވައި ނުސާފުވެފަ އެވެ.

އިންޑޮނޭޝިއާއިން ދަނީ އަލިފާން ނިއްވުމަށް އެތައް ހާސް ފަޔާފައިޓަރުން ފޮނުވާ، ފެން ޖެހުމަށް ހެލިކޮޕްޓަރުވެސް ބޭނުން ކުރަމުންނެވެ. އަދި މެލޭޝިއާ އާއި ސިންގަޕޫރުން ވަނީ އެ މަސައްކަތުގައި އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯކުރަނީ ދަނޑުވެރިކަން ކުރުމަށް ބިން ސާފު ކުރުމުގެ ގޮތުން ބޮޑެތި ކުންފުނިތަކުން ކަމަށް އެގައުމުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް