"އެމެރިކާ"ގެ ނަން ދީފައިވާ ރަން ފާހާނާ ތަށި ވަގަށް ނަގައިފި

ބްލެނެމް ޕެލެސްގައި ބެހެއްޓި ރަނުން ހަދާފައިވާ ފާހާނާ ތަށި -- ފޮޓޯ: ގެޓީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް ދިރިއުޅުއްވި ބްލެނެމް ޕެލެސްގައި ބަހައްޓާފައި ހުރި "އެމެރިކާ"ގެ ނަން ދީފައިވާ ރަން ފާހާނާ ތަށި ވަގަށް ނަގައިފިއެވެ.

އިޓަލީގެ އާޓިސްޓް މަރިޓްޒިއޯ ކަޓަލަންގެ މަސައްކަތްތައް ދައްކާލާ މައުރަޒުގެ ބައެއްގެ ގޮތުން އެގަނޑުވަރުގައި ބަހައްޓާފައި ހުރި ފާހާނާ ތައްޓަކީ ފްލަޝްކޮށް، ބޭނުން ކުރެވޭ ގޮތަށް ހަދާފައި ހުރި ތައްޓެކެވެ. އެ މައުރަޒު ފެށީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އިނގިރޭސި ފުލުހުން ބުނި ގޮތުގައި އެ ފާހާނާ ތަށި ވަގަށް ނެގީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ. އަދި އެ މައްސަލައާ ގުޅިގެން 66 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި ފާހާނާ ތަށި ހުރީ ބޭނުންކުރެވޭ ގޮތަށް ހަދާފައި ކަމުން، އޭތި ނެގުމުން ތަޅުންގަނޑަށް ގެއްލުންވެ، ފެން ހެދުނު ކަމަށް ފުލުހުން ބުންޏެވެ.

ކަޓަލަން ބުނި ގޮތުގައި 18 ކެރެޓް ރަނުން މުޅިންވެސް ހަދާފައިވާ އެ ފާހާނާ ތަށީގެ އަގު ފަސް މިލިއަން ޑޮލަރަށް އަރާނެއެވެ.

މީގެ ކުރިން އެ ތަށި ބަހައްޓާފައި ހުރީ ނިއުޔޯކްގެ ދާރުލްއާސާރެއްގަ އެވެ. އަދި 2016 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން، ވައިޓްހައުސްއަށް ބަދަލުވުމުން، އެ ފާހާނާ ތަށި ރައީސަށް ހަދިޔާކުރަން ދާރުލްއާސާރުން މަސައްކަތްކުރިއެވެ. ނަމަވެސް ވައިޓްހައުސްއިން އެހުށަހެޅުމަށް ޖަވާބެއް ދީފައި ނުވެއެވެ.

comment ކޮމެންޓް