ދިމާވި މައްސަލަ ހައްލުކޮށް، އައްޑޫއަށް ކަރަންޓު ދީފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގެ ކަރަންޓު ނެޓްވޯކަށް މިދިޔަ އާދީއްތަ ދުވަހު ދިމާވި މައްސަލަ ހައްލުކުރުމަށް، މިއަދު ކަރަންޓު ކަނޑާލުމަށްފަހު އަލުން ކަރަންޓު ދީފިއެވެ.

މައްސަލަ ހައްލުކުރުމަށް ކަރަންޓުގެ ހިދުމަތް ކަނޑާލީ މިއަދު ހެނދުނު 09:00 ގައެވެ. މައްސަލަ ހައްލު ކުރުމަށް ގުޅިފައިވާ ރަށްތަކުން ހަތް ގަޑިއިރަށް ކަރަންޓު ކަނޑާލާނެ ކަމަށް ފެނަކައިން އޮތީ އަންގައިފައެވެ.

ފެނަކައިން ބުނީ ކަރަންޓު ކަނޑާލަން ނިންމީ ހަތް ގަޑިއިރަށް ކަމަށާއި، މައްސަލަ ހައްލުވެއްޖެ ނަމަ، އެއަށްވުރެ އަވަހަށް ވެސް ކަރަންޓު ދެވުން އެކަށީގެންވާ ކަމަށެވެ.

އަލުން ކަރަންޓު ދިނުމަށް ކުރިން އޮތީ ހަވީރު 4:00 ގައެވެ. އެހެން ނަމަވެސް މައްސަލަ ހައްލުކޮށް މެންދުރު 2:15 ގައި ގުޅިފައިވާ ހަތަރު އަވަށަށް މިހާރު ވަނީ ކަރަންޓު ދީފައެވެ.

ފެނަކައިން ބުނީ ވަރަށް ކާމިޔާބު މަސައްކަތަކަށް ފަހު، އަވަށްތަކަށް ކަރަންޓު ދޫކުރަން ފެށީ 12:50 ހާއިރު ކަމަށެވެ.

"ގަޑިން 2:15 ގައި އެންމެ ފަހު ޓްރާންސްފޯމަރު ވަނީ ޖައްސާފައި. އެއާއެކު ހިތަދޫން ފެށިގެން ގަމާ ހަމައަށް ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ވަނީ ދެވިފައި،" ފެނަކައިން ބުންޏެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް މި އަހަރު 1.2 މެގަވޯޓާއި 800 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރު ސެޓު ވަނީ ފޮނުވާފައެވެ.

comment ކޮމެންޓް