ނަޝީދު ޗައިނާއަށް ފާޑުކިޔުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ނޫން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޗައިނާ ސަފީރު ޒާން ލިޒޮން އާދެމެދު ދޭތެރެ ދޭތެރެއިން ކޯޅުންތައް އުފެދި، ޓުވިޓާގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެ އެވެ.

ސަބަބަކަށް ވަނީ ރައީސް ނަޝީދު ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވެސް ވަރަށް ފާޅުގައި ޗައިނާއަށް ފާޑުވިދާޅުވުމެވެ. ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ތަފާތު ކުރުމެއްނެތި، ހުރިހާ ގައުމަކާ އެކުވެސް ގުޅުން ބަދަހިކުރުން ނަމަވެސް، ނަޝީދުގެ ވާހަކަތައް ހުންނަ ގޮތުން، ޗައިނާ އަކީ އެމަނިކުފާނު މާ ހިތްޕުޅާވާ ގައުމެއް ނޫންކަމަށް ދޭހަވެ އެވެ.

ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނު އެހީތަކާއި، އަދި ހިޔާ މަޝްރޫއުގެ ދަށުން ޗައިނާ ކުންފުންޏަކުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކާ ގުޅޭގޮތުން ވެސް ނަޝީދު ދޭތެރެދޭތެރެއިން ބޮޑެތި ތުހުމަތު ކުރައްވަ އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަން ޗައިނާ ސަފީރު ހުންނަވަނީ ތައްޔާރަށެވެ. ނަޝީދު ޖައްސަވާ ހިސާބުތަކާއި، ސަފީރު ޖައްސަވާ ހިސާބުތަކާ ދިމަލެއް ނުވެ އެވެ. ސަފީރު ވިދާޅުވަނީ ނަޝީދު އިތުރުފުޅު ހައްދަވާ ކަމަށެވެ. ނުވަތަ ނަޝީދަށް އެކަންކަމުގެ ތަފްސީލް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ހަމަ ވާހަކަފުޅެއް ވިދާޅުވަނީ އެވެ.

ރައީސް ނަޝީދު އަދި ޗައިނާގެ ސަފީރު---

ދެބޭފުޅުންގެ ކޯޅުން ހޫނުވެ، އެންމެ ފަހުން ސަފީރު ވަނީ ނަޝީދުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުން ހީނަރުވެދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ނަޝީދަށް މިއީ މާބޮޑު ކަމެއް ނޫނެވެ. ނަޝީދުގެ ފާޑުކިޔުން އިތުރު ކުރައްވައި މިފަހުން ވެސް އެމަނިކުފާނު ސިފަކުރައްވަނީ ޗައިނާ އަކީ އިސްތިއުމާރީ ބާރެއް ކަމަށެވެ. އަދި ތަރައްގީއަށް ދޭ ލޯނު ކަމަށް ބުނެ، ގައުމުތަކުގެ ބިން ޗައިނާއިން ފޭރި ގަންނަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެއަކަސް ދައުލަތުގެ އިސް މަގާމެއްގައި ހުންނަވާ ބޭފުޅަކު، ތަކުރާރުކޮށް މިފަދަ ގޮތަކަށް ވާހަކަ ދައްކަމުން ގެންދިއުމަކީ ޗައިނާ ސަފީރު ފާހަގަކުރެއްވި ފަދައިން ދެގައުމުގެ ގުޅުން ހީނަރުވެދާނެ ކަމެކެވެ. އެކަމަށް ވަރަށް ބޮޑު ފުރުސަތެއް އެބަ އޮތެވެ. ސަބަބަކަށް ވަނީ، ރައީސް ނަޝީދަކީ ދައުލަތުގެ އެއް ބާރު ރައްޔިތުން މަޖިލީހުގެ ރަައީސްއަށް ވުމެވެ. އަދި ވެރިން ކުރާ ޕާޓީ އެމްޑީޕީގެ ރައީސްއަކީ ވެސް އެމަނިކުފާނެވެ.

ނަމަވެސް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނަޝީދުގެ ވާހަކަތަކާ ގުޅޭ ގޮތުން ދެއްވީ، ޑިޕްލޮމެސީގެ ބަހުރުވައިން ނަމަ ވަރަށް ޑިޕްލޮމެޓިކް ޖަވާބެކެވެ. ނަޝީދުގެ ހޫނު ވާހަކަތަކަށް ދެއްވީ ފިނި ޖަވާބެކެވެ. މިދިޔަ ބުދަ ދުވަހު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖެއަށް ޑިމޮކްރެޓިކް ވެރިކަމެއް ގެންނަން ކަމަށެވެ. މި ސަރުކާރު ވެސް ވެރިކަމަށް އައީ ހަގީގީ ޑިމޮކްރަސީއެއްގެ ވައުދާއެކު ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން ކަމަކާ ތަފާތު ހިޔާލުތަކަށް މި ސަރުކާރުން އަބަދުވެސް ޖާގަ ދޭނެ ކަމަށާއި، އެކަމަށް ހުރަސް ނާޅާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑިމޮކްރެޓިކް ވެރިކަމަކީ ހިޔާލު ތަފާތުވުމާ، ތަފާތު ހިޔާލުތަކަށް ޖާގަ ދިނުން ވެރިކަމެއްގައި. އެހެންވީމަ އެގޮތަށް ޗައިނާ ސަރުކާރާ، ޗައިނާ ސަރުކާރުގެ ސިޔާސަތުތަކާ ތަފާތު ހިޔާލުތައް ގެންގުޅުއްވާ ބޭބޭފުޅުންނާ ބެހޭގޮތުން ސަރުކާރުން ވަކި ގޮތަކަށް ބަސްބުނެ ހެދުން ވާނީ މިދެންނެވި އަޅުގަނޑުމެން ޕްރޮމޯޓް ކުރި ވެރިކަމުގެ ބާވަތާ އެއް ތައްގަނޑަކަށް ނުފެތޭ ކަމަކަށް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ،، އަދި ރާއްޖެއަށް ވަރަށް ބޮޑެތި އެހީތައް ދީފައިވާ ގައުމެއް ކަމަށެވެ. އަދި މި ސަރުކާރުން ވެސް ޗައިނާ އާއެކު އެގުޅުންތައް ކުރިއަށް ގެންދަން ގަސްތުކުރައްވާ ކަމަށެވެ.

އަދި ސަރުކާރުގެ ވިސްނުމަކީ ޗައިނާގެ ކުރިއެރުމާ، ޗައިނާގެ ޓެކްނޮލޮޖީ އާއި ފަންނުވެރިކަމުން ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުގެ އިސް ބޭފުޅަކު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސީދާ ޗައިނާއަށް ފާޑުކިޔުމަކީ އެގުޅުން ބަދަހިކުރަން އެޅޭނެ ހުރަހަކަށް ނުވާނެތޯ "ސަން" އިން ކުރި ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ވިދާޅުވީ "ތަފާތު ހިޔާލުތަކަށް ސަރުކާރުން އަބަދުވެސް ޖާގަ ދޭނެ" ކަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ޗައިނާއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިފައި ވާއިރު، މިނިސްޓަރު ވިދާޅުވީ މި ދަތުރުގައި ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، ގުޅުން ބަދަހިކުރުމުގެ ބިންގާ މި ސަރުކާރުން އަޅާނެ ކަމަށެވެ.

މި ސަރުކާރުން ޗައިނާ ދުރުކޮށް، އިންޑިއާގެ އުނގަށް ވެއްޓޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާއިރު، މިނިސްޓަރު "ސަން"އަށް ވިދާޅުވީ އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ. ޝާހިދު ވިދާޅުވީ ސަރުކާރުން ގެންގުޅެނީ ވަރަށް "ބެލެންސްޑް" ޕޮލިސީއެއް ކަމަށާއި، ހުރިހާ ގައުމަކާ އެކުވެސް މި ސަރުކާރުން ގުޅުން ބަދަހި ކުރާނެ ކަމަށެވެ.

އަދި ޗައިނާއާށް ކުރައްވާ ދަތުރުފުޅަކީ ވެސް ޗައިނާއާ މެދު ސަރުކާރުން ތަފާތު ކުރުމެއް ނުގެންގުޅޭ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ފޮރިން ޕޮލިސީގައި ވަރަށް ސާފުކޮށް މިއޮތީ ދުނިޔޭގެ ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން. އޭގެ ސާފު މިސާލެއް ތި ފެނިވަޑައިގަންނަވަނީ މިހާރު އަޅުގަނޑު ޗައިނާއަށް ވެސް މިދަނީ އަދި ޗައިނާ ސަރުކާރުން ވެސް އަޅުގަނޑަށް ދައުވަތު ދީފައި މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވެސް ޝާހިދު ވަނީ ޗައިނާ - ރާއްޖެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. ޝާހިދު ވިދާޅުވީ ގޯހަކީ ޗައިނާ ނޫން ކަމަށާއި، ގޯހަކީ ކުރީގެ ސަރުކާރު ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ދިން އެހީތަކުގެ ނާޖައިޒް ފައިދާ ކުރީގެ ސަރުކާރުން ނެގުމަކީ ޗައިނާގެ މައްސަލައެއް ނޫން ކަމާށާއި، އަދި ފާޑުކިޔަން ޖެހެނީ އެ ސަރުކާރުން ކަންތައްތައް ކުރި ގޮތަށް ކަމަށާއި ޗައިނާއަށް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް