މަސްވެރިކަން އިންތިހާއަށް ރަނގަޅު، މަސް ނުކިރި ޝަކުވާ ބޮޑު!

ދިވެހި މަސްވެރިިން މަސް ބޭނުމުގައި: މަސް ކިރާ ތަންތަނުގެ ކެޕޭސިޓީއަށް ވުރެ ގިނައިން ދަނީ މަސް ބާނަމުން

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި މަސްވެރިކަން އޮތީ އާދައިގެ ގޮތަަކަށެވެ. އެހެން ނަމަވެސް، މި ފަހުން އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުގައި މަސްވެރިކަން މިވަނީ އިންތިހާއަށް ރަނގަޅުވެފަ އެވެ. މަސްވެރިކަން ރަނގަޅުވެ، މަސް ކިރާ ތަންތަން ފުރޭ ހިސާބަށް މިހާރު ވަނީ ބާރުބޮޑުވެފަ އެވެ.

ހުރިހާ ދޯނިތައް އެއް ތަނަކަށް

މި ދުވަސްވަރަކީ އުތުރުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެފައި ދެކުނަށް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. އެހެންކަމުން، ދެކުނުގެ މަސް ދޯނިތައްވެސް މިހާރު އުޅެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގަ އެވެ. އެކަމަކު، މަސްވެރިންގެ ޝަކުވާ އަކީ، ބާނާ މަސްތައް ނުކުރި އުކާލަން ޖެހޭ ހިސާބަށް ކަންކަން ދިޔުމެވެ.

ގއ. ދާންދޫގެ "ހާސްރޯދި" ދޯނީގެ ވެރިފަރާތް މުހައްމަދު ލަތީފު ބުނި ގޮތުގައި މި ދުވަސްވަރު ހުވަދު އަތޮޅާއި ދެކުނުގެ މަސްވެރިކަން ވަރަށް ދަށެވެ. އެހެންވެ ދެކުނުގެ ބޮޑެތި މަސް ދޯނިތައް މިހާރު މަސްވެރިކަމަށް ގޮސް އުޅެނީ އުުތުރުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަން އެންމެ ރަނގަޅީ ޅ. އަތޮޅުގަ އެވެ.

ދިވެހި މަސްވެރިން ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއުވެސް ވިދާޅުވި ގޮތުގައި ދެކުނުގެ މަސް ދޯނިތައް މިހާރު ގޮސް އުޅެނީ އުތުރުގެ އަތޮޅުތަކުގަ އެވެ. އަދި އޭނާ ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިކަން ދަށް ވުމުން ބޮޑު ކަންނެލީގެ ބައެއް ދޯނިތައްވެސް މިހާރު އުތުރުގައި މަސް ބާނަން ގޮސް އެބަ އުޅޭ ކަމަށެވެ.

"މ.، ވ.، ޅ.، މި އަތޮޅުތަކުގައި މަސްވެރިކަން ވަރަށް ރަނގަޅު،" ޝާފިއު ވިދާޅުވި އެވެ.

ފެލިވަރަށް ބާރު ބޮޑު، ދޯނިތައް ކިޔޫގައި

އުތުރާއި ދެކުނުގެ ދޯނިތައް އެއް ތަނަކުން މަސް ބާނައިގެން ކިރަން ދާން ޖެހެނީ ފެލިވަރަށެވެ. ޝާފިއު ވިދާޅުވި ގޮތުގައި ފެލިވަރުން ދުވާލެއްގެ މައްޗަށް ކިރެނީ 100 ޓަނުގެ މަހެވެ. އެންސިސްއަށް ކިރުމުގެ ހުއްދަ އޮންނަނީ، ދުވާލަކު ދެ ޓަނެވެ. އޭނާ އިތުރަށް ބުނީ، ލ. މާންދޫއިން މިފަހަކަށް އައިސް ކިރަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ޓަނެއް ކަމުން އެތަނަށް މަސް ކިރަން މިހާރު ނުދާ ކަމަށެވެ.

ޝާފިއު ވިދާޅުވީ، މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމުން ފެލިވަރުގެ ކެޕޭސިޓީއަށް ވުރެ މަތިން ދުވާލެއްގެ މައްޗަށް މަސް ބާނަމުންދާ ކަމަށެވެ.

"ދުވާލެއްގެ މައްޗަށް ދޯންޏަކުން އެބަ ބާނާ 15 ޓަނު. ބޭނީމަ ދެތިން ދޯނީގެ މަސް ކިރާލާ އިރަށް ފެލިވަރު ފުރޭނެ. އެހެންވެ މި ވާ ގޮތަކީ ކެޕޭސިޓީއަށް ވުރެ ގިނައިން މަސް ބޭނެނީ،" ޝާފިއު ވިދާޅުވި އެވެ.

ހާސްރޯދީގެ ވެރިޔާ ލަތީފު އަދި ޝާފިއުވެސް ވިދާޅުވި ގޮތުގައި އުތުރުން މަސް ބާނައިގެން ގއ. ކޫއްޑޫއާ ހިސާބަށް ދިޔުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެ ހިސާބަށް ދެވޭ އިރު މަސް ހުންނާނީ ކުނިވެފަ އެވެ. އަދި މަސް ކިރަން އެ ހިސާބަށް ދަތުރު ކުރުމަކީ ތެލުގެ ހަރަދު ބޮޑު ދެކޮޅު ޖެއްސޭނެ ކަމެއް ނޫންކަމަށް އެ މަސްވެރިން ފާހަގަ ކުރެއްވި އެވެ.

ޒުވާން މަސްވެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ގއ. ގެމަނަފުށީ ހަސަން ސާޖިން ބުނި ގޮތުގައި މަސް ކިރަން ގޮސް ތިބި ދޯނިތައް ގިނަކަމުން މިހާރު ކިއު ވަނީ ވަރަށް ދިގުވެފަ އެވެ. ދެތިން ދުވަސް މަޑުކޮށްގެންވެސް މަސް ނުކިރޭ ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ ނޫން ކުރިން ދުވަހު މަސް ބޭނި މީހުންނަށް މަސް ކިރެނީ އަންނަ ހޯމަ އަންގާރަ ދުވަހު. އެއީ ފެލިވަރުގައި. ހަތް ހަ ދުވަސް ފަހުން މަސް މި ކިރެނީ،" ސާޖިން ބުންޏެވެ.

ސާޖިން ބުނި ގޮތުގައި މަސް ނުކުރި ގިނަ ދުވަސް ވާތީ އައިސްގެ ދަތިކަމަށްވެސް ވަނީ ޖެހިފަ އެވެ. ދޯނިތައް އައިސް ހޯދަން ދުއްވަން ޖެހޭތީ ތެލުގެ ހަރަދުވެސް ބޮޑުވަމުންދާކަން އެނާ ފާހަގަ ކުރި އެވެ.

"ކޮންމެ ދޯންޏެއް ކަހަލަ ގޮތަކަށް އެބަ އުޅޭ 15 ޓަނު، 20 ޓަނު، 25 ޓަނު ބާނައިގެން. 10 ޓަނަށް ވުރެ މަދުން ބޭނި ދޯންޏެއް އެބައިންހެން ހިއެއް ނުވޭ މި ދެ ދުވަސް ތެރޭގައި،" ސާޖިން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަސް ނުކުރިގެން އުޅޭ މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި މަސްވެރިންނަށް ޖެހޭނީ މަސްތައް އުކާލާށެވެ.

މަސްތައް އުކާލާ ހިސާބަކަށް އަދި ނުދޭ: މިފްކޯ

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މިދިޔަ 10 އަހަރު ތެރޭ މަސްވެރިކަން ރަނގަޅު ނުވާ ވަރަށް ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ދޯނިތައް އުތުރަށް ޖަމާވެ މަސްވެރިކަން ކުރަމުން އަންނަ އިރު އެކަމުގެ އެންމެ ބޮޑު ބާރެއް ކުރަނީ ކޭނިން ފެކްޓަރީ ހުންނަ ޅ. ފެލިވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވި ގޮތުގައި، ފެލިވަރުގެ ފްރީޒިން ކެޕޭސިޓީ ހުންނަ ވަރުން ދުވާލެއްގެ މައްޗަށް ނެގެނީ 30 ޓަނުގެ މަހެވެ. އެހެން ކަމުން، ކޫއްޑޫގެ މަސް ބޯޓްތައް ގެނެސް ގެން މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެލިވަރުގެ ކެޕޭސިޓީ މިހާރު ހުރި ގޮތުން އަޅުގަނޑުމެންނަށް ވަރަށް ދަތި ދުވަހުން ދުވަހަށް ބާނައިގެން އަންނަ މަސްތައް ނަގައި ފްރީޒް ކުރަން. ފްރީޒިން ކެޕޭސިޓީގެ މައްސަލައެއް އުޅެނީ. އަޅުގަނޑުމެން ހޯލްޑިން ކެޕޭސިޓީ އެބަ މެނޭޖް ކުރަން،" ފައުޒީ ވިދާޅުވި އެވެ. "އެވްރެޖްކޮށް ބޮޑެތި އަދަދުތަކުން މި ހުރީ މަސް ބާނާފައި. ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަހުރި. އެކަމަކު މަސް އުކާލަން ޖެހޭ ހިސާބަކަށް އަދި ނުދޭ. އައިސް ދީގެން ދޯނިތަކުގައި ބަހައްޓައިގެން އެބަ މެނޭޖްކުރަން،"

ފެލިވަރުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްތަކެއް ވެސް މި ސަރުކާރުން ކުރާނެކަން ފައުޒީ ފާހަގަ ކުރެއްވި އެވެ. އަދި ފައިސާ ހަމަޖެހުނުހާ އަވަހަކަށް އެ މަޝްރޫއު ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް