ހަފްތާއިން ސޯޝަލް މީޑިއާ: އައިފޯނާއި ކައިޒީނާއި ދިވެހި ފުޓްބޯޅަ

އަހަރެމެންގެ ދުނިޔެ މިހާރު ކުޑަވެފައި މި ވަނީ ސޯޝަލް މީޑިއާ އަށެވެ. ހިނގާ ހުރިހާ ކަމެއް އެއްތަނަކުން ފެންނާނެ ތަނަކީ ސޯޝަލް މީޑިއާ އެވެ. އެންމެ މަގުބޫލް ކަންތައްތަކާއި ބައެއްގެ ދެމެދުގައި ހިނގާ ޑްރާމާ ގަނޑު ބަލާލެވޭނެ ތަނަކީ ވެސް ސޯޝަލް މީޑިއާ އެވެ. މި ހަފްތާވެސް މިއީ ސޯޝަލް މީޑިއާގެ ފޯރި ގަދަ ހަފްތާއެކެވެ.

އުފަންދުވަސް އަންނަނީ، ބޭނުމީ އައިފޯން 11!

އެޕަލްގެ އާ އުފެއްދުންތައް ދައްކާލުމަށް ކޮންމެ އަހަރެއްގައި ބާއްވާ އެޕަލް އިވެންޓް އަކީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އަދި ބަލާ އިވެންޓެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ އެޕަލްއިން ބޭއްވި މި އިވެންޓުގައި އާ އައިފޯނު، އައިފޯން 11 ވަނީ ދައްކާލާފަ އެވެ. އެއާއެކު އައިފޯނަށް ފޭނުންގެ ކަމަކަށް އޮތީ އެ ފޯނަށް ތައުރީފުކޮށް އާ ފޯންގެ މޮޅު ވާހަކަ ދައްކަ ސަޅިކެނޑުމެވެ.

އައިފޯން ފޭނުން ސޯޝަލް މީޑިއާއަށް ނިކުމެ، ބުނީ އުފަންދުވަހުގެ ހަދިޔާ އަކަށް އާ އައިފޯނެއް ބޭނުންވާ ކަމަށެވެ. އައިފޯނަށް ރުޅިއަރާ މީހުންގެ ކަމަކަށް އޮތީ، އެޕަލް ފޭނުންނަށް ހަޖޫ ޖެހުމެވެ. އެ މީހުން ބުނަނީ އައިފޯން 11 ޕްރޯގެ ކެމެރާ ފެންނައިރު ހީވަނީ، ފިލިޕްސްގެ ޓްރިމަރުގެ ތިލަތައްހެން އެވެ. މިއީ އައިފޯނަށް ލޯބި ޖެހިފައިވާ މީހުންނަށް ކަމުދާ ވާހަކައަކަށް ނުވި އެވެ.

އައިފޯންގެ ސަޕޯޓަރުން އެ މީހުންގެ އެއް ނަމްބަރު ފޯނުގެ ދިފާއުގައި ނިކަން ރަނގަޅަށް ޒުވާބުކޮށް ސޯޝަލް މީޑިއާ ކައްކުވާލި އެވެ.

ނަމަވެސް ހުރިހާ އެންމެންނަށް ވެސް އެންމެ ކަމުދިޔަ ކަމަކީ އާއައިފޯންއާ އެކު ސޯޝަލް މީޑިއާއަށް އުފަންކުރުވި މީމް ތަކެވެ. އައިފޯނުގެ ޑިޒައިނަށް ފާޑުކިޔާ ތައްޔާރުކޮށްފައިވާ މީމްތަކުން އެތައް ބަޔަކު މަޖާ ނެގި އެވެ. އައިފޯނުގެ ކެމެރާ ޑިޒައިން ވަނީ ކަށްޓާއި، ގޭސް އުނދުނާ ވެސް އަޅާ ކިޔާފަ އެވެ.

މެމްބަރު ޖާބިރާއި "ސަންރައިޒް"

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިދިޔަ ހަފްތާ މަޖިލީހުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއް ވެގެން ގޮސްފައި މި ވަނީ ވަރުގަދަ މީމް އަކަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ ހޮނޑައިދޫން ހައްޔަރުކުރައްވާފައިވަނި ކުށެއް ކުރައްވަނިކޮށް ނޫން ކަމަށާއި އެހެންނަމަވެސް "ސަންރައިޒް" ބައްލަވަން އިންނަވަނިކޮށް ކަމަށެވެ.

އިންޓަނެޓް އަށް އެ ވާހަކަ ވެގެންދިޔައީ ނިކަން ރަނގަޅަށް މީމް ހަދާލާނެ ފުރުސަތަކަށެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސަންރައިޒް ބަލަން ދާ ވާހަކަ ލިޔެ އެވާހަކަ ދައްކަން ފަށައިފި އެވެ. މިހާރު ސޯޝަލް މީޑިއާގައި ތިބި އެންމެން ކަހަލަ ގޮތަކަށް ބުނަނީ ބޭނުމީ ސަންރައިޒް ބަލައިލަން ދާން ކަމަށެވެ.

އެންމެން ހައިރާންކޮށްލީ "ބަވަތި"!

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު ކަމަށްވާ "ބަވަތި"ގެ ވާހަކަ ދެއްކިއިރު އާންމުންގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުއްޓެވެ. މުޅިން އާ މީހަކު ޑައިރެކްޓްކުރާ ފިލްމަކަށް ވުމުން އެ ފިލްމުގެ ކޮލިޓީއާ މެދު ވަނީ ސުވާލުތަކެއް އުފައްދާފަ އެވެ.

ނަމަވެސް ފިލްމު ޕްރިމިއާ ކުރުމާއެކު ބެލުންތެރިންގެ އެހީތަކަކީ ކުށްހީއެއްކަން ފިލްމްގެ ޓީމުން ބުނެދީފި އެވެ. ބެލުންތެރިން ބުނަނީ އެއީ ދިވެހި ސިނަމާ އޮލިމްޕަސް ދެކިފައިވޗާ މުޅިން ތަފާތު ފިލްމެއް ކަމަށެވެ. އެ ފިލްމެއް ބަލައިފި މީހަކު ސޯޝަލް މީޑިއާއަށް ތައުރީފެއް ދޫކޮށް ނުލައެއް ނުދެ އެވެ.

ފިލްމުގެ ޕްލޮޓްގެ އިތުރުން ފިލްމުގެ ސިނެމެޓޮގްރެފީ އާއި އެކްޓިން ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އެވެ. ނުޒުހަތު ޝުއަައިބާއި އަހުމަދު އިފްނާޒް ލީޑު ރޯލުން ފެނިގެންދާ ބަވަތި ފިލްމު ވެފައިވަނީ ހިޓަކަށެވެ. ފިލްމަށް ދަނީ ބެލުންތެރިންގެ ލޯބި އަދިވެސް އޮހެމުން އެވެ.

ރާއްޖެ - ޗައިނާ މެޗު، ޗައިނާއަށް މަރުހަބާ

ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޗައިނާއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ޗައިނާ ވަނީ ފަސޭހަކަމާއެކުގައި ކާމިޔާބުކޮށްފަ އެވެ. އެ މެޗު ޗައިނާ ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗު ހާއްސަވާ ގިނަ ސަބަބުތަކެއް ވިއެވެ. އެއިން އެއް ސަބަބަކީ އަލީ އަޝްފާގު (ދަގަނޑޭ) އެ މެޗުގައި ކުޅުމަށް ހަމަޖެއްސީމަ އެވެ. މިދިޔައަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަކަށް އޭނާ ހާޒިރުނުވުމުން ގައުމީ ޓީމުން ބޭރު ކުރުމަށްފަހުގައި، އެނބުރި ގައުމީ ޓީމަށް އައިސް އޭނާ ކުޅުނު ފުރަތަމަ މެޗަކީ ޗައިނާއާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗެވެ.

ރާއްޖެ ޗައިނާގެ އަތުން ބަލިވުމުން ބެލުންތެރިން ދެރަވި ނަމަވެސް ކުޅިވަރުގެ ރޫހާ އެއްގޮތަށް ދިވެހިން ވަނީ ޗައިނާއަށް މަރުހަބާ ކިޔާފަ އެވެ. އެކަމަކު ދިވެހި ފުޓްބޯޅަ އޮތް ހާލަތާ މެދު އެތައް ބައެއްގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާއަށް ތިލަކުރި އެވެ.

އާދައިގެ މަތިން ދިވެހިންނަށް ގޯސްވީ، ތަޖުރިބާކާރު ފުޓްބޯޅަ އެނައުންސަރު، އަބްދުﷲ އަޒްމީން އެވެ. އަޒްމީންގެ ތެޅި އަގަޔާ ހުރެ ރުޅިއެރި މީހުން ޓީމް ބަލިވުމުގެ ހުރިހާ ޒިންމާ ކަނޑާލީ އަޒްމީންގެ ބޮލަށެވެ. އަނެއް ބަޔަކަށް ގޯހީ އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް އެވެ. އޭނާ މަގާމުން ބޭރު ނުވެގެން ބަޔަކު ޕެޓިޝަނެއް ވެސް ހަދަން ފަށައިފި އެވެ.

ރައްދުވި ފާޑުކިޔުންތަކާއެކު ކައިޒީންގެ ހިތް ކުދިކުދި

އިންސްޓަގްރާމްގެ ތެރެއިން މަޝްހޫރުކަން ހޯދި ދިވެހި މޮޑެލް، ކައިޒީންގެ ކައިވެނި ރޫޅުނުކަން ފަޅާއެރުމާ އެކު ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެންފެށި އެވެ. ކައިޒީން އާ އެތައް ބަޔަކާ އަޅުވާކިޔަންފެށި އެވެ. އެޑިޓްކޮށް ކައިޒީންގެ އެތައް ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްޕާލީ އެވެ.

މީގެކުރިން ވެސް ކައިޒީން އަށް ފާޑުކިޔުންތައް ރައްދުވެ އެވެ. ނަމަވެސް މިފަހަރު ކައިޒީން އަށް ހަމަ ކެތް ނުވީއެވެ.

ކައިވެންޏާއި ވަރީގެ ވާހަކަތައް ހަގީގަތާ ހިލާފަށް އާންމުންގެ ތެރޭގައި ފެތުރުމަކީ އޭނާއަށް ތަހައްމަލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ އޭނާ ވަނީ އެންމެފަހުން ފޭސްބުކަށް ސްޓޭޓްމަންޓެއް ދޫކޮށްލައިފަ އެވެ.

މީހަކާ "ޑޭޓް" ކުރަމުންދާ ކަމަށް ސޯޝަލް މީޑީއާގައި ދެކެވޭ ވާހަކަތައް އޭނާ ވަނީ އެ ސްޓޭޓްމަންޓުގައި ދޮގުކޮށްފަ އެވެ. އަދި ހަގީގަތެއް ނެތް އެފަދަ ވާހަކަތަކުން އޭނާގެ އިތުރަށް އެހެން މީހުންގެ އަބުރަށް ވެސް އަރައިގަނެވޭކަން ފާހަގަކޮށް ކައިޒީން ވަނީ އިތުރަށް އެފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށް ވެސް ބުނެފަ އެވެ.

މި ހަފްތާ ނިންމާލަން މިޖެހުނީ ކައިޒީންގެ ހިތް ކުދިކުދިކޮށްލައިފަ އެވެ. އަދި އެ ޒަހަމްތަކުން އޭނާގެ ހިތުގައި އުފެދި ބޮޑުވި ޖަޒްބާތުތަކުގެ ތެރެއަށް އަހަރުމެން މި ވަނީ ޣަރަގު ކޮށްލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު