ފަލަސްތީނުގެ ބިންތައް އިސްރާއީލަށް ނަގަން އުޅޭތީ އެކަން ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސަރުކާރު އެކުލަވާލަން ނާކާމިޔާބުވެފަ -- ފޮޓޯ: ރޮއިޓާސް

އިސްރާއީލުގައި އަންނަ ހަފްތާގައި ބާއްވާ އާންމު އިންތިހާބު ކާމިޔާބުވެއްޖެނަމަ، އިސްރާއީލުން ހުޅަނގު އައްސޭރީގައި ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަދާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަވާފައި ވާތީ އެކަން ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންތިހާބުގެ ކެމްޕޭނުގައި ދެއްކެވި އެ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވެފައިވަނީ އިންތިހާބު ކާމިޔާބުވެއްޖެނަމަ، ހުޅަނގު އައްސޭރީގައި އޮންނަ އުރުދުން ވާދީ އަދި ޑެޑް ސީގެ އުތުރުގައި އޮންނަ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އިސްރާއީލުން މިހާރު ވެރިވެގެންފައިވާ ސަރަހައްދުތަކަކީ އިސްރާއީލުގެ ސަރަހައްދުތަކެއް ކަމުގައި ކަނޑައަޅާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ އެއްވެސް ސަރަހައްދެއް އިސްރާއީލުގެ ސަރަހައްދެއްގެ ގޮތުގައި އެގައުމަށް ނަގައިފި ނަމަ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި، އެއީ ފަލަސްތީނާއި އިސްރާއީލުގެ އިންތައް ކަނޑައެޅި ޖެނީވާ ކޮންވެންޝަނާވެސް ޚިލާފު ކަމެއް ކަމަށެވެ.

އަދި މި ކަމަކީ މެދު އިރުމަތީގެ ސުލްހައަށް މަސައްކަތްކުރާ ފަރާތްތަކުން މަޝްވަރާއެއް ބޭއްވުމަށް އޮތް ފުރުސަތުތައްވެސް ގެއްލުވާލާނެ ކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ވަނީ މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ މަޖުތުމައާއި އދގެ ސަލާމަތީ މަޖިލީހުން ވީހާވެސް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ތިބީ ފަލަސްތީނާއެކުގައި. އަދި ރާއްޖެއިން އަދިވެސް ގޮވާލަމުން ދާނީ މިނިވަން ފަލަސްތީނެއްވެސް ހިމެނޭ ގޮތަށް، 1967 ގެ ބޯޑަރުތަކަށް ބިނާކޮށް ދެ ދަައުލަތެއް އޮތުމަށް،" ފޮރިން މިނިސްޓްރީން ބުންޏެވެ.

އިސްރާއީލުން ވަނީ 1967 އިން ފެށިގެން، ހުޅަނގު އައްސޭރީގައި 100 އަށް ވުރެ ގިނަ އާބާދުތައް ގާއިމުކޮށްފައެވެ. އެތަންތަނުގައި 650،000 އެއްހާ އިސްރާއީލު ރައްޔިތުން ދަނީ ދިރިއުޅެމުންނެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުގައި މިތަންތަނުގައި އިސްރާއީލުން މީހުން އާބާދުކުރުމަކީ ގާނޫނާ ހިލާފުކަމެކެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީގައި ކޮންޓްރޯލުކުރާ ސަރަހައްދުތަކުގެ ތެރޭގައި ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާފައިވާ އިރުމަތީ ގުދުސް (އީސްޓް ޖެރޫސަލެމް)ވެސް ހިމެނެއެވެ.

comment ކޮމެންޓް