މާލެއަށް މިނީ ބަސް ތައާރަފުކުރެވޭނީ އަންނަ އަހަރު: މިނިސްޓަރު

މާލެ އަށް މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

މާލެއަށް މިނީބަސް ތައާރަފުކުރެވޭވަރުވާނީ އަންނަ އަހަރު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން އާދީއްތަ ދުވަހު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަސް ތައާރަފު ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރަމުންދާ ކަމަށެވެ.

"މިނީ ބަސް ތައާރަފުކުރުން ލަސްވޭ، އެކަން އަޅުގަނޑުމެން ވެސް ގަބޫލުކުރަން. އަޅުގަނޑުމެން ގެންނަ ބަސްތަތަކީ މާލޭގެ މަގުތަކަށް އެކަށޭނެ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ގެންނަ ބަސްތަކެއް،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެ އަށް ގެންނަ ބަސްތަކުގައި 16 ނޫނީ 18 ސީޓު ހުންނާނެ ކަމަށާއި މިއީ މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަވާނެހެން ހަނި ބަސްތަކަކަށް ވާނެ ކަމަށެވެ.

"އެންވަޔަރަމެންޓް ފްރެންޑްލީ ބަސްތަކެއް މިއީ. ކަސްޓަމައިޒް ކުރާތީ ބަސް ގެނައުން ލަސްވަނީ. އެކަމަކު މިކަން ކުރާނެ ބަޔަކު ހޯދައި އެމްޓީސީސީ އިން ވަނީ ހުށަހަޅާފައި. އަޅުގަނޑުމެން ރައީސް އޮފީހާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ އަލަށް ބަސް ގެންނައިރު، އޯޑަރު ކުރާތާ 90 ދުވަސް ތެރޭ ބަސްތައް ލިބޭނެ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ކުރިއަށް އޮތް 90 ދުވަސްތެރޭ ބަސްތައް މާލެ ގެނެސް ހިދުމަތް ފެށޭނެ ވާހަކަ ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަޔަކު އަލަށް މެނުފެކްޗާ ކުރާއެއްޗެއް ވީމާ، މެނުފެކްޗާ ކުރަން ޖެހޭނީ، ވަގުުތު ނަގާނެ ބިޑް އިވެލުއޭޓް ކުރަން ވެސް، އުފައްދަން ވެސް،" މާލެ އަށް ގެންނަނީ ސީދާ ކިތައް ބަސްކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ފައިސާ ހުރި ވަރަކުން ވީހާ ވެސް ގިނަ އަދަދެއްގެ ބަސް ގެނެސް ހިދުމަތް ދޭނެ ކަމަށެވެ.

މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ. އެ ކުންފުންޏާއެކު މިނިސްޓްރީ އިން ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއްބަސްވުމުގެ ދަށުން ހަތަރު މަސް ތެރޭ އެ ހިދުމަތް ދޭންފަށަން ޖެހެ އެވެ. މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

https://sun.mv/121931

comment ކޮމެންޓް