ފަރެސްމާތޮޑާ ސްކޫލުގެ ނާސްތާގައި ފުޅައަޅާފައި ހުރި މައްސަލަ ބަލަނީ

ހުވަދޫ ސްކޫލުގެ ކާތަކެތީގައި ފުޅައަޅާފައި ހުރި ކަމަށް ބުނެ ދައުރުވި ވީޑިއޯއެއްގެ ސްކްރީންޝޮޓެއް---

ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައި ދިން ނާސްތާގައި ފުޅައަޅާފައި ހުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިސްޓްރީން މިހާރު ބަލަމުންދާ ކަމަށެވެ.

ހުވަދޫ ސްކޫލުން މައުލޫމާތު ދެއްވި ބޭފުޅަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ އެ ސްކޫލުގައި ދިން ނާސްތާގައި ކޮންމެވެސް ވަރަަކަށް ފުޅަ ހުރި ކަމަށެވެ.

ފުޅަ ހުރި ކާ ތަކެތި ދައުރުވާ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މީގެ ކުރިން ވެސް ރަށެއްގެ ސްކޫލުގައި ދަރިވަރުންނަށް ބިންމަތީގައި ނާސްތާ ދިން މައްސަލައެއް މި އަހަރު ކުރީ ކޮޅު ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން އޭރު މިނިސްޓްރީން ބުނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެ ކަމަށެވެ.

ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް ފުޅާކޮށް މިހާރު ވަނީ ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގައި ނާސްތާ ދޭން ފަށައިފަ އެވެ.

comment ކޮމެންޓް