ޖަމާލް ހާޝުގްޖީ މަރާލާ އަޑު އިވޭ އޯޑިއޯގެ ތަފްސީލު އާއްމުކޮށްފި

ހާޝުގްޖީ މަރާލާ އޯޑިއޯ ތުރުކީގެ ނޫހަކުން ވަނީ އާއްމުކޮށްފަ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (ސެޕްޓެމްބަރު 10): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލުމުގެ ކުރިންނާއި ފަހުން ދެއްކި ވާހަކަތަކުގެ އޯޑިއޯއިން އިވިގެންދާ ވާހަކަތައް ތުރުކީގެ ޑެއިލީ ސަބާހު ނޫހުން އާއްމުކޮށްފި އެވެ.

ތުރުކީގެ ޖާސޫސީ އިދާރާއިން ހޯދި އެރިކޯޑިން އިން ހާޝުގްޖީ އާއި އޭނާ މަރާލަން ކޮންސިއުލޭޓަށް ދިޔަ ސައުދީގެ 15 މީހުންނާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު ދޭއްގައި ދެއްކި ވާހަކަތައްވެސް އަޑު އިވިގެންދެ އެވެ.

އެމެރިކާއަށް އަމިއްލައަށް އަރުވާލެވިގެން ހުރި ހާޝުގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާގެ ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ.

ޑެއިލީ ސަބާހުގައިވާ ގޮތުން ހާޝުގްޖީ ކޮންސިއުލޭޓަށް ވަނުމުން އޭނާއަށް މަރުހަބާކީ އޭނާ ދަންނަ މީހެކެވެ. އަދި މަރުހަބާ ކިޔުމަށް ފަހު ހާޝުގްޖީ ގެންދިޔައީ ކޮންސިއުލޭޓުގެ ކޮޓަރިއަކަށެވެ.

އެކޮޓަރި ތެރެއަށް ވަނުމުން، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބޮޑީގާޑެއް އަދި އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ މާހިރު އަބްދުލްއަޒީޒު މުތުރަބު ހާޝުގްޖީ ގާތުގައި އިށީނުމަށް އެދުނެވެ. އަދި ހާޝުގްޖީ އަނބުރާ ސައުދީއަށް ގެންދަން ޖެހޭ ކަމަށް ބުންޏެވެ.

"އިންޓަޕޯލްގެ އޯޑަރެއް އެބައޮތް. އިންޓަޕޯލްއިން ބުނަނީ [ހާޝުގްޖީ] އަނބުރާ ދާން ޖެހޭ ކަމަށް. އަހަރެމެން މިއައީ ގެންދަން،" މުތުރަބު ބުންޏެވެ.

ނަމަވެސް ހާޝުގްޖީ ވަނީ އޭނާއާ ބެހޭ ގޮތުން އެފަދަ އަމުރެއް ނެރެފައި ނުވާނެ ކަމަށާއި އޭނާގެ ލޯބިވެރިޔާ ކޮންސިއުލޭޓުގެ ބޭރުގައި މަޑުކޮށްގެން ހުރި ކަމަށް ބުނެފަ އެވެ.

ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ސައުދީ ވަލީއަހުދު ކަމަށް ވަނީ ތުހުމަތުކޮށްފަ -- ފޮޓޯ: ރޮއިޓާސް

އަދި ހާޝުގްޖީގެ ދަރިފުޅަށް ދެން އޭނާއަށް ނުގުޅިދާނެ ކަމަށް ބުނެ ދަރިފުޅަށް ސިޓީއެއް ލިޔުމަށް މުތުރަބު ހާޝުގްޖީ ގާތުގައި ބުންޏެވެ. އެކަމަށް އޭނާ ދެކޮޅު ހެދުމުން މުތުރަބު ދިނީ އިންޒާރެކެވެ.

"ސިޓީ ލިޔޭ، ޖަމާލް. އަވަސް ކުރޭ. [ހާޝުގްޖީ] އަހަރެމެންނަށް އެހީވުމުން، އަހަރެމެންނަށް ވެސް އެހީވެވޭނީ. އެއީ ކޮންމެ ގޮތަކަށް ވިޔަސް އަހަރެމެން [ހާޝުގްޖީ] ސައުދީއަށް ގެންދާނަން. އަދި އެހީ ނުވާނަމަ ދެން ވާނެ ގޮތެއް [ހާޝުގްޖީއަށް] އެނގޭނެ،" މުތުރަބު ބުންޏެވެ.

އެއިންޒާރަށް ފަހު ސައުދީގެ 15 މީހުންގެ ޓީމުން ހާޝުގްޖީއަށް ބޭސްތަކެއް ދިނެވެ.

ޑެއިލީ ސަބާހު ނޫހުގެ ހެޑް އޮފް އިންވެސްޓިގޭޝަންސް، ނާޒިފް ކަރަމަން ވިދާޅުވި ގޮތުގައި ހާޝުގްޖީ މަރާލާފައި ވަނީ އޭނާގެ ބޮލުގައި ޕްލާސްޓިކް ކޮތަޅެއް އަޅައި، ނޭވާ ހާސްކޮށްގެންނެވެ.

އަދި އެހާދިސާގެ އޯޑިއޯ ރެކޯޑިންއިން އެނގޭ ގޮތުގައި، ހާޝުގްޖީގެ އެންމެ ފަހު ބަހަކަށްވީ އޭނާގެ "ނޭވާ ހާސްވާ ކަމަށާއި، ބޮލުގައި އަޅާފައިވާ ކޮތަޅު ނެގުމަށެވެ."

އަދި އޭގެ ފަހުން އޮޓޮޕްސީ ހަދަން ބޭނުން ކުރާ ޒާތުގެ ކީހަކުން ހާޝުގްޖީގެ ހަށިގަނޑު ކޮށާލާ އަޑު އިވިގެންދާ ކަމަށާއި އެކަމަށް 30 މިނިޓު ހޭދަވި ކަމަށް ތުރުކީގެ ނޫހުގައިވެ އެވެ.

ހާޝުގްޖީގެ ހަށިގަނޑުގެ ބައިތައް އަދިވެސް ހޯދިފައި ނުވެ އެވެ.

ހާޝުގްޖީ މަރާލީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި، ނަމަވެސް އެތަނުން އޭނާގެ ހަށިގަނޑު ފެނިފައި ނުވޭ -- ފޮޓޯ: އޭއޭ

އަދި ހާޝުގްޖީ ކޮންސިއުލޭޓަށް ދިޔުމުގެ ކުރިން ސައުދީ ޓީމުން ދެއްކި ވާހަކައިގެ ތެރޭގައި ސައުދީ ފޮރެންސިކް ޑޮކްޓަރު ސަލާހު މުހައްމަދު ތުބައިޖީ ވަނީ އޭނާ "ހަށިގަނޑު ކޮށާލުމުން، އެބައިތަކުގައި ޕްލާސްޓިކް ކޮތަޅު އޮޅާލުމަށް ފަހު އެބައިތައް ސޫޓްކޭސްއަށް ލައިގެން ބޭރަށް ގެންދިޔުމަށް" އަންގާފަ އެވެ.

މީގެ ކުރިން، ތުރުކީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވަނީ ހާޝުގްޖީގެ ހަށިގަނޑު އެސިޑަށް އަޅައިގެން ނައްތާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން ހާޝުގްޖީގެ ހަށިގަނޑު ނައްތާލީ އަވަނަކަށްލާ އަންދާލައިގެންނެވެ.

ހާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. ނަމަވެސް އެއީ ކޮންބަޔެއްކަން އެގައުމުން ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވޮޝިންޓަން ޕޯސްޓުން ވަނީ ހާޝުގްޖީ މަރާލަން އެންގެވީ ސައުދީ ވަލީއަހުދު ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ސައުދީން ވަނީ އެރިޕޯޓު ދޮގުކޮށްފަ އެވެ.

ހާޝުގްޖީއަކީ ސައުދީ އަރަބިއާގެ ޝާހީ އާއިލާއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ، ވޮޝިންޓަން ޕޯސްޓުގައި މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިއެކެވެ.

comment ކޮމެންޓް